ހަބަރު

ސައިކަލް ޓެކްސީ ކުރާނީ މިހާރު ބޭނުންކުރާ ސައިކަލްތަކުގައި: ޓްރާންސްޕޯޓް

Aug 10, 2016
1

ސައިކަލް ޓެކްސީ ކުރަން ހުއްދަ ދޭނީ މިހާރު ވެސް ބޭނުން ކުރަމުން ގެންދާ ސައިކަލް ތަކަށް ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެފި އެވެ.

"ސައިކަލް ޓެކްސީ" ހިދުމަތް ރާއްޖޭގައި ފެށުމަށް ވަމުންދާ ތައްޔާރީތަކުގެ މައުލޫމާތު ދެއްވަމުން އިކޮނޮމިކް މިނިސްޓްރީގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސުގައި "އަވަސް" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ސްޓޭޓް މިނިސްޓަރު އަބްދުލް ލަތީފު މުހައްމަދު ވިދާޅުވީ ސައިކަލް ޓެކްސީ ފެށުމަށް ދެ ފަރާތެއް ހަމަޖެއްސިފައިވާ ކަމަށާއި، މިއާއެކު އެ ކަމަށް ބޭނުންވާ ގަވާއިދު ވެސް އެކުލަވާލުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށެވެ.

"އަޅުގަނޑުމެން އުސޫލުތައް ހަދަނީ އިންޓަނޭޝަނަލީ މިކަން [ސައިކަލް ޓެކްސީ] ކުރާ ގޮތް ބަލައިގެން. މިކަން ކުރަނީ މި ފުރަތަމަ އިންޓަރިމްކޮށް. މިކަން ކުރިއަށްދާ ވަރަކުން ރަނގަޅު ކުރަމުންދާނީ،" ލަތީފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސައިކަލް ޓެކްސީގެ ހިދުމަތް ފެށުމުން ދަތުރުފަތުރަށް ރައްޔިތުން ކުރަން ޖެހޭ ހޭދެ ކުޑަވެގެންދާނެ ކަމަށެވެ.

"މިކަން [ސައިކަލް ޓެކްސީ] ފަށަނީ ޖީބަށް ލުއިވާނެ ގޮތެއް ބަލައިގެން،" ލަތީފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހިދުމަތްދޭ ސައިކަލްތައް ހުންނާނީ މިނިސްޓްރީން ކަނޑައަޅާ މިންގަނޑަކަށް ކަމަށާއި، ސައިކަލްތަކުގައި ޓެކްސީއެއްކަން އެނގެން ހުންނާނެ ކަމަށެވެ.

"ހަމަ ނޯމަލް ސައިކަލް ހުންނާނީ. ނަމަވެސް ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށް ހުންނާނީ. ސައިކަލް ޓެކްސީ ފަށާއިރު އެންމެ ބޮޑަށް ބަލަނީ ޕެސެންޖަރު މީހާގެ ރައްކާތެރިކަމަށް. އެންމެ ބޮޑަށް ބަލާނީ ޕެސެންޖަރު މީހާ އަށް ބަލައިގެން،" ލަތީފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސައިކަލް ޓެކްސީ ދުއްވާ މީހުން ޔުނީފޯމެއް އެޅުމާމެދު އަދި ގޮތެއް ނުނިންމާ ކަމަށެވެ.

މިނިސްޓްރީން ބުނެފައިވާ ގޮތުގައި ސައިކަލް ޓްކްސީ ކުރުމުގެ ހުއްދަ ދީފައިވާ ދެ ކުންފުނިން މި ހިދުމަތް ދޭން ފަށާނީ މިކަމަށް ހާއްސަކޮގެން ހަދާ ގަވާއިދު ގެޒެޓްކުރުމަށް ފަހު ކަމަށެވެ.

ލަތީފު ވިދާޅުވީ މިހާރު ޓެކްސީގެ ހިދުމަތް ދޭ މީހަކަށް ވެސް ސައިކަލް ޓެކްސީ ދުއްވިދާނެ ކަމަށާއި، މި ހިދުމަތުގެ ސަބަބުން އިތުރު ވާޒީފާ ތަކެއް ވެސް އުފެދިގެންދާނެ ކަމަށެވެ.

"އެންމެ ބޮޑު މަގުސަދަކީ އިތުރު ވަޒީފާތަކެއް އުފެއްދުން. ސަރުކާރުގެ އެއް އަމާޒަކީވެސް މިއީ،" ލަތީފު ވިދާޅުވި އެވެ.

ސައިކަލް ޓެކްސީގެ ހިދުމަތް ތައާރަފު ކުރުމަށް ސަރުކާރުން ތައްޔާރުވަމުންދާއިރު، ޓެކްސީގެ ހިދުމަތާމެދު އާއްމުންގެ ދަނީ ގިނަ ޝަކުވާތަކެއް ކުރަމުންނެވެ. އެންމެ ބޮޑު ދައްޗަކީ ޓެކްސީ ނުލިބުމެވެ.