ރިޕޯޓް

ރީހެބުގެ ފަރުވާ: މިއީ ތި ހީކުރާ ކަހަލަ ކަމެއް ނޫން!

  • ފަރުވާގެ ބޮޑު ބައެއް ދީނުގެ އަސާސްތަކުގެ މައްޗަށް
  • މުޖުތަމައަށް އަނބުރާ އަންނަން ލިބޭ ފުރުސަތެއް
  • ރިހެބްގެ ފަރުވާއާ މެދު މީހުން ދެކޭ ގޮތް ބަދަލުވާން ޖެހޭ

މަސްތުވާތަކެތީގެ ވަބާއަކީ ރާއްޖޭގައި މިހާރު އޮތް އެންމެ ބޮޑު މައްސަލަ އެވެ. އެ ތަކުލީފް އުފުލަން ނުޖެހޭ އާއިލާއެއް ރާއްޖޭގައި ހުރިހެނެއް ހިއެއް ނުވެ އެވެ. އެ ވަބާއިން ސަލާމަތް ވުމަށް އެންމެ ރަނގަޅަކު ފަރުވާއެއް ލިބެން އޮތް އެއްތަނަކީ، ކ. ހިންމަފުށީގައި ސަރުކާރުން ތަރައްގީކޮށް ހިންގަމުން އަންނަ ރިހެބެވެ. އެ ރިހެބުގެ ވާހަކަ އެކި މީހުން ދައްކަނީ އެކި ގޮތަށެވެ. އެތަނާ މެދު މުޖުތަމައުގައި ދެކެނީ އެކި ގޮތަށެވެ. އެއްބަޔަކު ބުނާ ގޮތުން، އެއީ "އެތިއެތިކޮޅު" ދީގެން ކުދިން އިސްލާހު ކުރާތަނެކެވެ. ނުވަތަ އެއީ، ކުށްވެރިންނަށް ހިމާޔަތް ދޭ ތަނެކޭ ބުނާ ބަޔަކު ވެސް އުޅެ އެވެ. އެކަމަކު އެތަނަށް ގޮސް ބަލައިލުމުން މަންޒަރު ފެންނަނީ މުޅިން އެހެން ގޮތަކަށެވެ.

ރީހެބު ނުވަތަ ޑްރަގް ޓްރީޓްމެންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރު ހިންގަނީ ނޭޝަނަލް ޑްރަގު އެޖެންސީގެ ފަރާތުންނެވެ. މި ސެންޓަރުން ދޭ ފަރުވާ ބިނާވެފައިވަނީ ތެރަޕިއުޓިކް ކޮމިއުނިޓީ މޮޑެލް (ޓީސީ) އަސާސަކަށް ބަލައިގެންނެވެ. ޓީސީއަކީ އެކަކު އަނެއްކަކަށް އެހީވުމާއި އަޅާލުމާއި އިތުބާރު ކުރުމާއި އަދި އަމިއްލަ މަސްއޫލިއްޔަތާ އާއިލާގެ މެދުގައި އޮންނަ ގުޅުންތައް ހަރުދަނާކުރުމަށް އެއްބާރުލުން ދިނުމުގެ މައްޗަށް ބިނާވެފައިވާ ވިސްނުމެކެވެ.

މި ސެންޓަރުންދޭ ފަރުވާގެ މުއްދަތަކީ ހަތަރު މަހާއި ހަ މަހުގެ މުއްދަތެކެވެ.

އަމިއްލައަށް ދެވޭ! ކުށްވެރިއެއްނުވޭ!

ރީހެބަށް ދެވޭ އޮންނަނީ ދެ ގޮތެކެވެ. އެއީ، ޑްރަގު ކޯޓުން ރިހެބަށް މީހަކު ފޮނުވުމާއި އަމިއްލައަށް އެދިގެން އެ ޑްރަގް އެޖެންސީގެ އެހީއަށް އެދުމެވެ. އަމިއްލައަށް ރަނގަޅުވާން ބޭނުންވެގެން އަމިއްލަ އިހުތިޔާރުގައި ރީހެބަށް ދިޔުމަށް އެދޭ މީހާ، ޑްރަގު އެޖެންސީގައި މަސްތުވާތަކެތި ބޯކަމަށް ބުނެވާ އިއުތިރާފަކުން އޭނާ ކުށްވެރިއެއް ނުވާނެ އެވެ. ގާނުނުގައި އޮތީ އެގޮތަށެވެ. އަދި ރިހެބުގައި ފަރުވާ ހޯދާ މީހުންގެ މައުލޫމާތު ވެސް ޑްރަގު އެޖެންސީއިން އެއްވެސް ގޮތަކަށް އާންމެއް ނުކުރާނެ އެވެ.

