ހަބަރު

ކޯލް އެންޑް ޕިކް އަޕް ސާވިސް: ކުނި އުކާލަން ލުޔެއް!

ގޭތެރެ ސާފުކުރާ ދުވަސް އަދި ގޭގެ ފަރުނީޗަރު ބަދަލުކުރުން ފަދަ ކަންތައް ކުރާ ދުވަހަކީ ބޮޑު ދުވަހެކެވެ. ބުރަ ދުވަހެކެވެ. މިހުރިހާ ކަމަކަށްވުރެވެސް ބޮޑުވަނީ ގެއިން ނެރުނު ބޮޑެތި ކުނިތައް އުކާލާނެ ގޮތެކެވެ. ގެ ހުރި ގޯޅިގަނޑު ތެރޭގައި ވެސް ބެހެއްޓޭކަށް ނެތެވެ. އުކާލަން ކުރަންޖެހޭ ހަރަދުވެސް އެހާ ބޮޑެވެ.

މާލޭގެ ކުނި މެނޭޖްކުރުމާ ހަވާލުވެހުރި ވޭސްޓްމެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން މިހާރު ދަނީ މިކަމަށް ހައްލެއް ގެންނަން ހާއްސަ ހިދުމަތެއް ދޭން ފަށަން ތައްޔާރުވަމުންނެވެ. އަންނަ އާދިއްތަ ދުވަހު ހިދުމަތް ފަށާނެ އެވެ. ވެމްކޯގެ "ކޯލް އެންޑް ޕިކް އަޕް" ސާވިސް އެވެ. ހަމަ ގުޅާލަންވީ އެވެ. ކުޑަވަގުތު ކޮޅެއްގެ ތެރޭގައި ހެޔޮ އަގެއްގައި ކުނިތައް އުކާލައި ދޭނެ އެވެ. އަމިއްލަ ފަރާތްތަކުން މިހާރު ކުނި އުކާލައިދޭ އަގުގެ އެތައް ގުނައެއް ހެޔޮކޮށެވެ. އަދި ރައްކާތެރިކަމާ އެކުގަ އެވެ.

"ފަހަކަށް އައިސް މާލޭގައި ކުނި އުފުލުމުގެ ހިދުމަތް ދޭ ފަރާތްތަކުން ހިދުމަތުގެ އަގު ތަންކޮޅެއް ބޮޑުވެގެން ދިޔައީމަ ރައްޔިތުންނަށް ހެޔޮ އަގެއްގައި ހިދުމަތް ދޭން ފަށަންވެގެން ތައާރަފްކުރާ ހިދުމަތެއް މިއީ." ކުނި އުކާލައިދޭ މި ހިދުމަތާ ބެހޭގޮތުން މައުލޫމާތު ދެއްވަމުން ވެމްކޯގެ ފެސިލިޓީޒް މެނޭޖާ އިސްމާއިލް އުބައިދު ވިދާޅުވި އެވެ.

އަންނަ އާދިއްތަ ދުވަހު މި ހިދުމަތް ފަށާއިރު މިކަމަށް ހާއްސަ ހޮޓްލައިނެއް ވެސް މިހާރު ވަނީ ރެޑީ ކޮށްފަ އެވެ. ހިދުމަތް ރަސްމީކޮށް ލޯންޗު ކުރުމާއެކު ނަމްބަރުވެސް އިއުލާނު ކުރާނެ އެވެ. ވެމްކޯއިން އެންމެ ފުރަތަމަ މި ހިދުމަތް ފަށަން ނިންމާފައި ވަނީ ދެ ވެހިކަލް އާ އެކުގަ އެވެ. އޭގެ ސަބަބުން ހިދުމަތުގައި ކުޑަ ލަސްކަމެއް އުޅުނަސް ކިއުގައި ރަޖިސްޓްރީ ކުރުމުން އެދުވަހު ކުނި އުކާލަ ދޭނެ އެވެ.

ކުނި އުކާލަ ދިނުމުގެ ހިދުމަތް ވެމްކޯއިން ފެށި ނަމަވެސް އެކަން ކުރާ ފަރާތްތަކަށް އެ ފުރުސަތެއް ނުގެއްލެ އެވެ. މިހާރުވެސް ކުނި އުކާލަމުންދާ އުސޫލުން އެކަން ކުރަންވީ އެވެ. އެކަމަކު އީޕީއޭ އިން ކަނޑައަޅާފައިވާ އުސޫލުގެ ދަށުންނެވެ. ކުނި އުކާލަން ވެހިކަލްގައި ގެންދާއިރު ބޭރަށް ކުނި ފެންނަން ހުރެގެން ނުވާނެ އެވެ. އަދި ކުނީގެ ވަސް މަގުތަކަށް ފެތުރިގެންވެސް ނުވާނެ އެވެ.

