ދުނިޔެ

ބޯކޯ ހަރާމް އާއި އައިއެސް ގުޅުނީތަ؟

މެދުއިރުމަތީގައި މީހުން ކަތިލަމުން ގެންދާ އިސްލާމިކް ސްޓޭޓް (އައިއެސް) އާ އެއްވަރުގެ ޖަމާއަތެއް އެފްރިކާގައި އޮތް ނަމަ އެ ބައިގަނޑަކީ ނައިޖީރިއާގައި ބާރުގަދަކޮށްފައިވާ ބޯކޯ ހަރާމް އެވެ. މުޅި އެފްރިކާގައި ވެސް މިއަށް ވުރެ ނުރައްކާތެރި އަދި މި އަށް ވުރެ ލާއިންސާނީ ހަނގުރާމަވެރި ޖަމާއަތެއް މިހާރަކު ނެތެވެ.

ނައިޖީރިއާގައި އިންތިހާބު ބޯމަތިވަމުން އަންނައިރު މި ޖަމާއަތުން ވަނީ އަނެއްކާވެސް ގައުމު ހަލަބޮލިކޮށްލާނެ ކަމުގެ އިންޒާރު ދީފަ އެވެ. މިއީ ނައިޖީރިއާގެ ސަރުކާރުން ސީރިއަސްކޮށް ނަގަން ޖެހޭ ވަރުގެ އިންޒާރެއް ކަމަށް އެންމެން ވެސް ގަބޫލުކުރެ އެވެ.

ސަބަބަކީ ބޯކޯ ހަރާމްގެ ނުރައްކާ މިއަދު ނައިޖީރިއާގެ އަވަށްޓެރި ގައުމުތަކަށް ވެސް ނުހަނު ބޮޑުވެފައި އޮތީމަ އެވެ. އަނެއްކޮޅުން ބޯކޯ ހަރާމް މި ވަނީ ފާޑަކަށް އައިއެސްއާ ވެސް ގުޅިފަ އެވެ.

މި ބޯކޯ ހަރާމްގެ ފެށުމަކީ އިސްލާމީ ޝަރީއަތަށް ތަބާނުވާ އެންމެންނަކީ ކާފަރުން ކަމަށް ބުނެ އެމީހުން ކުރާ ދައުވާ އެވެ. އައިއެސްގެ ފިކުރު ވެސް އޮތީ ގާތްގަނޑަކަށް މިހެންނެވެ.

ބޯކޯ ހަރާމަށް، ބޯކޯ ހަރާމްއޭ ކިޔުނު މައިގަނޑު ސަބަބަކީ ހުޅަނގާ ދެކޮޅަށް އެމީހުން ނެރުނު ފިކުރެވެ. މި ޖަމާއަތަކީ ހުޅަނގުގެ ފިކުރާއި ތައުލީމާ ވަރަށް ދެކޮޅު ބައެކެވެ.

އެމީހުން ބުނަނީ އިންތިހާބު ބާއްވައިގެން ވޯޓުން ވެރިން ހޮވުމާއި ޓީޝާޓާއި ހަރުވާޅުލުމަކީ ވެސް ހަރާމް ކަމެއް ކަމަށެވެ. މިފަދަ އުޒުރުތައް ދައްކައިގެން، ނައިޖީރިއާގެ ރައީސްކަމުގައި މުސްލިމަކު ހުރިއިރު ވެސް ބޯކޯ ހަރާމް އިން އެގައުމުގެ ސަރުކާރު ބަލައެއް ނުގަތެވެ.

ބޯކޯ ހަރާމް އިން ބޭނުންވާ އިސްލާމީ ދައުލަތް ނައިޖީރިއާގައި ގާއިމުކުރުމަށް ހަތިޔާރު ނަގައި ސަރުކާރާ ދެކޮޅަށް ނުކުތީ 2009 ވަނަ އަހަރު އެވެ. ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި މި ޖަމާއަތް އެމެރިކާ އިން ލޭބަލްކުރީ 2013 ވަނަ އަހަރު އެވެ. އޭރު އެމީހުން ވަނީ ބޮމާއި ބަޑީގެ ބާރު ދައްކައިގެން ނައިޖީރިއާގެ އިރުއުތުރުގެ ބޮޑު ބައެއް އެމީހުންގެ ބާރުގެ ދަށަށް ގެންގޮސްފަ އެވެ.

