ހަބަރު

"ފެހިފަތް" އެވޯޑަށް ނަން ހުށަހަޅަން އިއުލާން ކޮށްފި

Feb 21, 2015

ތިމާވެށީގެ ދާއިރާއަށް ހިދުމަތްކުރާ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ "ފެހިފަތް" އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ބުރާސްފަތި ދުވަހު އެންވަޔަރަމަންޓް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ފެހިފަތް އިނާމަށް ނަންހުށަހެޅުމުގެ ފުރުސަތު މިމަހުގެ 22 އިން ފެށިގެން އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފަވާ ކަމަށެވެ. އަދި އިނާމަށް ނަން ހުށަހެޅުމަށް ފޯމު ފުރިހަމަ ކުރާއިރު ތިމާވެށީގެ ދާއިރާއިން ކޮށްފައިވާ މަސައްކަތްތައް ސާބިތުކޮށްދެވޭނެ ފަދަ ހެކިތަކާއި މަސައްކަތުގެ ހުލާސާއެއް ހުށަހަޅަން ޖެހޭނެ ކަމަށް ވެސް އިއުލާނުގައިވެ އެވެ.

މީގެ އިތުރުން ބުނެފައި ވަނީ އިނާމް ދޭނެ ފަރާތެއް ކަނޑައެޅުމަށް ފަސް ފަރާތެއް ޝޯޓްލިސްޓް ކުރާނީ ކަމާބެހޭ ފަންނީ މުވައްޒަފުންގެ ތެރެއިން އެކުލަވާލާ ފަންނީ ކޮމިޓީއަކުން ކަމަށެވެ. އަދި ފަންނީ ކޮމިޓީން ޝޯޓްލިސްޓު ކުރާ ފަސް ފަރާތުގެ ނަން ސޯޝަލް ކައުންސިލަށް ހުށަހަޅާ އިނާމު ދޭނެ ފަރާތްތެއް ސޯޝަލް ކައުންސިލުން ކަނޑައަޅާނެ ކަމަށް ވެސް އެންވަޔަރަމެންޓު މިނިސްޓްރީން ބުންޏެވެ.

ފެހިފަތް އިނާމަށް ކުރިމަތިލެވޭ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ ވޭސްޓް މެނޭޖްމަންޓާއި ވޯޓާ ކޮންޒަވޭޝަން އެންޑް މެނޭޖްމަންޓާއި ހޭޅިފަށް ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ ދާއިރާއާއި ހަކަތަ ބޭނުންކުރާ މިންވަރު މަދުކުރުމުގެ ދާއިރާއާއި އިއާދަކުރުވަނިވި ހަކަތަ ބޭނުންކުރުމާއި މުޖުތަމަޢަށް ފައިދާ ކުރުވަނިވި މިންވަރަކަށް ގަސް އިންދައި ފޯރުކޮށްދިނުމާއި ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ހިންގުމާއި ދިރޭތަކެތީގެ ނަސްލުތައް ރައްކާތެރި ކުރުމުގެ އިތުރުން ތިމާވެށީގެ ދާއިރާއިން ރިސާޗު ކުރުމުގެ ދާއިރާ އެވެ.

މި އިނާމަށް ކުރިމަތިލެވޭ ފަރާތްތަކުގެ ތެރޭގައި ވަކިވަކި ފަރުދުންނާއި ޖަމިއްޔާ ޖަމާޢަތްތަކާއި ވިޔަފާރިތަކުގެ އިތުރުން ސަރުކާރުގެ މުއައްސަސާތަކާއި ސްކޫލްތަކާއި ކޮލެޖުތަކާއި ޔުނިވާސިޓީތައް ހިމެނެ އެވެ.