ދުނިޔެ

ދިރިއުުޅުމަށް ހާއްސަކޮށްފައިވާ "އެންމެ އުސް" އިމާރާތުގައި ރޯވެއްޖެ

Feb 21, 2015

އާންމު ދިރިއުޅުމަށް ހާއްސަކޮށްގެން ހަދާފައިވާ އެންމެ އުސް އިމާރާތުގެ ގޮތުގައި ބެލެވިފައިވާާ، ދުބާއީގައި ހުންނަ "މެރީނާ ޓޯޗް" ގައި ރޭ އަލިފާނުގެ ހާދިސާއެއް ހިނގައި ގެއްލުން ވެއްޖެ އެވެ.

އުސްމިނުގައި 1105 ފޫޓް ހުންނަ މި އިމާރާތުގައި ރޯވި އަލިފާން ގަދަ ވަޔާ އެކު ވަރަށް އަވަހަށް ފެތުރިގެން ދިޔަ ނަމަވެސް އެއްވެސް މީހަކު ޒަހަމް ނުވާ ކަމަށް އޮފިޝަލުން ވަނީ ވިދާޅުވެފަ އެވެ. ދުބާއީގެ ޕްރޮފެޝަނަލް ވަޒީފާތަކުގައި އުޅޭ ބިދޭސީން ގިނަ އަދަދަކަށް އުޅޭ އެ އިމާރާތުގައި ރޯވުމާ އެކު އެތަައް ސަތޭކަ ބަޔަކު އިމާރާތުން ވަނީ ނެރަފަ އެވެ.

މަންޒަރު ދުށް މީހުންނާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ރޯވެގެން އެނދިއިރު އިމާރާތުގެ ބައިތައް ވަޔާ އެކު ވަަރަށް ދުރަށް ވެސް ބުރައިގެން ގޮސްފައިވެ އެވެ. އަލިފާނުގެ އަސަރު 79 ބުރީގެ އިމާރާތުގެ ފަސްދޮޅަކަށް ބުރިއަށް ކޮށްފައިވާ ކަމަށް ބެލެވެ އެވެ. ނަމަވެސް ސިވިލް ޑިފެންސް ފޯސް އިން ވަރަށް އަވަހަށް މަސައްކަތް ފަށައި ދޮޅު ގަޑިއެއްހާއިރު ތެރޭ އަލިފާން ވަނީ ނިއްވާލައިފަ އެވެ. ބައެއް މީހުން ވަނީ އަލިފާން އެހާ ބާރަށް ފެތުރިގެން ދަނިކޮށް އެހާ އަވަހަށް، ގެއްލުން ކުޑަކޮށް ނިއްވާލުމުން ހައިރާންވާ ކަމަށް ބުނެފަ އެވެ.

އިމާރާތުގައި އުޅޭ ބައެއް މީހުން ބުނެފައި ވަނީ އަލިފާން ނިއްވުމަށް އެންމެން އިމާރާތުން ނެރުނު ނަމަވެސް ގެއްލުން ނުވާ ތަންތަނަށް ފަހުން މީހުން ދިއުމުގެ ހުއްދަ ދީފައިވާ ކަމަށެވެ. އިމާރާތުގައި ރޯވީ ކީއްވެ ކަމެއް އަދި ނޭނގެ އެވެ.

އުސް އިމާރާތްތައް ގިނަ އަދި ބައިބޯ މެރީނާ ޑިސްޓްރިކްޓުގައި ހުންނަ މި އިމާރާތް ހުޅުވާފައި ވަނީ 2011 ވަނަ އަހަރު އެވެ. -- ބީބީސީ