އެމްއެންޑީއެފް

ސިފައިން ސިޔާސީ ފަރާތްތަކާ ބައްދަލުކުރުން މަނާކޮށްފި

Aug 10, 2016
7

ސިފައިން ސިޔާސީ ފަރާތްތަކާ ބައްދަލުކުރުން ޑިފެންސް މިނިސްޓްރީން މިއަދު މަނާކޮށްފި އެވެ. އެމްއެންޑީއެފުން ނެރުނު ނޫސް ބަޔާނެއްގައި ބުނަނީ ދިވެހި ސިފައިންގެ މީހަކު، ސިފައިންގެ އިސްވެރިއެއްގެ ހުއްދަ ނެތި ވަޒީރުންނާއި، ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާފައިވާ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނާއި ރައްޔިތުންގެ މަޖިލިސްގެ މެންބަރުންނާއި ބައްދަލު ކުރުމަކީ މަނާ ކަމެއް ކަމަށެވެ.

އަދި ގާނޫނަކުން ކަނޑައަޅާފައިވާ އިންތިހާބެއްގައި ބައިވެރިވާ ކެނޑިޑޭޓުންނާއި ސިޔާސީ ޕާޓީތަކުގެ ވެރިންނާއި އެކްޓިވިސްޓުންނާއި ޑިޕްލޮމެޓުންނާއި ރާއްޖެއިން ބޭރުގެ އަސްކަރިއްޔާތަކުގެ ބޭފުޅުންނާއި، މިނޫނަސް ރާއްޖޭން ބޭރުގެ ފަރާތްތަކާއި ބައްދަލުކުރުމާއި އެފަދަ ފަރާތްތަކާއެކު އިޖުތިމާއީ އެއްވުންތަކަށް ދިއުމާއި ބައިވެރިވުމަކީ ވެސް މަނާ ކަމެއްކަމުގައި ޑިފެންސް މިނިސްޓްރީން ހަމަޖައްސާފައިވާ ކަމަށެވެ.

އެ ބަޔާނުގައި އަދި ބުނެފައި ވަނީ "ދިވެހި ސިފައިންނަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އާއި ދިވެހި ދައުލަތް ހިމާޔަތްކޮށް ބެލެހެއްޓުމާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ މިނިވަންކަމާއި އިސްތިގުލާލް އަދި ސިޔާދަތު ޙިމާޔަތްކޮށް ދިފާއު ކުރުމުގައި މެދުކެނޑުމެއްނެތި 24 ގަޑިއިރު ޚިދުމަތް ފޯރުކޮށްދިނުމަށް ދިވެހި ދައުލަތުން އުފައްދާފައިވާ އަސްކަރީ ލަޝްކަރެއް" ކަމަށެވެ.

ސިފައިންނަކީ ވަކިފަރާތަކަށް ބުރަވުމެއްނެތި، އިންސާފުވެރިކަމާ ތެދުވެރިކަމާއެކު ގައުމީ ވާޖިބު އަދާކުރަންޖެހޭ ބަޔަކަށްވާއިރު ސިފައިންގެ އިއްޒަތާއި ކަރާމާތަށް އުނިކަމެއް ނާންނާނެ ގޮތަށް އަމަލުތައް ބަހައްޓާ ނުފޫޒުތަކުންނާއި ސިޔާސީ ކަންކަމުން ސިފައިން އެއްކިބާވާންޖެހޭނެ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.