އެންމެފަހުން، ބޭނުންވި އިސްލާމީ ދައުލަތް ވެސް އަމިއްލަ އަށް ގާއިމުކޮށް އިއުލާނުކޮށްފަ އެވެ.

މިހާރު ސުވާލު އުފެދިފައި އޮތީ ބޯކޯ ހަރާމް އައިއެސްގެ ދަށަށް ދިޔަ ކަމާ މެދުގަ އެވެ.

ކޮންމެއަކަސް އައިއެސް އިން މިފަހުން އިރާގާއި ސީރިއާގައި އަތްގަދަކޮށް ދައްކަން ފެށީ ލާއިންސާނީ އަމަލުތައް ބޯކޯ ހަރާމުގެ ލީޑަރު އަބޫބަކުރު ޝޭކައު އަށް ވަނީ ނިކަން ކަމުގޮސްފަ އެވެ. އަދި އައިއެސް އިން އިއުލާނުކޮށްފައިވާ ހިލާފަތު ގަބޫލުކުރާ ކަމުގެ އިޝާރާތެއް ވެސް މި ޝޭކައު ދެއްވާފައިވެ އެވެ.

މިދިޔަ އަހަރު ނެރުނު ވީޑިއޯއެއްގައި އޭނާ އައިއެސްގެ ލީޑަރު އަބޫ ބަކުރު އަލް ބަޣުދާދީއާ މުހާތަބުކޮށްފައި ވަނީ "ޚަލީފާ" ގެ ނަމުންނެވެ. އަދި މިފަހުން ނެރުއްވާ އިންޒާރުގެ ވީޑިއޯތަކުގެ ފެންވަރު ވެސް ރަނގަޅުކޮށް އަރަބި ބަހުން ނުހަނު ފަރިތަކޮށް ވާހަކަ ދައްކަން ވެސް އޭނާ ފަށާއިފި އެވެ.

ތަޖުރިބާކާރުން ބުނަނީ ބޯކޯ ހަރާމަށް އަންނަމުން މިދާ ބަދަލުތަކަކީ އައިއެސްގެ ސަމާލުކަން ހޯދައި އެމީހުންނާ ގުޅުމަށް ޝައުގުވެރިވެފައި އޮތްކަން އެންގުމަށް ޖައްސާ ކެމްޕޭނެއް ކަމަށެވެ. ބޯކޯ ހަރާމް ބޭނުންވާ ވަރުގެ ދައުލަތެއް ނައިޖީރިއާގައި ގާއިމުކުރަން އެމީހުންނަށް އެހެން ޖަމާއަތެއްގެ އެހީ އެބަ ބޭނުންވެ އެވެ.

އެކަން ހާސިލުކުރުމަށް އައިއެސް ވަރުގެ އެކުވެރިއެއްގެ ބޯކޯ ހަރާމަށް ލިބޭނެ ހެއްޔެވެ؟ ދެ ޖަމާއަތަކީ ވެސް ހިޔާލާއި ފިކުރުގެ ގޮތުން އަދި އަނިޔާވެރިކަމުގެ ގޮތުން ބެލިޔަސް ދިމާވާ ދެ ޖަމާއަތެވެ.

ނަމަވެސް އައިއެސް އިން ވެސް އަދި ބޯކޯ ހަރާމަކުން ވެސް އެއްވެސް ކަހަލަ އެއްބަސްވުމެއް އިއުލާނުކޮށްފައެއް ނުވެ އެވެ. ދެ ޖަމާއަތް ގުޅިފައިވާ ކަމުގެ ރަސްމީ ރިޕޯޓްތަކެއް ވެސް އާންމެއް ނުވެ އެވެ.

އެކަމަކު އައިއެސްގެ ޕްރޮޕެގެންޑާ އާއި އެމީހުންގެ ހަނގުރާމައިގެ އުކުޅުތަކާއި އަމަލުތައް ބޯކާ ހަރާމުން ކޮޕީކުރަމުންދާކަން ފާހަގަކޮށްލެވެ އެވެ.