- ސިޔާސީ ހަލަބޮލިކަމާ ހުރެ އިންވެސްޓަރުން ބިރުގަނޭ
- ޓޫރިޒަމް ނޫން ދާއިރާތައް ފުޅާކުރަން ޖެހޭ
- ހަލަބޮލިކަން ނިމުމަކަށް ގެންނަން މަސައްކަތް ކުރަން ޖެހޭ
"ޓޫރިޒަމަކީ ވަރަށް ނާޒުކު އެއްޗެއް. ގައުމެއްގައި އަލިފާން ފަރުބަނދައެއް ގޮވީމާ ފްލައިޓްތަކަށް ނާދެވުނަސް އޭގެ އަސަރު ޓޫރިޒަމަށް ކުރޭ. އެހާ ވެސް ނާޒުކު އެއްޗެއް މިއީ. އެހެން ވާއިރު ގައުމެއްގެ ހަލަބޮލިކަމުގެ ސަބަބުން ޓޫރިސްޓުން އަންނަން ޖެހިލުންވާ ހިސާބުން އޭގެ އަސަރު އިގްތިސާދަށް ކުރާނެ. އެހެން ވިޔަފާރިތައް ވެސް ޓޫރިޒަމަށް ބަރޯސާވާ އިރު އެ ސިނާއަތަށް އަންނަ އަސަރު ޓޫރިޒަމަށް ވެސް ކުރަމުން އަންނާނެ،" އިގްތިސާދީ ދާއިރާގެ ތަޖުރިބާކާރަކު ވިދާޅުވީ މިހެންނެވެ.
ހުރިހާ ކަމެއް ޓޫރިޒަމާ ދިމާލަށް އެނބުރިފައިވާ އިރު އެއީ ރާއްޖޭގެ އުފެއްދުންތެރި ކަން ނޫނީ ޖީޑީޕީ ވެސް ފަހަތަށް ހިނގައިދާނެ ސަބަބެކެވެ. އިންވެސްޓަރުން ރާއްޖެއާ ދުރަށް ދާން ޖެހުމުގެ މައިގަނޑު ސަބަބަކީ ވެސް ގައުމެއްގެ ހަލަބޮލިކަމެވެ. އޭގެ ސަބަބުން އެ މީހުންގެ އިންވެސްޓްމަންޓްތަކާ މެދު އިތުބާރެއް ނެތުމެވެ. ހަމަޖެހުމެއް ނެތް ތަނަކަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރުމަކީ އިންވެސްޓަރުން ބޭނުންވާ ގޮތެއް ނޫނެވެ. މަޝްހޫރު ވިޔަފާރިވެރިޔަކު ވިދާޅުވި ގޮތުގައި ރާއްޖޭގައި ހަމަނުޖެހުންތައް އުފެދި މަސްރަހު ހަލަބޮލިވުމުގެ އަސަރު ޓޫރިޒަމަށް ނޫނަސް އެހެން ވިޔަފާރިތަކަށް ވެސް ކުރެ އެވެ. ހާއްސަކޮށް ރާއްޖެ އަށް އިންވެސްޓް ކުރަން އަންނަ ބޮޑެތި އިންވެސްޓަރުން އެ އެކަންކަމާ މެދު ސުވާލު އުފައްދާ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމުން އެ މީހުންގެ ހާސްކަން ބޮޑުވާ ކަމެއް ކަމަށް އޭނާ ވިދާޅުވެ އެވެ.
"ހަމަޖެހުމެއް ނެތް ތަނަކަށް އިންވެސްޓް ކުރާނެތޯ؟ މިއީ މިޖެހޭ މައްސަލައަކީ. މިސާލަކަށް ބައްލަވާ ސުވެނިއާ ޝޮޕްތަކުގެ މީހުން ވެސް މި ޝަކުވާ ކުރަނީ އެ ސަރަހައްދު ހަލަބޮލި ވީމާ ވިޔަފާރިތައް ނުވެޔޭ. ބަންދު ކުރަން ޖެހެނިއްޔޭ. މިހިރީ އެންމެ ކުދި ވިޔަފާރިތަކަށް ކުރާ ގެއްލުން. އެހެންވީމާ ބޮޑެތި އިންވެސްޓްމަންތަކެއް ކޮށްފައި ހުންނަ ވިޔަފާރިވެރިޔަކަށް އަދި ކުރާ އަސަރާއި އެ މީހުން ރާއްޖެ އަށް އޮންނަ އިތުބާރަށް މާބޮޑަށް އަސަރު ކުރާނެ،" އޭނާގެ ކަންބޮޑުވުން ހިއްސާ ކުރި އެވެ.
