އާސަންދަ

ބަދަލުތަކާއެކު ސުޕަ ސްޕެޝަލިސްޓުންގެ ފަރުވާ ޕްރޮގްރާމް ފަށަނީ

Aug 14, 2016

އަތޮޅުތަކުގައި ބަލި މީހުން ބަލައި ފަރުވާ ދިނުމަށް ފެށި ސުޕަ ސްޕެޝަލިސްޓް ޑޮކްޓަރުން ފޮނުއްވުމުގެ ޕްރޮގްރާމުގައި ދެން ކުރިއަށް ގެންދާނީ އަތޮޅަކުން އެކަމަށް އެދުމުން ކަމަށް އާސަންދަ ކޮމްޕެނީން ބުނެފި އެވެ.

އާސަންދައިން ބުނީ ދެ ބުރެއްގެ މަތިން ހިންގި ޕްރޮގްރާމްގައި މުޅި ރާއްޖެ ކަވަރުކޮށް 4000 އަށްވުރެ ގިނަ މީހުނަށް ފަރުވާ ދީފައިވާއިރު މި ޕްރޮގްރާމް ދެން ކުރިޔަށް ގެންދާނީ ބަދަލުތަކަކާއެކުގައި ކަމަށެވެ. އެގޮތުން ޕްރޮގްރާމް ކުރިޔަށް ގެންދާ ގޮތަށް ބަދަލުތަކެއް ގެނެސް ވަކި ރަށަކުން ނޫނީ އަތޮޅަކުން ސުޕަ ސުޕެޝަލިސްޓުންގެ ޓީމަށް އެދުމުން އެ އަތޮޅަކށް ނޫނީ ރަށަކަށް ފޮނުވައިދޭނެ އެވެ.

މި ޕްރޮގްރާމްގައި ދެ ބުރެއް ކުރިޔަށް ގެންދިޔައިރު އެންމެ ގިނައިން ފަރުވާ ހޯދީ ކަރުން މައްޗާއި ކަށީގެ އިތުރުން ނާރުގެ ބަލިތަކުގެ މީހުންނެވެ. އެ ޕްރޮގްރާމްގެ ތެރެއިން ޑޮކްޓަރުންނަށް ދެއްކި މީހުންގެ ތެރެއިން 397 މީހަކު ރާއްޖެއިން ބޭރަށް ފަރުވާ ހޯދަންޖެހޭ ކަމަށް ލަފާ ދިނުމުން އެކަންކަން ހަމަޖައްސައި ދީފައި ވެއެވެ