ޕީޕީއެމް

ސުލޫކީ މައްސަލަތައް އަވަސްކޮށްދޭން އެދެފި

ޕީޕީއެމް ޕާޖީ ގްރޫޕަށް ނިސްބަތްވާ ފަސް މެންބަރަކާ ގުޅޭ ގޮތުން އެ ޕާޓީގެ ސުލޫކީ ކޮމެޓީއަށް ހުށަހަޅާފައިވާ މައްސަލަތައް ނުބަލައި ދިގު ދެމިގެންދާތީ އެ މައްސަލަތައް އަވަސްކޮށްދޭން ޕީޕީއެމް އޮފީހުން އެ ކޮމެޓީގައި އެދެފި އެވެ.

ސުލޫކީ ކޮމެޓީއަށް މައްސަލަ ހުށަހަޅާފައި ވަނީ ޕީޖީ ގުރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކާއި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުލް ރަހީމް އަބްދުﷲ އާއި ނައިފަރު ދާއިރާގެ އަހުމަދު ޝިޔާމާއި ކެލާ ދާއިރާގެ މެންބަރު އަލީ އާރިފާއި ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދާ ގުޅޭ މައްސަލަތަކެކެވެ. މީގެ ތެރެއިން އަބްދުއްރަހީމާ ގުޅޭ ދެ މައްސަލައެއް ހުށަހަޅާފައިވެ އެވެ.

ޕީޕީއެމްގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަބްދުލް އަލީމް މިއަދު ވިދާޅުވީ މި މައްސަލަތައް ބަލައިދިނުމަށް އެދި ސުލޫކީ ކޮމެޓީއަށް ފޮނުވީ މިދިޔަ މަހުގެ ދެވަނަ ދުވަހު ކަމާއި ޕާޓީގެ ސުލޫކީ މައްސަލަތަކާ ގުޅޭ ގަވައިދުގައިވާ ގޮތުން އެފަދަ މައްސަލައެއް ހުށަހަޅާތާ 24 ގަޑިއިރުތެރޭ އެ މައްސަލައެއް ކޮމެޓީގެ މުގައްރިރަށް ޕާޓީގެ އޮފީހުން އަންގަން ޖެހޭ ކަމށެވެ. އަދި ކޮމެޓީއަށް މައްސަލަ ހުށަހެޅޭތާ ގިނަ ވެގެން ހަފުތާއެއްގައި ތެރޭގައި އެ މައްސަލައަކާމެދު ގޮތެއް ނިންމަން ޖެހޭނެ އެވެ.

އަލީމް މިއަދު ވިދާޅުވީ، މައްސަލަަ ހުށަހެޅުނު ފަހުން މިއަދާ ހަމައަށް ވެސް އެ މައްސަލަތަކާ ގުޅޭ ގޮތުން ގޮތެއް ނިންނި ކަމެއް ސުލޫކީ ކޮމެޓީން އަންގާފައިނުވާ ކަމަށެވެ. އަދި މި މައްސަލަތައް ބެލުމަށާއި މައްސަލައިގެ ތަފްސީލުތައް އޮފީހަށް ފޮނުވުމަށް ކޮމެޓީއަށް އަންގާފައިވާނެ ކަމަށެވެ.

މި މައްސަލަތައް ހުށަހަޅާފައިވާއިރު ޕީޕީއެމާ ގުޅޭ މައްސަލައެއް ސިވިލް ކޯޓްގައި ވެސް ކުރިޔަށް އެބަދެ އެވެ.