ދުނިޔެ

އިންޑިއާގައި ސުވައިން ފްލޫ ކޮންޓްރޯލް ނުވެ ތިން މަސް ތެރޭ 700 މަރު

Feb 21, 2015

މިދިޔަ ޑިސެމްބަރު މަހު އިންޑިއާގައި ސްވައި ފްލޫ ފެތުރެން ފެށި ފަހުން މިހާތަނަށް އެ ބަލީގައި 700 މީހަކު މަރުވެފައިވާ ކަމަށް އޮފިޝަލުން ވިދާޅުވެއްޖެ އެވެ.

ސްވައި ފްލޫ ނުވަތަ އޫރު ރޯގާ އަކީ އިންސާނުންނަށް ޖެހޭ ރޯގާ އާއި ދޫނި ރޯގާގެ ވައިރަސް މައްސުނިވެގެން އުފެދިފައިވާ އެޗް 1އެން 1 ވައިރަސް އެވެ. މި ވައިރަސް ޖެހުނު މީހުންގެ އަދަދު މިދިޔަ ހަފުތާގައި ދެ ގުނަ އިންޑިއާގައި އިތުރުވެފައި ވާއިރު މިހާރު ވަނީ މި ބަލި ޖެހުުނު މީހުންގެ އަދަދު 11000 އަށް އަރައިފަ އެވެ.

ފާޑު ކިޔާ ފަރާތްތަކުން ބުނަމުން ދަނީ ބަލި ކޮންޓްރޯލް ނުވެގެން އުޅެނީ ސަރުކާރުގެ އިހުމާލުން ކަމަށެވެ. ބަލި ޖެހޭ މީހުންނަށް ބޭސް ލިބޭނެ ފަސޭހަ މަގުތައް ވެސް ނެތުމަކީ އެންމެ ބޮޑު މައްސަލަ ކަމަށް ބުނި ނަމަވެސް ސަރުކާރުން ބުނަމުން ދަނީ ބަލި ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ.

ސްވައި ފްލޫ 2009 ވަނަ އަހަރު މެކްސިކޯ އިން ފެނުމަށް ފަހު މިހާރު ވަނީ ދުނިޔޭގެ ހުރިހާ ހިސާބަކަށް ވެސް ގޮސްފަ އެވެ. މިހާރު އިންޑިއާގައި ސްވައިން ފްލޫ ފެތުރިފައިވާ މިންވަރަށް 2010 ގެ ފަހުން އިންޑިއާގައި ސީރިއަސްވެފައެއް ނުވެ އެވެ.

އިންޑިއާގައި ސްވައިން ފްލޫ އެންމެ ބޮޑަށް ފެތުރިިފައި ވަނީ އުތުރުގައި އޮންނަ ރާޖަސްތާނުގަަ އެވެ.

ސްވައި ފްލޫ އަކީ ޓައިޕް އޭގެ ވައިރަހެއް ކަމަށްވާ އެޗް1އެން1 ގެ ސަބަބުން، ނޭވާލާ ނިޒާމަށް ޖެހޭ ބައްޔެކެވެ. އޫރުގެ ޒަރިއްޔާ އިން އިންސާނުންނަށް ޖެހުނު މި ބަލި މިހާރު ވަނީ އިންސާނުންގެ ގައިން އިންސާނުންގެ ގަޔަށް އަރާ ބައްޔަކަށް ބަދަލުވެފަ އެވެ. އެގޮތުން ކެއްސައި ކިނބިހި އެޅުމުގެ ސަބަބުން މި ވައިރަސް އެހެން މީހުންނަށް ވާސިލުވެ އެވެ. ބަލީގެ އަލާމާތްތައް އާދައިގެ އަރިދަފުސް ރޯގާއާ ދާދި އެއްގޮތެވެ. ހުން އައުމާއި ކެއްސުމާއި ކަރުގައި ރިއްސުމާއި ގައިގައި ރިއްސައި ހީކެރުވުމަކީ ބަލީގެ އަލާމާތްތަކެވެ. ބަލީގެ ނުރައްކާ އެންމެ ބޮޑީ މާބަނޑު މީހުންނާއި ފަސް އަހަރުން ދަށުގެ ކުދިންނާއި 65 އަހަރުން މަތީގެ މީހުން އަދި ސީރިއަސް ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށެވެ. -- ބީބީސީ