ދުނިޔެ

"ސަރަހައްދުގެ މާލީ ހަބަކަށް ލަންކާ ހަދަން ޗައިނާ އެހީތެރިވާނެ"

Aug 14, 2016

ދެކުނު އޭޝިއާގެ މާލީ ހަބަކަށް އަވަށްޓެރި ސްރީލަންކާ ހެދުމަށް ޗައިނާއިން އެހީތެރިވާނެ ކަމަށް ޗައިނާގެ އުތުރު އިރުމަތީގެ ޗޮންގްޖިން ސިޓީގެ މޭޔަރު ހުއާންގް ޖިފަން ވިދާޅުވެއްޖެ އެވެ.

މޭޔަރު ޖިފަން މިހެން ވިދާޅުވީ މިހާރު ޗައިނާއަށް ކުރައްވަމުން ގެންދަވާ ދަތުރު ފުޅުގައި އުތުރު އިރުމަތީގެ ސިނާއީ ސަރަހައްދުތަކަށް ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ކުރައްވަމުންދެންދާވަ ދަތުރުފުޅުގައި، ޖިފަން އާއެކު ބޭއްވި ރަސްމީ މަޝްވާރާ ތަކުގަ އެވެ.

ޖިފަން ވިދާޅުވީ ލަންކާ އަކީ މާލީ ހަބަކަށް ހެދުމުގެ ބޭނުމަކީ ދުނިޔެއަށް ދިމާވާ އިގްތިސޯދީ ކާރިސާއަކުން އޭޝިއާ ސަލާމަތްވުމަށްޓަކައި ކަމަށެވެ.

އޭނާ ވިދާޅުވީ ސިންގަޕޫރާއި ދުބާއީއާ ދެމެދު އިތުރު ފައިނޭޝިއަލް ސިޓީއެއް ގާއިމު ކުރުމަށް ބޭނުންވާ ކަމަށާއި އެ ސިޓީ ލަންކާގައި ގާއިމު ކުރުމަށް އެހީތެރިވެދޭނެ ކަމަށެވެ.

މޭޔަރު މިހެން ވިދާޅުވީ ބޭއްވި މަޝްވަރާތަކުގައި ރަނިލް އެކަމަށް އެދިވަޑައިގެންނެވުމުންނެވެ. ލަންކާގެ ހިރޫ ނިއުސް އެޖެންސީން ބުނީ ލަންކާއަކީ ދެކުނު އޭޝިއާގެ މާލީ ހަބަކަށް ވުމަށް ކަނޑައަޅާފައިވާ އަމާޒުގައި ޗައިނާގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ.

އިތުރަށް ރަނިލް ވިދާޅުވީ ލަންކާގެ ރައީސް މައިތިރިޕަލާ ސިރިސޭނާގެ އެއްބައިވަންތަ ކަމުގެ ސަރުކާރުގައި ލަންކާގައި ދެމެހެއްޓެނިވި އިގްތިސޯދީ ސިނާއަތްތައް ގާއިމު ކުރަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

ރަނިލް ޗައިނާގެ އުތުރު އިރުމަތީ ސަރަހައްދަށް ވަޑައިގެން ކާގޯ ޓާމިނަލްއާއި ޓެކްނޮލޮޖީ ޕާކުތަކާއި ޕްރޮޑެކްޝަން ހައުސްތައް އޮބްޒާވް ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ޒިންހުއާ ނިއުސްއެޖެންސީން ބުނީ ޗައިނާގެ ސީއެޗްއީސީ އިންޖިނިއަރިން ކޮމްޕެނީއިން ކޮލަމްބޯގައި ހަދަމުންދާ ޕޯޓް ސިޓީގެ ޕްރޮޖެކްޓް ނިމުމުން ދެކުނު އޭޝިއާގައި ދެމެހެއްޓެވި ގޮތެއްގައި އިގްތިސޯދީ އިންވެސްޓްމެންޓްގެ މަންޒިލަކަށް ލަންކާވެގެންދާނެ ކަމަށެވެ.

ލަންކާއަކީ މި ސަރަހައްދުގެ ޝިޕިން އިންޑަސްޓްރީގެ ހަބަކަށް ހެދުމަށްވެސް ޗައިނާއިން އެހީތެރިކަން ފޮރުކޮށްދިނުމަށް މިއަހަރު ޖޫން މަހު ވަނީ އެއްބަސްވެފަ އެވެ.