ވިޔަފާރި

ކަޓަމަރާން މުބާރާތުގައި ބައިވެރިވާ ދިވެހިން ޓީސީއެލް އިން ސްޕޮންސަކޮށްފި

Aug 11, 2016
1

ދުނިޔޭގެ ކަޓަމަރާން މުބާރާތް، "ޓޮޕް ކެޓް ވޯލްޑް ޗެމްޕިއަންޝިޕް"ގައި ބައިވެރިވާ، އަބްދުލް ގަފޫރު އަލީ (ގައްބެ) އަދި އާދަމް ފައިސަލް އެ މުބާރާތުގައި ބައިވެރިވުމުގެ ހަރަދުތައް ތިލަފުށީ ކޯޕަރޭޝަން ލިމިޓެޑުން ހަމަޖައްސައިދީފި އެވެ. މުޅި ރާއްޖެ ވަށައި ކަޓަމަރާންއެއްގައި އެންމެ ފުރަތަމަ ބުރުޖެހި މީހަކީ، ގައްބެ އެވެ.

މި މަހުގެ 27 ގައި ކްރޮއޭޝިއާގައި ބާއްވާ އެ މުބާރާތުގައި ރާއްޖެ ފުރަތަމަ ފަހަރަށް ތަމްސީލް ކުރާ މި ދެ އެތްލީޓުން، ޓީސީއެލް އިން ސްޕޮންސަކުރި ސަބަބާ ގުޅޭ ގޮތުން އެ ކުންފުނިން ބުނީ، މިފަދަ މުބާރާތެއްގައި ރާއްޖޭގެ ޒުވާނުން ބައިވެރިވުމަކީ ހުރިހާ ޒުވާނުންނަށްވެސް ލިބޭ ހިތްވަރެއްގެ އިތުރުން ރާއްޖޭގެ ޓުއަރިޒަމްގެ ދާއިރާއަށް ވެސް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

ޓީސީއެލް އިން އަދި ބުނީ، ޓޮޕް ކެޓް ވޯލްޑް ޗެމްޕިއަންޝިޕް ގައި ރާއްޖެ ތަމްސީލު ކުރާ މިއީ ފުރަތަމަ ފަހަރު ކަމަށްވާތީ، މިފަދަ ކަމެއްގައި ސްޕޮންސަަރޝިޕް ހަމަޖައްސާދިނުމަކީ ލިބޭ ފަހުރެއް ކަމަށެވެ. މި ކުޅިވަރުގައި ބައިވެރިވާ ޓީމުން ނުހަނު ބޮޑު ކާމިޔާބީއެއް ހޯދާނެ ކަމަށް، އުއްމީދުކުރާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. އަދި ހިއްވަރާއި އެކު މަސައްކަތްކުރުމަށް ޓީމްގެ ކިބައިން އެ ކުންފުނިން ވަނީ އެދިފަ އެވެ.