ހަބަރު

ހަތް ފޫޓުގެ ހަރުފައެއް މާލޭގެ ގެއަކުން ފުލުހުން ހޯދައިފި

Feb 21, 2015

މާލޭގެ ގެއެއްގައި ގެންގުޅެމުން ދިޔަ ހަތް ފޫޓުގެ ދިގު ހަރުފައެއް ފުލުހުން ހޯދައިފި އެވެ.

ފުލުހުން ބުނީ މިދިޔަ ހުކުރު ދުވަހު އެ ހަރުފަ ހޯދީ މ.ލައިޓްގާޑް ކިޔާ ގޭގެ ދެވަނަ ފްލޯގައި ބިއްލޫރި ކޮށްޓަކަށް ލައިގެން ގެންގުޅެނިކޮށް ކަމަށެވެ. އެ ހަރުފައަކީ ޕައިތަން އާއިލާއަށް ނިސްބަތްވާ ހަރުފައެއް ކަމަށް ފުލުހުން ބުންޏެވެ.

އެ ހަރުފަ ހޯދީ މާލޭގެ ގެއެއްގައި ހަރުފައެއް ގެންގުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމަތާ ގުޅިގެން ކަމަށް ފުލުހުން ބުންޏެވެ. އެ މައްސަލަ މިހާރު ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މިދިޔަ އަހަރު ފުލުހުން ހިންގި އެކި އޮޕަރޭޝަންތަކުގައި ވެސް ގިނަ އަދަދެއްގެ ހަރުފަ ވަނީ އަތުލައިގެންފަ އެވެ. އޭގެ ތެރެއިން ގިނަ ހަރުފަތައް ފެންނަނީ މަސްތުވާތަކެތީގެ ބޮޑެތި ނެޓްވޯކްތައް އަތުލައިގަތުމަށް ހިންގާ އޮޕަރޭޝަންތަކުގެ ތެރެއިން ބައެއް ތަންތަން ބަލައި ފާސް ކުރުމުންނެވެ.