މިހާރުވެސް މިއުސޫލަށް އަމަލު ކުރަން ޖެހެ އެވެ. އެކަމަކު ބައިސްކަލުތަކުގައި ކުނި އުކާލާ އިރު މަގުމައްޗަށް ކިތަންމެ ގިނައިން ކުނި އެޅިފައި ހުއްޓަސް ގަވާއިދު ތަންފީޒު ނުކުރެވެނީ ކުނި އުކާލުމުގެ ހިދުމަތްދޭ އިތުރު ބަޔަކު ނެތީމަ އެވެ. އެކަމަކު ވެމްކޯގެ ކޯލް އެންޑް ޕިކް އަޕް ސާވިސް އާ އެކު އެ ގަވާއިދު ތަންފީޒުކުރާނެ ކަމަށް ބެލެވެ އެވެ.

ބޮޑެތި ކުނި ވެމްކޯއިން މިހާރު އުކާލަނީ ކުނި ބަލްކުކޮށް ޕިކަޕްތަކުގައި އަމިއްލަ ފަރާތްތަކުން ގެންދިއުމުން އެމްޕީއެލް ސަރަހައްދުގައި އޮންނަ ލޭންޑިން ކްރާފްޓެއްގައި ތިލަފުއްޓަށް ގެންގޮސްގެންނެވެ.

އަދި ހަމައެކަނި މާލެއަށް

ގުޅާލައިގެން ކުނި އުކާޅުމުގެ ހިދުމަތް ދޭން ތައްޔާރުވެފައި އޮތީ އަދި ހަމައެކަނި މާލެ އަށެވެ. އެކަމަކު އަންނަ އަހަރުތެރޭގައި ވިލިމާލޭގައި ވެސް ހިދުމަތް ފަށަން ވަނީ ނިންމާފަ އެވެ.

ވެމްކޯއިން އަންނަނީ މާލެ އާދި ވިލިމާލެ އާ އެއްގޮތަށް ހުޅުމާލޭގެ ކުނި މެނޭޖްކުރަން ވެސް ތައްޔާރުވަމުންނެވެ. މާލޭގެ ކުނި މެނޭޖްކުރުމުގެ މަސައްކަތް ވެމްކޯއިން ކުރިއަށް ގެންދަނީ މާލޭގެ ދެ ސަރަހައްދަކުން ކުނި ބޭރުކުރު ކޮށްގެންނެވެ. ގެތަކުން އުފެދޭ ކުނިވާ ޒާތުގެ ކުނި ދޯނިތަކުގައި ތިލަފުއްޓަށް ގެންގޮސް ރޯކޮށްގެންނެެވެ. މާލޭގެ އިތުރުން ވިލިމާލޭގެ ކުނި މެނޭޖްކުރުމުގެ މަސައްކަތް މިހާރު މާލެއެކޭ އެއްގޮތަށެވެ. ހަފްތާއަކު ދެ ފަހަރު ތިލަފުއްޓަށް ގެންގޮސް އަންދައިގެންނެވެ.

ރ. ވަންދޫގައި ގާއިމްކޮށްފައިވާ ސަރަހައްދީ ކުނި މެނޭޖްކުރާ ސެންޓަރާ ވެމްކޯ ހަވާލުވެ ނ، ރ، ބ އަދި ޅ އަތޮޅުގެ 44 ރަށުގެ ކުނި މެނޭޖްކުރެ އެވެ.

"އަޅުގަނޑުމެން ޕްލޭންކޮށްފައި އިންނާނީ ރަށު ލެވެލްގައި އޯގަނިކް ކުނި މެނޭޖްކުރާ ގޮތަށް. ބަދިގޭ ކުނި. އޭއްޗެހި ބޭނުންކޮށްގެން އެބޭފުޅުން ކާދު ހަދާނީ. އެއިން ކޮންމެސް ވަރެއްގެ އާމްދަނީއެއް އެބޭފުޅުން ހޯދަން މަސައްކަތް ކުރާނެ. ކާދު މިކިޔަނީ ކޮމްޕޯސްޓްއަށް" އުބައިދު ވިދާޅުވި އެވެ.

ރަށްރަށުގައި ކުނި މެނޭޖްކުރުމަށް ކަނޑައެޅިފައިވާ ފީއެއް ގޭގެއިން ނެގުމަށްފަހު ސަރަހައްދީ ކުނި މަރުކަޒަށް ގެންދިއުމަށް ގޭގެއިން ނަގާ ފީގެ ވަކި ޕަސެންޓެއް ކައުންސިލުން ވެމްކޯއަށް ދައްކަން ޖެހެ އެވެ. ވެމްކޯއިން ރަސްމީކޮށް ކުނި މެނޭޖްކުރުމުގެ މަސައްކަތް ފަށާފައިވަނީ އަދި ހަމައެކަނި ވަންދޫގަ އެވެ.

