ޒަލްޓާން އިބްރޮހިމްވިޗްގެ ލަނޑަކާއެކު ބޯންމައުތުގެ މައްޗަށް މެންޗެސްޓާ ޔުނައިޓަޑް ކާމިޔާބު ހޯދިއިރު ފަހަތުން އަރައި އާސެނަލްގެ މައްޗަށް 4-3 ގެ ނަތީޖާއަކުން ލިވަޕޫލް ވެސް ކުރި ހޯދައި ލީގްގައި ފެށުން ރަނގަޅުކޮށްފި އެވެ.
ލިވަޕޫލުން އެޓީމުގެ ހަތަރު ލަނޑު ޖެހީ މެޗްގެ 31 ވަނަ މިނެޓްގައި ތިއޯ ވޮލްކޮޓްގެ ލަނޑުން އާސެނަލް ކުރި ހޯދައިފައި ވަނިކޮށެވެ. އޭގެ ކުރިން ވޮލްކޮޓަށް ވަނީ ލަނޑު ޖެހުމަށްޓަކައި ޕެނަލްޓީއެއް ލިބި ފައެވެ. ނަމަވެސް އޭނާ ފޮނުވާލި ޕެނަލްޓީ ލިވަޕޫލްގެ ކީޕަރު ސިމޯން މިގްނޮލެޓް ވަނީ ދިފާއުކޮށްފަ އެވެ.
މެޗްގައި ލިވަޕޫލްގެ ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބު ކުރީ ފިލިޕޭ ކްޓޫނިއޯ އެވެ. ލިވަޕޫލަށް ނަތީޖާ ހަމަހަމަ ކޮށްދިން ލަނޑު އޭނާ ކާމިޔާބު ކުރީ ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓް ތެރޭގަ އެވެ.
ލިވަޕޫލް ލީޑް ނެގި ލަނޑު ދެ ވަނަ ހާފު ފެށިގެން ހަތަރު ވަނަ މިނެޓްގައި ކާމިޔާބު ކުރީ އެޑަމް ލަލާނާ އެވެ. ތިން ވަނަ ލަނޑު ކްޓޫނިއޯ ކާމިޔާބު ކުރީ 56 ވަނަ މިނެޓްގައެވެ.
ލިވަޕޫލްގެ ހަތަރު ވަނަ ލަނޑު ސަޑިއޯ މާނޭ ކާމިޔާބު ކުރީ 63 ވަނަ މިނެޓްގަ އެވެ.
އޭގެ އެއް މިނެޓް ފަހުން ލިވަޕޫލްގެ ދެ ވަނަ ލަނޑު ކާމިޔާބު ކުރީ އެލެކްސް އޮކްސްލީޑޭ ޗެމްބަލައިންއެވެ. މެޗްގެ 75 ވަނަ މިނެޓްގައި އާސެނަލްއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ކައުލަމް ޗެމްބާސް އެވެ.
ބޯންމައުތުގެ ވިޓާލިޓީ ސްޓޭޑިއަމްގައި ކުޅުނު މެޗްގައި މެންޔޫގެ ފުރަތަމަ ލަނޑު 40 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ހުއާން މާޓާ އެވެ.
ދެ ވަނަ ލަނޑު ވެން ރޫނީ ކާމިޔާބު ކުރީ 59 ވަނަ މިނެޓްގައި އެންތޮނީ މާޝިއަލް ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ. މެޗްގެ 64 ވަނަ މިނެޓްގައި އިބްރޮހިމްވިޗް ލަނޑު ޖެހީވެސް މާޝިއަލް ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.
ބޯންމައުތުގެ ހަމައެކަނި ލަނޑު ކާމިޔާބު ކުރީ އެޑަމް ސްމިތުއެވެ.