ރީހެބަށް މީހަކު ދާނެ ތިން މަގެއް އޮވެ އެވެ.

ހަރުދަނާ އުސޫލުތައް! ރިވެތި އާދަ!

ރިހެބުގައި އުސޫލުތަކާއި ގަވާއިދުތައް ވަރަށް ފުރިހަމައަށް ވަނީ އެކަށަ އަޅާފަ އެވެ. އެ އުސޫލުތަކަށް ތަބާވުމަކީ ފަރުވާ ހޯދާ ކޮންމެ މީހަކަށް ލާޒިމު ކަމެކެވެ. ތަނުގައި ރިވެތި އުސޫލުތަކެއް ދަމަހައްޓާކަން ސާބިތުވާ މިއީ ކުޑަ ހެއްކެކެވެ. އެތަނުން ފެނުނުނު ކުޑަ ކަމެކެވެ. މިސްކިތް ބޭރުގައި ފައިވާންތައް ބަހައްޓާފައި ހުރީ، ވަރަށް ތަރުތީބުން އޯޑަރަށެވެ. ހަމަ އެގޮތަށް ކޮޓަރި ތެރޭގަ އާއި އެނދުމަތި ވެސް ތަރުތީބުކޮށްފައިވަނީ ހަމަ އެހާ ރީއްޗަށެވެ.

މި ސެންޓަރުގައި ކޮންމެ މީހަކު ވެސް އުޅެންޖެހެނީ ކައުންސިލަރުން ބައިވެރިވެގެން ހަދާފައިވާ ތާވަލަކާ އެއްގޮތަށެވެ. ފަތިހު ފަތިސް ނަމާދުގެ ކުރިން ހޭލަން ޖެހޭއިރު ހެނދުނު ހާއްސަ ބައްދަލުވުމެއް ވެސް ދުވަހަށް ތައްޔާރުވުމަށް ބާއްވަ އެވެ. ދުވަސް ނިންމާލުމަށް ވެސް ބައްދަލުވުމަކަށްފަހު ރޭގަނޑު 9:30 ސެންޓަރު ބަންދުކޮށް ނިދަން ދެ އެވެ.

އެތަނުގައި ފަރުވާ ހޯދާއިރު، ޖުމްލަ ހަތް މަރުހަލާއެއް ކަޑަތުކުރަން ޖެހެ އެވެ. ފުރަތަމަ އަލަށް ރީހެބަށް ގެންދާ މީހުން ތިބުމަށް ވަކި ތަނެއް ހިންމަފުށީ މަރުކަޒުގައި ހުރެ އެވެ. އަދި އެ މަރުހަލާއަށްފަހު "އިންޓޭކް" މަރުހަލާއަށް ފޮނުވަ އެވެ. އެއީ ވަކިން އުޅެންޖެހޭ މަރުހަލާއެކެވެ. އެ މަރުހަލާގައި މަޖުބޫރުވާ ހަމައެކަނި ކަމަކީ ފަސް ވަގުތު ނަމާދުކުރުމެވެ. ނަމާދު ނުކުރާނަމަ އެތަނުގައި މަޑުކުރަން ޖެހޭ ދުވަސް އިތުރުވެ އެވެ.

އެއަށްފަހު ނިކުންނަނީ ބޭރަށެވެ. އެ ސެންޓަރުގައި ތިބޭ އެހެން މީހުންނާ އެކުވެ، "އާއިލާ"ގެ މެންބަރަކަށް ވެވޭނީ އެވެ. މި މަރުހަލާގައި ކްލާސްތަކުގައި ބައިވެރިވެ، ތަފާތު ތަމްރީނުތައް ހޯދުމުގެ ފުރުސަތު ލިބެ އެވެ. އެންމެ ބޮޑު އިސްކަމެއްދީފައިވަނީ އިސްލާމް ދީނާއި ޤުރުއާނުގެ އިލްމް ދަސްކޮށްދިނުމަށެވެ. އެގޮތުން ޤުރުއާން ހިތު ދަސްކޮށްދިނުމުގެ ކުލާސްތައް ވެސް ހިންގަ އެވެ. އަދި ކޮންމެ ނަމާދު ގަޑިއެއް ޖެހުމުގެ ފަސް މިނެޓް ކުރިން މިސްކިތަށް އެރުމަކީ މަޖުބޫރު ކަމެކެވެ.