"ވަންދޫގައޭ ހަމައެކަނި ކުނި މެނޭޖްކުރެވެނީ. އަޅުގަނޑުމެން ގަބޫލެއް ނުކުރަން މާލޭގައި މީ ކުނި މެނޭޖްކުރެވެނީ ކަމަކަށް. ކިރިޔަ ކިރިޔާ އޭއްޗެހިތައް މި އަންދާލެވެނީ. އޯޕަން ބާނިންއަކީ އެންމެ ރަނގަޅު ގޮތެއް ނޫން. ވަންދޫގައި އަޅުގަނޑުމެން ފަށާއިރުވެސް މި ފަށަނީ ކުނި ވަކިކޮށްގެން. ރިސައިކަލް ކުރެވޭނެ އެއްޗެއްސާއި ނުކުރެވޭނެ އެއްޗެހި ވަކިކޮށްގެން. އެންދޭނެ އެއްޗެއްސާއި ނޭންދޭނެ އެއްޗެހި ވަކިކޮށްގެން" އުބެއިދު ވިދާޅުވި އެވެ.

ވަންދޫގައި ކުނި އަންދަނީ އިންސިނިރޭޓަރު ބޭނުންކޮށްގެންނެވެ. އިންސިނިރޭޓަރަކީ ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކޮށް ކުނި އަންދައިދޭ އެއްޗެކެވެ. އެގޮތުން ކުނި އަންދާއިރު ބޭރުވާ ވިހާ ގޭސްތަކުގެ މިންވަރު ވަރަށް ބޮޑަށް މަދުކޮށްލަ އެވެ. ވަންދޫގައި ރީސައިކަލް ކޮމްޕޯނަންޓަކަށްވެސް ދަނީ ތައްޔާރުވަމުންނެވެ. ރާއްޖޭގައި ބަންދުކޮށް ބޭރަށް އެކްސްޕޯޓުކޮށްގެން އެއިން އާމްދަނީ ހޯދާށެވެ.

އެހެން އަތޮޅުތަކުގެ ކުނި މެނޭޖްކުރުމާ ހަވާލުވާނެ

ނ، ރ، ބ، ޅ އަދި މާލޭ ސަރަހައްދުގެ ކުނި މެނޭޖްކުރުމުގެ މަސައްކަތް ވެމްކޯއިން މިހާރު ފަށާފައިވާއިރު ރާއްޖޭގެ އެންމެ ދެކުނުން ޏ. ފުވައްމުލަކާއި އައްޑު އަތޮޅުގެ ކުނި މެނޭޖްކުރުމާވެސް ވެމްކޯއިން ހަވާލުވާނެ ކަމަށް ވެމްކޯއިން ބުނެ އެވެ. އުތުރުގެ ކުނި މެނޭޖްކުރުމާވެސް އަންނަ އަހަރު ހަވާލުވާނެ އެވެ. އެކަމަކު ވެމްކޯއިން އެމަސައްކަތްތަކުގެ އަމަލީ މަސައްކަތްތަށް އަދި ފަށާފައެއް ނުވެ އެވެ.

ވެމްކޯއިން ދަނީ މާލޭގެ އިންޑަސްޓްރިއަލް ވިލެޖް ނުވަތަ ސިނާއީ އަވަށުގައި ކަލެކްޓިވް ސާވިސް އެއްގެ މަސައްކަތް ފަށަން ތައްޔާރުވަމުންނެވެ. އޭރުން ސިނާއީ އަވަށުގައި ޓްރާންސްފާ ސްޓޭޝަނެއް ގާއިމްކޮށް ހުރިހާ ކުންޏެއް ކޮމްޕްރެސްކޮށް ކޮންޓޭނާ ތަކުގައި ތިލަފުއްޓަށް ގެންދެވޭނެ އެވެ. އަދި އެކުނިތައް ތިލަފުއްޓަށް ގެންގޮސް ސީދާ އެންދުމުގެ ބަދަލުގައި އަންދާނީ އިންސިނިރޭޓާ ބޭނުންކޮށްގެން ކޮންމެހެން އަންދަންޖެހޭ ކުންޏެވެ. އެހެނިހެން ކުނި ތިމާވެއްޓާ ރައްޓެހި ގޮތަކަށް ނައްތާލާނީ އެވެ.

ވެމްކޯއިން މިހާރު ނިންމާފައިވާނީ ރާއްޖެއިން ބޭރަށް ޕްލާސްޓިކް، ޕޭޕާ އާއި ދަގަނޑު އެކްސްޕޯޓްކޮށް އެއިން ރަނގަޅު އާމްދަނީއެއް ހޯދާށެވެ.