ގައުމުގައި ހަމަޖެހުމަކީ އިންވެސްޓަރުން އެންމެ ފުރަތަމަ ވެސް ބަލާނެ ކަންތައްތަކެވެ. ވޯލްޑް ބޭންކްގެ "ޑްއިން ބިޒްނަސް އިންޑެކްސް" ނޫނީ ވިޔަފާރިތައް ހިންގަން ފަސޭހަ މާހައުލެއް ވަޒަން ކުރާ އިންޑެކްސްގައި ރާއްޖެ އަށް އިންވެސްޓަރުންގެ ކޮންފިޑެންސް އޮތްވަރާ ދޭތެރޭ ބުނެފައި ވަނީ އިންވެސްޓަރުން ހިމާޔަތް ކުރުމުގައި ރާއްޖެ އޮތީ އަދި އެހާ ހިތްހަމަ ޖެހޭ ހިސާބެއްގައި ނޫން ކަމަށެވެ. ނަމަވެސް ސަރުކާރުން އަންނަނީ އިންވެސްޓަރުންގެ އިތުބާރު ހޯދުމަށް ބޮޑެތި ބަދަލުތައް ގެންނަމުންނެވެ. އެގޮތުން ބޮޑެތި ލޯނުތަކަށް ސޮވަރިން ގެރެންޓީ ދިނުމާއި، އިންވެސްޓަރުންނަށް ހާއްސަކޮށް ބޮޑެތި އިނާޔަތްތަކެއް ލިބޭ ރެސިޑެންސް ވިސާ ތައާރަފް ކުރުން އަދި އިންވެސްޓްމަންޓްގެ ގާނޫނު ފަސޭހަ ކުރުމާއި ބޭރު މީހުންނަށް ވެސް ރާއްޖެއިން ބިން މިލްކް ކުރެވޭ ގޮތް ހެދުން ވެސް ހިމެނެ އެވެ. ނަމަވެސް އެ ފިޔަވަޅުތަކުގެ ފައިދާއެއް ކުރާނީ ހިމޭންކަމެއް އިގްތިސާދުގައި އޮވެގެންނެވެ. އެކަމަކު މި ފެންނަނީ ހަލަބޮލި ސިޔާސީ މަސްރަހަކާއި ހަލަބޮލި މަޝްރަހެކެވެ.
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު، ވިދާޅުވާ ގޮތުން ރާއްޖޭގެ އިގްތިސާދުގެ ނާޒުކު ކަމާ ހުރެ ރާއްޖޭގެ އިގްތިސާދަށް ކުރާ އަސަރު އެކި ގޮތްގޮތުން ބޮޑުވާނެ އެވެ. އެއީ އެއްގޮތަށް ވުރެ ގިނަ ގޮތްގޮތުން އޭގެ އަސަރު ރާއްޖެ އަށް ފޯރާނެ ކަމެކެވެ. އިންވެސްޓަރުންގެ އިތުބާރު ރާއްޖެއާ މެދު އިތުރު ކުރެވޭނީ ސިޔާސީ ހަލަބޮލިކަން ވީހާ ވެސް ކުޑަކޮށްގެން ކަމަށް އޭނާ ވެސް ވިދާޅުވި އެވެ.
"އިގްތިސާދީ ގޮތުން ރާއްޖޭގެ ހާލަތާ މެދު ވިސްނައިގެން އަޅުގަނޑުމެން ކޮންމެ ފިޔަވަޅެއް ވެސް އަޅަން ޖެހެނީ. އިގްތިސާދާ މި ހުރިހާ ކަމެއް މި ހުންނަނީ ގުޅިފައި،" ސައީދު ވިދާޅުވެފައިވެ އެވެ.
އިގްތިސާދާ މެދު އެންމެން ވެސް ފަރުވާތެރިވާން ޖެހެ އެވެ. ހަލަބޮލިކަމެއްގެ ސަބަބުން އިގްތިސާދަށް ކުރިމަތި ވެދާނެ އަސަރު އެންމެ އާދައިގެ މީހާ އަށް ވެސް ކުރާނެ އެވެ. އެއީ އެންމެ ނިކަމެތި މީހާގެ ޖީބަށް ވެސް ކުރާނެ އަސަރެކެވެ. ކޮންމެ މީހާކު އަޅާ ކޮންމެ ފިޔަވަޅަކީ އިގްތިސާދަށް ގެއްލުން ނުވާނެ ފިޔަވަޅަކަށް ވާން ޖެހެ އެވެ. ސިޔާސީ ހިޔާލު ތަފާތު ވުމަކީ އިގްތިސާދު ފަނާކޮށްލަން ޖެހޭ ކަމެއް ހެއްޔެވެ؟ އިގްތިސާދަށް ހަމަ ނޭވާއެއް ލާނެ ފުރުސަތެއް ދެމާ ހެއްޔެވެ؟