ޝަރުއީ ދާއިރާ

ގިނަ މައްސަލަތައް ނިންމައި، ޝަރުއީ ދާއިރާގެ ޖޫރިމަނާ އާމްދަނީ އިތުރުވެއްޖެ

ޝަރުއީ ކޯޓުތަކުން ނިންމި މައްސަލަތަކުގެ އަދަދު އިތުރުވެ، ޖޫރިމަނާގެ ގޮތުގައި ޝަރުއީ ދާއިރާއަށް ލިބުނު ފައިސާގެ އަދަދު އިތުރުވެއްޖެ އެވެ. މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ޝަރުއީ ދާއިރާއަށް ވަނީ ޖޫރިމަނާގެ ގޮތުގައި ފަސް މިލިއަން ރުފިޔާ ލިބިފަ އެވެ. އެއީ، މިދިޔަ އަހަރު އެއްކޮށް ލިބުނު އާމްދަނީއާ އެއްވަރެއްގެ އަދަދެކެވެ.

ޝަރުއީ ދާއިރާއިން މައްސަލަތައް ނިންމުމުގައި ބޮޑު ކުރިއެރުމެއް ހޯދާފައިވާއިރު މިއަދު ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ވަނީ ޝަރުއީ ދާއިރާގެ ފުރަތަމަ ހަ މަސް ދުވަހުގެ ތަފާސް ހިސާބުތައް އާންމުކޮށްފަ އެވެ.

އެ ހިސާބުތައް ދައްކާ ގޮތުގައި، މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ދަށު ކޯޓުތަކަށް ހުށަހެޅުނު މައްސަލަތަކުގެ އަދަދު މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 15.3 ޕަސެންޓް އިތުރެވެ. މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި 9262 މައްސަލަ ހުށަހެޅި މި އަހަރުގެ އެ މުއްދަތުގައި ހުށަހަޅާފައިވަނީ 10678 މައްސަލައެެވެ. އެގޮތުން ސުޕީރިއާ ކޯޓުތަކަށް 28.8 ޕަސެންޓް މައްސަލަ އިތުރަށް ހުށަހެޅި މެޖިސްޓްރޭޓް ކޯޓުތަކަށް 7.7 ޕަސެންޓް މައްސަލަ އިތުރަށް ހުށަހަޅާފައިވެ އެވެ.

މެޖިސްޓްރޭޓް ކޯޓުތަކުގެ ތެރެއިން ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި އެންމެ ގިނައިން މައްސަލަތައް ހުށަހަޅާފައިވަނީ އައްޑު އަތޮޅުގައި ހިމެނޭ މެޖިސްޓްރޭޓް ކޯޓުތަކަށެވެ. އެއީ 848 މައްސަލަ އެވެ. އަދި އެންމެ މަދުން މައްސަލަ ހުށަހަޅާފައިވަނީ ވ. އަތޮޅުގައި ހިމެނޭ މެޖިސްޓްރޭޓް ކޯޓުތަކަށެވެ. އެއީ 55 މައްސަލަ އެވެ.

ފުރަތަމަ ހަ މަސް ދުވަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި މުއްދަތުގައި ކޯޓުތަކުން ނިންމި މައްސަލަތަކުގެ އަދަދު މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ނިންމި މައްސަލަތަކަށްވުރެ 9.4 ޕަސެންޓް މައްސަލަ އިތުރަށް ދަށު ކޯޓުތަކުން ނިންމާފައިވެ އެވެ. މިދިޔަ އަހަރު ފުރަތަމަ ހަ މަސް ދުވަހުގައި ދަށު ކޯޓުތަކުން ޖުމްލަ 9616 މައްސަލަ ނިންމާފައިވީ ނަމަވެސް މި އަހަރުގެ މި މުއްދަތުގައި ދަށު ކޯޓުތަކުން 10523 މައްސަލަ ނިންމާފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގައި ނިންމި މައްސަލަތަކުގެ އަދަދަށްވުރެ 907 މައްސަލައިގެ އިތުރުވުމެކެވެ.

