ބޭރު ކުޅިވަރު

ސެވިއްޔާގެ ކޯޗަށް އެންރީކޭގެ ތައުރީފް

މި ސީޒަންގައި ސެވިއްޔާއާ ހަވާލުވި ކޯޗް ޖޯޖް ސަމްޕޯލީގެ ފިލޯސަފީއާއެކު ސެވިއްޔާ އިތުރަށް ވަރުގަދަ ވެއްޖެ ކަމަށް ސްޕެނިޝް ސްޕަކަޕްގައި މިރޭ ސެވިއްޔާއާ ދެކޮޅަށް ނިކުންނަ ބާސާގެ ކޯޗް ލުއިސް އެންރީކޭ ބުނެފި އެވެ.

މެޗްގެ ކުރިން ވަހަކަ ދައްކަމުން އެންރީކޭ ބުނީ ސެވިއްޔާއަކީ އަބަދުވެސް ވަރުގަދަ ޓީމެއް ކަމަށާއި ހާއްސަކޮށް ސަމްޕޯލީ އެޓީމާ ހަވަލުވި ފަހުން އެޓީމު އިތުރަށް ވަރުގަދަވެފައިވާ ކަމަށެވެ.

"ސެވިއްޔާ އަބަދު ވެސް ވަރަށް ނުރައްކާ. އަބަދުވެސް އެމީހުން ވަރަށް އޮގަނައިޒްޑް. އަދި އެ ސްކޮޑްގައި ވެސް ތިބީ ހުނަރުވެރި ކުޅުންތެރިން، އަދި ސަމްޕޯލީއާއެކު ފެންނަނީ މާ ވަރުގަދަކޮށް،" އެބަތިބި އެންރީކޭ ބުންޏެވެ.

އެންރީކޭ ބުނީ އޮފް ސީޒަނަށް ފަހު ބާސާ އޮތީ އާ ސީޒަން ހުޅުވާ މެޗަށް ވަރަށް ރަނގަޅަށް ތައްޔަރުވެފައި ކަމަށެވެ. އަދި މިރޭގެ މެޗްގައި ކުޅޭނެ ފުރަތަމަ 11 ވެސް މާކުރިން ނިންމާފައިވާނެ ކަމަށެވެ.

އޭނާ ބުނީ ތައްޓެއް ހޯދުމަށް އެންމެ މުހިންމީ ކުޅުންތެރިންގެ އެޓިޓިއުޑް ވަކި ގޮތަކަށް ބައްޓން ކުރުން ކަމަށައި ބާސާގެ ސްކޮޑްގައި އެ ކޮލިޓީ އެބަހުރި ކަމަށެވެ.

ސްޕެނިޝް ސްޕަކަޕްގެ ފުރަތަމަ ލެގްގައި ސެވިއްޔާއާ ބާސާ ކުޅެ މެޗް ފަށާނީ ރާއްޖޭ ގަޑިން މިރޭ ދަންވަރު 1:00 ގައެވެ.