ރިޕޯޓް

މުޒާހަރާ ކުރެވޭ ތަންތަން ކަނޑައެޅުމުން ވާނީ ކިހިނެއް؟

  • އެއްވެއުޅުމުގެ ހައްގުގައިވެސް ހިފެހެއްޓުންތަކެއް ހުރޭ
  • މާލޭގައި މުޒާހަރާ ކުރުމުން ތަކުލީފުތަކާ ކުރިމަތިވޭ
  • ހައްގެއް އުނިކުރަން އިދިކޮޅު ފަރާތްތަކުން ބޭނުމެއް ނުވޭ

އެކި ވިސްނުންތަކާއި ހިޔާލުތައް ނުވަތަ ތަފާތު ސިޔާސަތުތަކައި އާދަތައް ގެންގުޅޭ މީހުން އެއް މުޖުތަމައުއެއްގައި ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަން ގާއިމްވެފައި އޮތުން މުހިންމެވެ. ރާއްޖޭގެ ގާނޫން އަސާސީއަށް ބަލައިއިރު ވެސް ސުލްހަވެރިކަމައި އެކު އެއްވެ އުޅުމުގެ މިނިވަންކަމަކީ ކޮންމެ މީހަކަށްވެސް ލިބިގެންވާ ހައްގެކެވެ. އެހެން ނަމަވެސް މަދަނީ އަދި ސިޔާސީ ހައްގުތަކުގެ ބައިނަލްލަގުވާމީ މުއާހަދާގެ 21 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން ވަކި މަސްލަހަތުތަކެއް ރައްކާތެރި ކުރުމަށްޓަކައި އެއްވެ އުޅުމުގެ މިނިވަންކަމުގެ ހައްގު ހަނި ކުރެވޭ ހާލަތްކެއް ހުންނަން ޖެހެއެވެ.

ސުލްހަވެރިކަމާއި އެއް އެއްވެ އުޅުމުގެ ގާނޫނުގައި އެއްވެ އުޅުމުގެ ހައްގުތައް ކަށަވަރު ކުރުމަށް ރައްޔިތުންނަށް ފުރުސަތު ދިނުމަކީ ދައުލަތުގެ މަސްއޫލިއްޔަތެއް ކަމަށް ބުނެފައިވާ އިރު ހަމަ އެފަދައިން އާންމު މަސްލަހަތަށާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އެ ހައްގުތައް ހަނި ކުރެވޭ ހާލަތްތައް ވެސް ބަޔާންކޮށްފައި ވެއެވެ.

މާލޭގެ މަގުތަކުގައި ކުރާ މުޒަހަރާތަކާއެކު ތަފާތު ސަބަބުތައް މެދުވެރިވެގެން ފުލުހުން ގޮސް އެކަން ހުއްޓުވުމުން، ބައެއް ފަރާތްތަކުން ޝަކުވާ ކުރިޔަސް އެ ނިންމުން ނިންމަން ޖެހެނީ މާލޭގެ ތޮއްޖެހިފައިވާ ހާލަތަށް ވެސް ބަލައި މި ދެންނެވި އުސޫލު ވެސް ހިފަހައްޓަންޖެހޭތީ އެވެ.

ގާތްގަނޑަކަށް ދެ ކިލޯމީޓަރު ހަމަވާ މާލޭގައި ދެ ލައްކައަށްވުރެ ގިނަ މީހުން ދިރިއުޅެމުން އަންނަ އިރު، ބައެއް ހާލަތްތަކުގައި އަތޮޅުތަކުން މީހުން ގެނެސްގެން ވެސް މުޒާހަރާ ކުރެ އެވެ. އެ މުޒާހަރާތައް ކުރާއިރު މާލޭގައި ދިރިއުޅޭ މީހުންނަށާއި މާލޭގެ އާންމު ހާލަތަށާއި ވިޔަފާރިއަށް ބޮޑު ބަދަލެއް އަންނާނެ އެވެ.

ބައެއް ފަހަރު އެންމެ ތޮއްޖެހިފައި އޮންނަ ސަރަހައްދެއްގައި ވެސް މުޒާހަރާކޮށްފާނެ އެވެ. އަދި މާލޭ މަގުތައް ތޮއްޖެހި ދުއްވާއެއްޗެއްސަށް ގުޑާ ނުލެވޭ ހާލަތައްވެސް ދެއެވެ. އަދި ބައެއް ހާލަތްތަކުގައި އެއީ އަމާންކަން ގެއްލިގެންދާ ހާލަތަކަށް ބަދަލުވެއްޖެނަމަ ފުލުހުންނަށް ޖެެހެނީ މުޒާހަރާ ކޮންޓްރޯލް ކުރާށެވެ. އެ މަސައްކަތައް ވެސް ހުރަސް އަޅައިފި ނަމަ މުޒާހަރާ ރޫޅައިލަން ވެސް ފުލުހުންނަށް ޖެހިދާނެ އެވެ.