މީގެއިތުރުން ހޭލުންތެރިކުރުމަށް ތަފާތު ސެމިނާތައް ވެސް ހިންގަ އެވެ. ދިރިއުޅުމުގައި ކޮންމެހެން އެނގެންޖެހޭ ކަންކަން ދަސްކޮށްދިނުމަށް މި ސެމިނާތައް ތާވަލެއްގެ ދަށުން ހިންގަ އެވެ. އަދި ބައެއް މަސައްކަތްތައް ވެސް ދަސްކޮށްދެ އެވެ. އަތްތެރި މަސައްކަތްތައް ފަދަ ކަންކަން ވެސް ފަރުވާ ހޯދާ މީހުން މިތަނުން ދަސްކުރެ އެވެ. އެ ސެންޓަރުގައި ހުންނަ ގިނަ ފަރުނީޗަރުތަކަކީ ފަރުވާ ހޯދާ މީހުން އަމިއްލައަށް ތައްޔާރުކޮށްފައިވާ ތަކެއްޗެވެ. ވަރަށް އަވަހަށް އެތަނުން ފަރުވާ ހޯދާ މީހުންގެ އަތްތެރިކަމުގެ ހުނަރު ދައްކާލުމަށް މައުރަޒެއް ވެސް ބާއްވަން އަންނަނީ ތައްޔާރުވަމުންނެވެ.

މީގެއިތުރުން ވެސް ފޮތް ކިޔައި، އަމިއްލައަށް ދަސްކުރުމުގެ ފުރުސަތު ވެސް ސެންޓަރުގައި އޮތީ ހުޅުވިފަ އެވެ. މަދު ފޮތްތަކެއް ހުއްޓަސް އެތަނުގައި ވެސް ފަރުވާ ހޯދާ މީހުންނަށް ބޭނުންވާ އެކި ފޮތްތައް ވެސް އެބަ ހުއްޓެވެ. އެ ލައިބްރަރީ މުއްސަދި ކުރަން ވެސް އެ ސެންޓަރަށް އެހީ ބޭނުންވެ އެވެ.

ސެންޓަރުގެ މީހުންނަށް ހާއްސަކޮށް އެތަނުގައި ޖިމެއް ވެސް ވަނީ ހަދާފަ އެވެ. އެ ޖިމަކީ ފެންވަރު ރަނގަޅު ގިނަ ކަސްރަތުތައް ކުރެވޭ ގޮތަށް ހަދާފައިވާ ޖިމެކެވެ. ހަމައެގޮތަށް މިޔުޒިކް ކުޅެން ދަސްކޮށްދޭ، މިޔުޒިކް ރޫމެއް ވެސް އެތަނުގައި ހުރެ އެވެ.

މި ސެންޓަރުގައި އަންހެނުންނާއި ފިރިހެން އުޅެނީ ވަކިންނެވެ. އަންހެނުންނަށް ވަކިން ހާއްސަކޮށް ތަނެއް ވަނީ ހަދާފަ އެވެ. އަދި އެތަނުގައި އުޅޭއިރު ފަރުވާ ހޯދާ މީހުން ތިބެނީ ވަރަށް ރީއްޗަށް ހެދުން ވެސް އަޅައިގެންނެވެ. ބެގީކޮށް ޓައީ އަޅައި، ވަރަށް ރީއްޗަށެވެ. އަންހެނުން ތިބެނީ ބުރުގާ އަޅައިގެންނެވެ. އެއީ އެއް އިރެއްގައި މަސްތުވާތަކެތީގައި ވަބާގައި މަގުމަތީ ހޭލަމޭލަވެ އުޅުނު ބަޔެކޭ ބަޔަކު ނުވެސް ބުނާނެ އެވެ.

ހަރުދަނާވުމަށްފަހު މުޖުތަމައުއަށް!

