ވިޔަފާރި

ބްރައިޑް ފެއާގެ މާކެޓިން ޕާޓްނަރަކަށް މާކިޓެކް މޯލްޑިވްސް

Aug 9, 2016

"ބްރައިޑް ފެއާ 2016" ގެ ސޭލްސް އެންޑް މާކެޓިން ޕާޓްނަރަކަށް މާކިޓެކްޓް މޯލްޑިވްސް ހަމަޖައްސައިފި އެވެ.

ބްރައިޑް ފެއާގެ މާކެޓިން ޕާޓްނަރަކަށް މާކިޓެކްޓް މޯލްޑިވްސް އައްޔަން ކުރިކަން އިއުލާނުކޮށް، އެކަމާއި ގުޅޭ އެއްބަސްވުމުގައި ރޭ ސޮއި ކޮށްފި އެވެ. އެ އެއްބަސްވުމުގައި ބްރައިޑް މޯލްޑިވްސް ގެ ފަރާތުން ސޮއި ކޮށްފައިވަނީ ބްރައިޑް މޯލްޑިވްސްގެ މެނޭޖިން ޑައިރެކްޓާ މުހައްމަދު ޝާފީ އެވެ. އަދި މާކިޓެކްޓް މޯލްޑިވްސްގެ ފަރާތުން ސޮއިކޮށްފައިވަނީ މެނޭޖިން ޕާޓްނާ އަލީ ޝިނާން އެވެ.

މި އެއްބަސްވުމުގެ ދަށުން މި އަހަރުގެ ބްރައިޑް ފެއާގެ ސޭލްސް އެންޑް މާކެޓިންގެ ހުރިހާ ކަމެއް ކުރިއަށް ގެންދާނީ މާކިޓެކްޓް މޯލްޑިވްސްގެ ބެލުމުގެ ދަށުންނެވެ. އެގޮތުން ފެއާގެ ސްޓޯލްތައް ވިއްކުމާއި، ސްޕޮންސަރުން ކަނޑައެޅުންފަދަ މަސައްކަތްތައް ކުރާނީ މާކިޓެކްޓް މޯލްޑިވްސް އިންނެވެ.

މި ޕްރޮޖެކްޓާއި ބެހޭގޮތުން މައުލޫމާތު ދެމުން ޝިނާން ވިދާޅުވީ މި ޕްރޮޖެކްޓަށް ވަރަށް ބޮޑަށް ތައްޔާރުވެފައި ކަމަށާއި އެގޮތުން ހުރިހާ ކަމެއްވެސް ވަރަށް ބޮޑަށް ޕްލޭން ކުރެވިގެން، ޓައިމް ފްރޭމްއެއް ކަނޑައެޅިގެން ކުރިއަށް ގެންދާކަމަށެވެ. ބްރައިޑް ފެއާގެ ސްޓޯލްތައް ވިއްކަން ވަރަށް އަވަހަށް އިއުލާނު ކުރާނެ ކަމަށާއި ސްޓޯލްތައް ގްނަން މިހާރުވެސް ބައެއް ފަރާތްތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ. ޝިނާން އިތުރަށް ވިދާޅުވީ ބްރައިޑް ފެއާގެ ސްޕޮންސަރުން ހޯދާ މީޑިއާ ޕާޓްނަރުން ކަނޑައަޅުމުގެ މަސައްކަތްތައްވެސް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.

ބްރައިޑް ފެއާ އަކީ ރާއްޖޭގެ ފެޝަން އިންޑަސްޓްރީގެ މަސައްކަތްތައް ދައްކާލުމަށް 2010 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންދާ ހާއްސަ ފެއާ އެކެވެ.