ފުލުހުން ބުނާ ގޮތުގައި ފަހަކަށް އައިސް އެގޮތަށް ފުލުހުން އަމަލުކޮށް އެއްވުންތަކަށް ހުއްޓުވާފައި ވަނީ ރައްކާތެރި ކަމަށާއި އަމަން އަމާން ކމަށް ބަލައިގެނެވެ. އެއާއެކު ފަހަކަށް އައިސް މާލޭގެ މަގުތަކުގައި މުޒާހަރާ ކުރުން ވަނީ ހުއްޓުވާފަ އެވެ.

"މާލޭ އާޓިފިޝަލް ބީޗް ސަރަހައްދުގައި ސިޔާސީ ބައެއް ފަރާތްތަކުން ކުރިޔަށް ގެންދިޔަ އެއްވުމާއި ގުޅިގެން އެސަރަޙައްދުގައި ތިބި ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން އެސަރަޙައްދުގެ މަގުތަމުގެ ތަރުތީބު ދަމަހައްޓައި ދުއްވާ ތަކެތީގެ ނުރައްކާތެރިކަން ރައްޔިތުންނަށް ކުޑަކުރުމަށް ވަނީ ހަރަކާތްތެރި ވެފައި. އެ އެއްވުމާ ގުޅިގެން އެސަރައްހަދުގެ ބައެއް މަގުތައް ވަގުތީގޮތުން އެއްގަމު އުޅަނދުފަހަރަށް ބަންދުކުރަން ޖެހުނުނަމަވެސް އެފަރާތްތަކަށް ދަތިނުވާނެ ގޮތަށް މަގުތަކުގެ އިންތިޒާމު ދަމަހައްޓާފައި ވާނެ. އަދި އުޅަނދުތަކަށް ފަސޭހައިން ދަރުކުރެވޭނެ މަގުދައްކައިދީ ވަނީ އެހީތެރިކަން ފޯރުކޮށްދީފައި،" މީގެ ހަފުތާއެއް ކުރިން އެމްޑީޕީއިން ބޭއްވި މުޒާހަރާއަށް ފަހު ފުލުހުން އާންމު ކުރި ބަޔާނުގައި ބުނެފައި ވެއެވެ.

މުޒާހަރާ ކުރާ ފަރާތްތަކުން ފުލުހުންގެ އެ މަސައްކަތާއި މެދު ދެކެނީ އެހީތެރިކަން ފޯރުކޮށްދިން ނަޒަރަކުންނެއް ނޫނެވެ. ކާރުބާރު ބޮޑުވެ ތޮއްޖެހުމުގެ ސަބަބުން މުޒާހަރާ ކުރާ ފަރާތްތަކަށް ވެސް އުންދަގޫވީ ނަމަވެސް އެކަން ކޮންމެހެންވެސް ކުރަން ބޭނުންވެއެވެ. އަދި ފުލުހުންގެ އެ ނިންމުންތަކާ ދެކޮޅު ހަދަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު ވަނީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ގާނޫނަށް އިސްލާހެއް ހުށަހަޅާފަ އެވެ.

އެ އިސްލާހުގައި ބުނެފައިވާ ގޮތުގައި މާލޭގައި ތޮއްޖެހުމައި މީހުންނަށްވާ އުންދަގޫތައް ފިލުވައިލުމަށްޓަކައި އެއްވެސް ބާވަތެއްގެ އެއްވުމެއް ނޫނީ ހިނގާލުމެއް ބޭއްވޭނީ ހޯމް މިނިސްޓްރީއިން ކަންޑައަޅައި ސަރަހައްދެއްގައި އެކަންޏެވެ.

އެހެންކަމުން އުފެދޭ ސުވާލަކީ އާންމުގެ އެ ހައްގުތައް ކަށަވަރު ކުރުމަށް މީހުންނަށް އުނދަގޫ ނުވާނެ ސަރަހައްދުތަކުގައި އެއްވެ އުޅުމުގެ މިނިވަންކަން ފުލުހުން ދޭނެ ބާއެވެ. އަދި މިހާރު އެއްވެސް ގޮތަކަށް ނުކުރެވޭ މުޒާހަރާތައް އަލުން ކުރުމުގެ ދޮރުތައް ހުޅުވޭނެބާ އެވެ.

