ރައްޔިތުންގެ މަޖިލިސް

ޖިންސުގެ ހަމަހަމަކަން ގާއިމްކުރާ ބިލު ކޮމިޓީއިން ފާސްކޮށްފި

ދެ ޖިންސުގެ ހަމަހަމަކަމާބެހޭ ބިލު، ނުވަތަ ޖެންޑާ އީކްއަލިޓީ ބިލު ރައްޔިތުން މަޖިލީހުގެ އިޖްތިމާއީ ކޮމިޓީއިން މިއަދު ފާސްކޮށްފި އެވެ.

ސަރުކާރު ފަރާތުން މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު ހުށަހެޅުއްވި މި ބިލް، ބައެއް އިސްލާހުތަކާއެކު ކޮމިޓީއިން ފާސްކުރީ އެ ކޮމިޓީގައި ތިއްބެވި ހަތް މެންބަރުންގެ ތެރެއިން ހަ މެންބަރުންގެ ވޯޓުންނެވެ. ގާތްގަނޑަކަށް އަހަރު ދުވަހުގެ ދިރާސާތަކަށް ފަހު މިއަދު ފާސ ކުރުމަށްފަހު ކޮމިޓީ ރިޕޯޓު މަޖިލީހުގެ ތަޅުމަށް މިއަދު ވަނީ ފޮނުވާފަ އެވެ.

ޖެންޑާ އީކްއަލިޓީ ބިލު ހުށަހެޅީ ގާނޫން އަސާސީގައި ވަކި ޖިންސަކަށް ބަލައި ތަފާތު ކުރުމެއް ނެތި ކޮންމެ މީހަކަށްވެސް ގާނޫނުގައި ބުނާ ކަންކަން ފުރިހަމައަށް ލިބިގެންވާކަން ކަށަވަރުކޮށްދިނުމަށާއި އަންހެނުންނާއި ދެކޮޅަށް ކުރެވޭ އެންމެހާ ތަފާތު ކުރުންތައް ނައްތާލުމާބެހޭ ބައިނަލްލަގުވާމީ މުއާހަދާ އިން ރިއާޔަތް ކުރާ ފިޔަވަޅުތައް އެޅުމަށް ކަމަށެވެ.

އަންހެނުންނާއި ފިރިހެނުންނަށް ތަފާތު ކުރުމަށް ބާރު އަޅާ ވިސްނުމައި ފިކުރާއި އުސޫލުތައް ހުއްޓުވުމަށް އެޅެން ހުރި ހުރިހާ ފިޔަވަޅެއް އެޅުމަށް މަގުފަހި ކުރުމާއި ރާއްޖޭގެ އިގްތިސޯދީ، އިޖްތިމާއީ، ސަގާފީ، އަދި ސިޔާސީ މައިދާނުގައި ފިރިހެނުންނައި އެއް ހަމައެއްގައި އަންހެނުންނަށްވެސް ހައްގުތަކައި ފުރުސަތުތައް ކަށަވަރު ކުރުން ވެސް މި ބިލްގެ މަގުސަދުގެ ތެރޭގައި ހިމެނެ އެވެ.

ޖިންސުގެ ހަމަހަމަކަން ގާއިމް ކުރާ މި ބިލު މަޖިލީހުގެ ތަޅުމަށް ފޮނުވާފައިވާ އިރު މި މަހު ފަހުކޮޅު މަޖިލީސް ޗުއްޓީއަށް ދާނެ އެވެ. އޭގެ ކުރިން މިހާރު ތަޅުމާ ހަމާގައި ހުރި ބައެއް ބިލްތައް ފާސްކުރައްވާނެ ކަމަށް ވެސް ބެލެވެ އެވެ.