ތަމްރީނުތަކާއި ކުލާސްތައް ނެގުމަށްފަހު، ދެން މީހާއަށް ޒިންމާތަކެއް ހަވާލުކުރެ އެވެ. ދަށު މަރުހަލާތަކުގައި އުޅޭ މީހުންގެ ކަންކަން ބަލަހައްޓައި ކަންކަން ސުޕަވައިޒުކުރުމުގެ ޒިންމާ ހަވާލުކުރެ އެވެ. ސެންޓަރުގެ ކަންކަން ބައްޓަންކޮށްފައިވާ ގޮތުން ގިނަ ޑިޕާޓްމެންޓްތަކެއް ހަދައި، އެ ޑިޕާޓްމެންޓްތަކަށް ތަފާތު މަސްއޫލިއްޔަތުތައް ހަވާލުކޮށް ޒިންމާތައް ވަނީ ހަވާލުކޮށްފަ އެވެ.

އެ މަރުހަލާއަށްފަހު މުޖުތަމައުއަށް ނެރުމަށް ފައްކާކުރެ އެވެ. އަދި ސާފު މީހެއްގެ ގޮތުގައި މުޖުތަމައުއަށް ދޫކޮށްލަ އެވެ. އެނބުރި އައި މާހައުލަށް ދަނީ މުޅިން ތަފާތު މީހެއްގެ ގޮތުގަ އެވެ.

އެތަނުގައި ފަރުވާ ހޯދާއިރު މަސްތުވާތަކެތި ދޭ ކަމަށް ބުނި ނަމަވެސް އެއީ ހަގީގަތެއް ނޫނެވެ. އެތަނުގައި ދަސްކޮށްދެނީ ރިވެތި އުސޫލުތަކާއި އަހުލާގާއި ކެތްތެރިކަމެވެ. މުޖުތަމައުއަށް ނިކުންނަނީ އެ ރީތި ސިފަތައް ދަސްކޮށްގެނެންވެ.

ފަރުވާ ނިންމުމަށްފަހު އެތަނުގައި ވޮލެންޓިއާކޮށް ވަޒީފާ އަދާކުރުމުގެ ފުރުސަތުވެސް ދެ އެވެ. އެގޮތަށް ވަޒީފާއަދާކުރާ މީހުން މިހާރު ވެސް އެ ސެންޓަރުގައި އެބަ ތިއްބެ އެވެ. އެކަމުގެ މަގުސަދަކީ ފަރުވާދިނުމުގެ ނިޒާމު ހިންގުމަށް ފަސޭހަކުރުމެވެ. އަދި އެމީހުންނަށް މުޖުތަމައު ބަލައިގަތްކަން އަންގައިދިނުމެވެ.

ފަރުވާއަށްފަހު ވެސް ގޯސްވޭ!

ރީހެބުން ފަރުވާ ހޯދައިގެން ނިކުތުމަށްފަހު ބައެއް މީހުން އަނެއްކާވެސް ކުރިން ހުރި ހާލަތައްދެ އެވެ. މިއީ އެ ފަރުވާގެ މައްސަލައެއް ނޫނެވެ. މުޖުތަމައުގެ މައްސަލައެކެވެ. އެމީހާ އެނބުރި އަންނަން ޖެހެނީ ކުރިން ވެސް އެމީހާއަށް އެ ހާލު ޖެއްސި މުޖުތަމައު ތެރެއަށެވެ. ސާފު މީހެއްގެ ގޮތުގައި އެނބުރި އައުމުން ވެސް މީހުންގެ ނަފުރަތާއި ބަލައިނުގަތުން އެމީހާއަށް ރައްދުވެ އެވެ. މިކަމުގެ ނަތީޖާއަކަށް ވަނީ އަނެއްކާވެސް އެ ހާލަތަށް ދިއުމެވެ. އަނެއްކާވެސް ފަރުވާ ނަގަން ޖެހުމެވެ.

މިކަަމަށް މުޖުތަމައު މިހާރަށްވުރެ ބޮޑަށް ހޭލުންތެރިވާން މިވަނީ ޖެހިފަ އެވެ. އެނބުރި އަންނަ މީހުންނަށް އަލުން ރީތި ދިރިއުޅުމެއް އުޅެވޭނެ ފުރުސަތު ދޭން އެބަ ޖެހެ އެވެ. މުޖުތަމައުން އެމީހުން ބަލައިގަންނަން އެބަ ޖެހެ އެވެ.

މީގެއިތުރަށް ރީހެބުގައި ދެމުންދާ ފަރުވާ އާއި އެތަނުގެ ހިދުމަތްތަކާ މެދު ދެކުމުން އައި ގޮތް ބަދަލުކޮށް، ޑްރަގްގެ ފަރުވާއާ މެދު ވައްކަޅިން ބެލުން ހުއްޓާލަން ވެއްޖެ އެވެ.