ހަބަރު

ހަކުރުބަލީގެ މީހުން ބޭނުންކުރާ އުފެއްދުމަކުން މައްސަލަތަކެއް ފެނިއްޖެ

Feb 21, 2015

ހަކުރު ބަލީގެ މީހުން ބޭނުންކުރާ އުފެއްދުމަކުން މައްސަލަތަކެއް ފާހަގަކުރެވުމުން އެތަކެތި ނައްތާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނެފި އެވެ.

ފުޑް އެންޑް ޑްރަގް އޮތޯރިޓީން ނެރުނު ބަޔާނެއްގައިވަނީ ރާއްޖެއަށް އެތެރެކޮށް ވިއްކާ ޖަރުމަނުގެ އުފެއްދުމެއް ކަމުގައިވާ "ޑަޔަމަންޑް ލިކުއިޑް ސުވީޓްނާ" ގެ ބައެއް ފުޅީގެ ކުލައާއި ވަސް ބަދަލުވެފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އަދި އޭގެ ބައެއް ފުޅިތައް ނައްތާލާފައިވާ ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ. އަދި ބުނެފައި ވަނީ އެ ބްރޭންޑްގެ ގަންނައިރު ރަނގަޅަށް ޗެކްކޮށް ރައްކާތެރިކަން ކަށަވަރުކުރުމަށްފަހުގައި ނޫނީ ބޭނުން ނުކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.

އެފަދަ ތަކެތި ވިއްކަން ބަހައްޓާފައިހުރި ނަމަ ނައްތާލުމަށްޓަކައި ލަސްނުކޮށް އެމައުލޫމާތު ފުޑް އެންޑް ޑްރަގް އޮތޯރިޓީއަށް އެންގުމަށް ވެސް އެ އޮތޯރިޓީން އެދެ އެވެ..