ސުޕީރިއާ ކޯޓުތަކުން ނިންމި މައްސަލަތަކުގެ އަދަދު ވެސް އިތުރެވެ. މިދިޔަ ފުރަތަމަ ހަ މަސް ދުވަހާ އަޅާކިޔާއިރު މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގައި 6.1 ޕަސެންޓް މައްސަލަ އިތުރަށް ނިންމާފައިވެ އެވެ. އަދި މެޖިސްޓްރޭޓް ކޯޓުތަކުން ވެސް މިދިޔަ މި މުއްދަތުގައި ނިންމި މައްސަލަތާކައި މި އަހަރުގެ މި މުއްދަތުގައި ނިންމި މައްސަލަތަކާ އަޅާބަލާއިރު 11.5 ޕަސެންޓް އިތުރަށް ވަނީ ނިންމާފަ އެވެ.

ނުނިމި ހުރި މައްސަލަތައް ވެސް މަދު

މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގައި ދަށު ކޯޓުތަކުގައި ނުނިމި ހުރި މައްސަލަތަކުގެ އަދަދު މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގައި ނުނިމި ހުރި މައްސަލަތަކަށްވުރެ 15 ޕަސެންޓް ވަނީ މަދުކުރެވިފަ ކަމަށް ތަފާސް ހިސާބުން ދައްކަ އެވެ. މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގައި ކޯޓުތަކުގައި 8621 މައްސަލަ ނުނިމި ހުރިއިރު މި އަހަރުގެ މި މުއްދަތުގައި ނުނިމިހުރި މައްސަލަތަކުގެ އަދަދު 7330 މައްސަލައަށް ވަނީ ތިރިކޮށްފަ އެވެ.

ސުޕީރިއާ ކޯޓުތަކުގައި މިދިޔަ އަހަރުގެ ޖޫމް މަހުގެ ނިޔަލަށް ނުނިމިހުރި މައްސަލަތަކާ މި އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 6.1 ޕަސެންޓް މައްސަލަ އިތުރުވެފައި ވީ ނަމަވެސް މެޖިސްޓްރޭޓް ކޯޓުތަކުގައި މިދިޔަ އަހަރާ އަޅާބަލާއިރު މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް 29.6 މައްސަލަ ވަނީ ދަށްކުރެވިފަ އެވެ.

ދަށު ކޯޓުތަކުގައި ނުނިމިހުރި މައްސަލަތަކުގެ ތެރެއިން އަހަރުވެފައިވާ މައްސަލަތައް ވެސް ވަނީ މަދުކޮށްފަ އެވެ. މިދިޔަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ދަށު ކޯޓުތަކުގައި ނުނިމިހުރި 8621 މައްސަލަތަކުގެ ތެރެއިން ކޯޓަށް މައްސަލަ ހުށަހެޅުނުތާ ފަސް އަހަރަށްވުރެ ގިނަ ދުވަސްވެފައިވަނީ 1.7 ޕަސެންޓް މައްސަލަ އެވެ. އެގޮތުން މިދިޔަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ދަށު ކޯޓުތަކުގައި ނުނިމިހުރި މައްސަލަތަކުގެ ތެރޭގައި ކޯޓަށް މައްސަލަ ހުށަހެޅުނުތާ ފަސް އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ މައްސަލައިގެ އަދަދަކީ 144 އެވެ. މިދިޔަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ކޯޓުތަކަކުގައި ނުނިމިހުރި މައްސަލަތަކުގެ 67.7 ޕަސެންޓް މައްސަލައަކީ ކޯޓަށް މައްސަލަ ހުށަހެޅުނުތާ އަހަރުނުވާ މައްސަލަތަކެވެ. ކޯޓަށް ހުށަހެޅުތާ އަހަރުނުވާ މައްސަލައިގެ އަދަދަކީ 5836 އެވެ.