ވިޔަފާރި

ޓޫރިޒަމްގެ މައި ޖަމިއްޔާ އިން ގެސްޓް ހައުސް ކޮންފަރެންސް ބަލައިގެންފި

Aug 15, 2016
  • ކޮންފަރެންސް އޮތީ އަންނަ މަހު 24 ގައި
  • މި ބައްދަލުވުމުގައި 150 ގެސްޓް ހައުސް
  • ޕާޓްނަރުންގެ ގޮތުގައި 15 ކުންފުނި

އަންނަ މަހު ރާއްޖޭގައި ބާއްވާ ގެސްޓް ހައުސް މޯލްޑިވްސް ކޮންފަރެންސް ދުނިޔޭގެ ޓޫރިޒަމް ޖަމިއްޔާ، ވޯލްޑް ޓޫރިޒަމް އޮގަނައިޒޭޝަން (ޑަބްލިޔުޓީއޯ) ބަލައިގަނެ، އެންޑޯސްކޮށްފި އެވެ.

ގެސްޓް ހައުސް މޯލްޑިވްސް ކޮންފަރެންސް 2016 އިންތިޒާމުކުރާ "ގެޓް އަވޭސް" އިން ބުނި ގޮތުގައި ރާއްޖޭގެ 150 ގެސްޓް ހައުސް ވެރިން ބައިވެރިވާ މި ބައްދަލުވުން ދުނިޔޭގެ ޓޫރިޒަމް ޖަމިއްޔާ ޑަބްލިޔުޓީއޯ އިން އެންޑޯސްކުރުމަކީ ލިބިގެން ދިޔަ ބޮޑު ޝަރަފެއް ކަމަށާއި، މިކަމުން އެނގިގެން ދަނީ މި ކޮންފަރެންސް ގިނަ ބަޔަކު ބަލައިގެންފިކަން ކަމަށެވެ.

އދ. ގެ ޓޫރިޒަމް ޖަމިއްޔާ، ޑަބްލިޔުޓީއޯ އިން ގެސްޓް ހައުސް ކޮންފަރެންސް އެންޑޯސް ކުރުމާއި ގުޅިގެން އެ ޖަމިއްޔާއިން އޭޝިޔާ އާއި ޕެސިފިކް ގައުމުތަކަށް ކަނޑައަޅުއްވާފައި ހުންނަވާ އެގްޒެކެޓިވް ޑިރެކްޓަރު ޒޫ ޖިން ވަނީ ބަޔާނެއް ދީފަ އެވެ. އެ ބަޔާނުގައި ރާއްޖޭގައި ބާއްވާ ފުރަތަމަ ޓޫރިޒަމް ކޮންފަރެންސަށް މަރުހަބާ ކިޔައި، މި ކޮންފަރެންސް ކާމިޔާބުވާނެ ކަމަށް ޔަގީން ކުރައްވާ ކަމަށް ވިދާޅުވެފައިވެ އެވެ.

އޭނާ ވިދާޅުވީ ރާއްޖެއަކީ މަތީ ފަންތީގެ ޓޫރިޒަމް މާކެޓެއް ނަމަވެސް ރާއްޖޭގައި ބާއްވާ ފުރަތަމަ ގެސްޓް ހައުސް ކޮންފަރެންސުގެ ސަބަބުން ގެސްޓް ހައުސް މާކެޓަށް ވެސް ރާއްޖޭގައި ފުރުސަތު އޮތްކަން އެނގިގެންދާ ކަމަށެވެ.

ރާއްޖޭގެ ގެސްޓް ހައުސްތަކުގެ ވެރިންނާއި އިސް ފަރާތްތައް އެއް ފުރާޅެއްގެ ދަށުން ދިމާވާނެ މި ބޮޑު ބައްދަލުވުމުގެ ޕާޓްނަރުގެ ގޮތުގައި 15 ފަރާތެއް ވެސް ވަނީ ބައިވެރިވެފަ އެވެ. މި ކޮންފަރެންސުގެ އޮންލައިން ޕާޓްނަރަކީ "އަވަސް އޮންލައިން" އެވެ. ގެސްޓް ހައުސް ކޮންފަރެންސް އޮންނާނީ މަހުގެ 24 ވަނަ ދުވަހު އެވެ.

ގެސްޓް ހައުސް ވިޔަފާރިއަކީ ރާއްޖޭގެ ޓޫރިޒަމްގައި އެންމެ ފުޅާކޮށް ކުރިއަށްދާ ވިޔަފާރި އެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 500 ގެސްޓް ހައުސްއެއް ވަނީ ހުޅުވާފަ އެވެ. މީގެތެރެއިން 300 ތަނެއް ދަނީ އޮޕަރޭޓް ކުރަމުންނެވެ.