ވެސްޓްހަމްއާ ދެކޮޅަށް ރޭ ފެނިގެން ދިޔަ ކުޅުމާ މެދު ހިތްހަމަޖެހޭ ކަމަށާއި، ބޭނުންވާ ބައްޓަމަށް ޗެލްސީ ބަދަލު ކުރެވޭނެ ކަމަށް ޗެލްސީގެ ކޯޗް އިޓަލީގެ އެންޓޯނިއޯ ކޮންޓޭ ބުނެފިއެވެ.
މި ސީޒަންގެ އިނގިރޭސި ޕްރިމިއާ ލީގްގެ ޗެލްސީ ކުޅުނު ފުރަތަމަ މެޗްގައި ރޭ ޑިއޭގޯ ކޯސްޓާ ފަހު ވަގުތު ކާމިޔާބު ކުރި ލަނޑުން ވަނީ ވެސްޓަހަމްގެ މައްޗަށް 2-1 ގެ ނަތީޖާއަކުން ކާމިޔާބު ހޯދާފައެވެ. މެޗްގެ ފުރަތަމަ ލަނޑު ދެ ވަނަ ހަފު ފެށިގެން ދެ މިނެޓް ތެރޭގައި ކަމިޔާބު ކޮށްދިނީ އެޓީމަށް ލިބުނު ޕެނަލްޓީއަކުން އެޑެން ހަޒާޑްއެވެ. ވެސްޓަހަމްއަށް ނަތީޖާ ހަމަހަމަކޮށްދިނީ ޑިފެންޑާ ޖޭމްސް ކޮލިންސްއެވެ. މޮޅު ކޮށްދިން ލަނޑު ކޮސްޓާ ކާމިޔަބު ކުރީ މެޗްގެ ފުރިހަމަ ވަގުތު ނިމެން މިނެޓަކަށް ވެފައި ވަނިކޮށެވެ.
ކޮންޓޭ ބުނީ އަދިވެސް ރަނގަޅު ކުރަންޖެހޭ ކަންކަން އެބަހުރި ކަމަށާއި ނަމަވެސް ފުރަތަމަ މެޗްގައި ވެސްޓްހަމް ކަހަލަ ވަރުގަދަ ޓީމެއް އަތުން މޮޅެއް ލިބުމަކީ މުހިންމު ކަމެއް ކަމަށެވެ.
މެޗްގައި ޗެލްސީގެ ފަރާތުން މަދުވި ކޮލިޓީއަކީ މެދު ތެރެއިން ބޯޅަ އުފައްދައިގެން ހަމަލާ އުފެއްދުމެވެ. ނަމަވެސް ކޮންޓޭ އޮނިގަނޑު އެކުލަވާލައިފައިވަނީ ގިނަ އިރު މެޗް ޑޮމިނޭޓް ކުރުމުގެ ފުރުސަތު ޗެލްސީއަށް ލިބޭ ގޮތަށެވެ. އަދި ޗެލްސީ ވަނީ ކައިރިކައިރީގައި ގިނަ ހަމަލާތަކެއް އުފައްދާފައެވެ.
"ޓީމުގެ ޕާފޯމަންސާ މެދު އަހަރެން ވަރަށް ހިތްހަމަޖެހޭ. ޓީމުގެ ފަރާތުން ވަރަށް ގިނަ ރަނގަޅު ކަންކަން އަހަންނަށް ފެނުނު. އަހަރެން ބޭނުވި ގޮތަށް ގިނަ ކަންކަމެއް މަސައްކަތް ކުރި"
އޭނަ ބުނީ "ޗެލްސީ އޮތީ ރަނގަޅު މިސްރާބެއްގައި. މެޗްގެ ބޯޅަ ޕޮޒިޝަން އޮތީ އަހަރެމެން އަތުގައި. ކުރިއަށް އޮތްތަނުގައި އިތުރަށް މަސައްކަތްކޮށްގެން ގިނަ ކަންކަމެއް ރަނގަޅު ކުރެވޭނެ" ކަމަށެވެ.
ކުރިން އިޓަލީގެ ޔުވެންޓަސްއަށްވެސް ކޯޗް ކޮށްދީފައިވާ ކޮންޓޭ ޔުވެންޓަސްގައި މަޝްހޫރުވެފައިވަނީ 5-3-2 ގެ ފޯމޭޝަން ބޭނުން ކުރާ ކޯޗެއްގެ ގޮތުގައެވެ. ޗެލްސީގައި އޭނަ ބޭނުން ކުރީ 4-2-3-1 ގެ ފޯމޭޝަނެވެ. ނަމަވެސް މިި އޮނިގަނޑަކީ ގިނަ ބަޔަކު ދަންނަ އޮނިގަނޑެކެވެ.
"އެއީ އާ އޮނިގަނޑެއް ނޫން. ކަންޓޭ ފިޔަވައި އެ ސިސްޓަމަށް އާ ކުޅުންތެރިޔަކު އެޓީމުގައި ނެތް" ވެސްޓަހަމްގެ ކޯޗް ސްލެވަން ބިލިޗް ބުންޏެވެ.
އޭނާ ބުނީ ފެނުނީ ވަރަށް ބުންވަރު ހުރި ވަރަށް ވަރުގަދައަށް ބޯޅަ އަށް ވިއްދާ ޗެލްސީއެއް ކަމަށެވެ. "ހާފް ކައުންޓާ އެޓޭކްގައިވެސް އަދި ފުލް ކައުންޓާ އެޓޭކްގައިވެސް އެޓީމު ވަރަށް ވަރުގަދަ. އަހަންނަށް އެނގޭ ހަޒާޑްއާއި ވިލިއަން އާއި އޮސްކާ އަދި ކޯސްޓާ ހިމެނި އެކުޅުންތެރިންނަށް ޖާގަ ލިބޭނެމަ ނުރައްކަ ކުރާނެ" ބިލިޗް ބުންޏެވެ.