"މިހާރު ގާނޫން އޮންނަ ގޮތުން އެއްވެ ނޫޅެވޭ ވަކި ތަންތަނެއް އޮންނާނީ. ދެން ތިބި ކޮންމެ ތަނެއްގައި އެއްވެ އުޅެވިދާނެ. އެހެންވެ ބައެއް މީހުން މަޖީދީ މަގު އެންމެ ބާރުބޮޑުވާ ކަންމަތީގައިވެސް ހަމަ އެއްވެ އުޅެނީ. މިސާލަކަށް މިހާރު ހަރުގެ ކައިރީގައި އެއްވެގެން އެ އުޅޭހެން. އޭގެ ސަބަބުން ވަރަށް ގިނަ ބަޔަކަށް އުނދަގޫވާނެ. އެހެންވެ ބިލުގެ އަސްލު ބޭނުމަކީ މަގުތައް އަމާން ކޮށް މުޒާހަރާ ކުރާ މީހުންނަށާއި މަގުތަކުގައި އުޅޭ މީހުންނަށްވެސް ރައްކާތެރިކަން ފޯރުވޭނެ ގޮތެއް ހެދުން. ހުރިހާ ބައެއްގެ ވެސް ހައްގުތައް ކަށަވަރު ކުރަން ޖެހޭނެ،" މެންބަރު ރިފާއު ވިދާޅުވި އެވެ.

ރިފާއު ވިދާޅުވީ ގޮތުގައި އޭނާ ހުށަހެޅި އިސްލާހުން އެއްވެ އުޅުމުގެ އެއްވެސް ހައްގެއް ނުގެއްލޭނެ އެވެ. އޭގެ ބަދަލަށް ވަކި އުސޫލެއްގެ މަތިން އެއްވެ އުޅޭ މީހުންނަށް ވެސް ފަސޭހަވާނެ ގޮތްތަކެއް ކަނޑައެޅޭނެ އެވެ.

މިހާރުވެސް ބައެއް ސަރަހައްދުތަކުގައި އެއްވެ އުޅެން ޖެހެނީ ފުލުހުންގެ ހުއްދަ ހޯދައިގެނެވެ. ގައުމީ ދިފާއީ ބާރުގެ މައި މަރުކަޒު ހިމެނޭ ސަރަހައްދާއި ފުލުހުންގެ ހިދުމަތުގެ މައި މަރުކަޒު ހިމެނޭ ސަރަހައްދުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ ނައިބު ރަސްމީކޮށް ދިރިއުޅުއްވާ ގޭގެ ކައިރީގެ އިތުރުން އެމްއެމްއޭ ކައިރީގައި މުޒާހަރާއެއް ނުކުރެވެއެވެ.

އާ ގާނޫނީ ހަމައެއް އަތުވެއްޖެނަމަ މާލޭގައި މުޒާހަރާ ކުރަން ހާއްސަ ތަންތަން 30 ދުވަސް ތެރޭގައި ކަނޑައަޅާނެ އެވެ. އޭގެ ސަބަބުން ޓްރެފިކް ފްލޯއަށާއި މީހުންނަށް ބޮޑެތި ލުއިތަކެއް ވެސް ލިބޭނެ ކަމަށް ބައެއް ފަރާތްތަކުން ދެކެ އެވެ.

"އަސާސީ ހައްގުތައް ހަނިކުރެވޭ އެއްވެސް އިސްލާހަކަށް އަޅުގަނޑުމެން ތާއީދެއް ނުކުރާނަން. ގާނޫން އަސާސީގައި އެބަ ބުނޭ ކުރިން އެންގުމަކައި ނުލާ އެއްވެ އުޅެވޭނެ ކަމުގެ މިނިވަންކަން ލިބެން ޖެހޭނެ ކަން. މިހާރު މުޒާހަރާތައް ހުއްޓުވަނީ ވެސް ގާނޫން އަސާސީގެ ރޫހައި ހިލާފަށް. އެހެންވެ ކަންތައްތައް ހިނގާ ގޮތުން ވަކި ތަންތަން ކަނޑައެޅިޔަސް އެއްވުމުގެ ހައްގެއް ލިބޭނެހެން ހިޔެއް ނުވޭ. އަދިވެސް ހަމަ ހުރިހާ ކަމެއް ހުއްޓުވުމުގެ އުސޫލުން ކަންތައް ކުރާނީ،" އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު، ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވި އެވެ.

ބައެއް އާންމު ރައްޔިތުން ބުނާ ގޮތުގައި ވަރަށް ބާރު ބޮޑުވާ ވަގުތުތަކުގައި މަގުތަކުގައި މުޒާހަރާ ކުރާތީ ވަރަށް ދަތި އުނދަގޫވެ އެވެ. އަދި ބައެއް ފަހަރަށް ދާނެ އެއްވެސް ދިމާލެއް ނެތިގެން ގެއްލުންތައް ވެސް ވެއެވެ.

"އަޅުގަނޑަކީ ވަޒީފާއަށް އަންނަން މާލެ އަންނަ މީހެއް. އެކަމަކު އެ އަންނަ ވަގުތުގައިވެސް މުޒާހަރާއެއް ކުރިޔަށް ގޮސްގެން އުޅެން ޖެހިދާނެ ހާލެއްގައި، ބައެއް ފަހަރު ވަރަށް ދަތިވޭ،" ހުޅުމާލޭގައި ދިރިއުޅޭ މީހެއް ބުންޏެވެ.