ރިޕޯޓް

މަޖިލިސް ޓްރާންސްފާ މާކެޓް، މެޖޯރިޓީ އަނބުރާލެވިދާނެތަ؟

Feb 22, 2015
3

އަންނަ މާޗް މަހުގެ ދެވަނަ ދުވަހު ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވާ އިރު، މިހާރު ސުވާލު އުފައްދަނީ މަޖިލީހުގެ މެންބަރުންގެ ތެރެއިން ޕާޓީ ބަދަލު ކުރައްވާނެ ބޭފުޅުންނާ މެދު އެވެ. ބައެއް މެންބަރުން ތިއްބެވި ޕާޓީ ނޫން އަނެއް ޕާޓީއަށް މިހާރު ވެސް ފުންމާލައްވާނެ ކަން ޔަގީންވާ އިރު، އެހެން ފަހަރުތަކަށް ވުރެ ބޮޑަށް ކޮންމެ ޕާޓީއަކަށް ވެސް މެންބަރުން އިތުރު ކުރުން މި ވަނީ ވަރަށް މުހިންމުވެފަ އެވެ. މިހާރުގެ ސިޔާސީ މަސްރަހު އޮތް ގޮތާއި ކުރިމަތީގައި ހުރި ސިޔާސީ މަސައްކަތްތަކުގެ މުހިންމުކަން ބޮޑު ވުމާ އެކު މެންބަރުންގެ ހިޔާލާއި ފިކުރަށް ވަދެ ގަނެ، ކޮޅު އަނބުރާލުމުގެ މަސައްކަތްތަކެއް މިވަނީ ފަށައިފަ އެވެ. އެ މަސައްކަތްތަކުން ކޮންމެވެސް ނަތީޖާތަކެއް ނިކުންނާނެ އެވެ. ކޮންމެވެސް ކޮޅަކަށް ނަމްބަރުން ބުރަވާނެ އެވެ. 

މަޖިލީހުގެ ޗުއްޓީ ތެރޭގައި އެމްޑީޕީގައި ހުންނެވުމަށް ފަހު ޕީޕީއެމްއަށް ގުޅިވަޑައިގަތް ވެލިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން ރަޝީދާއި ޖޭޕީން އެ ޕާޓީއަށް ބަދަލުވެ ވަޑައިގަތް ކަޑިތީމު ދާއިރާގެ މެންބަރު މުހައްމަދު ހުސެއިން އާއި މަޑަވެލީ ދާއިރާގެ މުއާޒު މުހައްމަދު ރަޝީދާ އެކު ޕީޕީއެމްއަށް ޖުމްލަ 46 މެންބަރުން ހަމަވީ އެވެ. އެ ޕާޓީއާ އެކު ކޯލިޝަން ހަދާފައިވާ އެމްޑީއޭގެ ފަސް މެންބަރުންނާ އެކު ސަރުކާރު ކޯލިޝަނަށް މުޅި މަޖިލީހުގެ 85 މެންބަރުންގެ ތެރެއިން 51 ގޮޑި، ނޫނީ މަޖިލީހުގެ 60 ޕަސެންޓް ކަށަވަރުވީ އެވެ.

އެހެން ނަމަވެސް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް ޕީޕީއެމް ދޫކުރައްވާނެކަން މިހާރު ކަށަވަރުވުމާއި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވެސް ސަރުކާރާ އެއްގަލަށް އަރާނެ ކަމަށް ނުބެލެ ވޭތީ ޕީޕީއެމްގެ މެންބަރުންގެ އަދަދު 44 މެންބަރުންނަށް މަދުވުމުގެ ފުރުސަތު އެބަ އޮތެވެ. އޭރުން ސަރުކާރު ކޯލިޝަނަށް މަޖިލީހުގެ ލިބޭނީ، 57 ޕަސެންޓެވެ. މަހުލޫފާއި ނާޒިމް ސަރުކާރާ އެކު ވަޑައި ނުގެން ނަމަވެސް މަޖިލީހުގައި ތިއްބެވި ޕީޕީއެމްގެ އިތުރު މެންބަރަކު ޖޭޕީ ނޫނީ އެމްޑީޕީއާ ގުޅުމުގެ ފުރުސަތު ވަރަށް ވެސް ކުޑަ އެވެ.

ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕްގެ މެންބަރަކު ވިދާޅުވި ގޮތުގައި، މަޖިލީހުގައި ސަރުކާރުގެ އަގުލަބިއްޔަތު މިހާރަށް ވުރެ ބޮޑަށް ފުޅާ ކުރަން ޖެހެ އެވެ. އެއީ މަޖިލީހުގެ މި ދައުރު ވާނީ މިދިޔަ ދައުރަށް ވުރެ، ސަރުކާރުން ހުށަހަޅާ ބިލްތައް ގިނަ ދައުރަކަށެވެ. އެ ބިލްތައް ވީހާ ވެސް އަވަހަކަށް ފާސްކުރަން ސަރުކާރަށް ވަރަށް ވެސް މުހިންމެވެ. އެކަމަކު މިހާރު މި އޮތް މެޖޯރިޓީއާ އެކު ވެސް ފަސޭހަ ކަމާ އެކު އެކަން ވެދާނެ އެވެ. ނަމަވެސް ސިޔާސީ ޕްރެޝަރު މަޖިލީހުގެ ތެރެއިން ކުޑަކުރުމަށް މެޖޯރިޓީ ފުޅާކުރުމުގެ މުހިންމުކަން ބޮޑު ކަމަށް އޭނާ ވިދާޅުވި އެވެ.

"ސަރުކާރާ ގުޅިގެން މަސައްކަތް ކުރައްވަން ބޭނުން ފުޅުވާ ކޮންމެ މެންބަރަކަށް އެ ފުރުސަތު އަޅުގަނޑުމެން ހުޅުވާލާފައި އޮތީ. އެހެން ވީމާ ސަރުކާރާ ގުޅިގެން ދާއިރާގެ ތަރައްގީ ހަލުވި ކުރުމަށް ގައުމު ސިޔާސީ ހަލަބޮލިކަމުން ސަލާމަތް ކުރުމަށް ޕީޕީއެމްއާ ގުޅެން ހުރިހާ މެންބަރުންނަށް އަޅުގަނޑު ގޮވާލަން،" މެންބަރަކު ވިދާޅުވި އެވެ.

އެމްޑީޕީ – ޖޭޕީން ކޮންމެ ގުރުބާނީއެއް ވެގެން ވެސް އިތުރު މެންބަރުންތަކެއް އުފުރާލެވޭތޯ ބޮޑެތި މަސައްކަތްތަކެއް ވަނީ ފަށައިފަ އެވެ. އެ ކޯލިޝަނަށް ސަރުކާރަށް ޕްރެޝަރު ދެވެން އޮތީ މަޖިލީހުގައި އޮތް ސަރުކާރުގެ މެޖޯރިޓީއަށް ގުޑުން އަރުވާލައިގެންނެވެ. އެކަމުގެ ސިގްނަލް އެކި ފަހަރުމަތިން އެ ކޯލިޝަނުން ވެސް ދީފަ އެވެ. މަހުލޫފް ޖޭޕީއަށް ވަޑައިގަތުމުގެ އަޑުތައް އެރީ ވެސް އެ މަސައްކަތްތަކުގެ ތެރެއިންނެވެ. އަދި ބައެއް މެންބަރުންނަށް އެ ޕާޓީން އޮތީ މިހާރު ވެސް ހުށަހެޅުންތައް ހުށަހަޅައިފަ އެވެ.

އެމްޑީޕީން ވަކި ކުރި މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކާއި ވެލިދޫ މެންބަރު ޔާމީން އުނިކުރުމުން އެ ޕާޓީގައި މިހާރު ތިބީ 21 މެންބަރުންނެވެ. އަދި ޖޭޕީ އިން ވަކިވެ ވަޑައިގަތް ދެ މެންބަރުން އުނިކުރުމުން އެ ޕާޓީގައި ތިބީ 11 މެންބަރުންނެވެ. އޭރުން ޖޭޕީ-އެމްޑީޕީ ކޯލިޝަނަށް އެ ލިބެނީ ޖުމްލަ 32 މެންބަރުން ނޫނީ މަޖިލީހުގެ 37 ޕަސެންޓެވެ. މަޖިލީހުގައި ސަރުކާރުގެ މެޖޯރިޓީ ގުޑުވާލަން 17 މެންބަރުން ބޭނުންވާނެ އެވެ. އެކަމަކު އެކަން ވާން އޮތީ ވަރަށް ނާދިރު ހާލަތެއްގަ އެވެ.

ޖޭޕީން ވެސް އަދި އެމްޑީޕީން ވެސް ބައެއް މެންބަރުން ވަކިވެދާނެ ކަމުގެ އަޑުތައް މިހާރު ވެސް ފެތުރިފައި ހުރީއިރު، އެމްޑީޕީ ޖޭޕީއަށް މަޖިލީހުގެ މެޖޯރިޓީއާ ކައިރިއަށް އައުމަކީ ހަމައެކަނި ދެކޭ ހުވަފެނެއްގެ ގޮތުގައި ބާއްވަމާ ހިނގާށެވެ.

މަޖިލީސް މެންބަރުންގެ ޓްރާންސްފާ މާކެޓްގައި ވެސް އަގުތަކެއް އޮތީ ޖެހިފަ އެވެ. އެއީ އާންމުންނަށް ވުރެ މަތީގައި ބާޒާރަކަށް ވާއިރު، އެ ބާޒާރުގައި އޮތީ ނީލަމުގެ އުސޫލެެވެ. އެ އަގުތައް ބައެއް ފަހަރު ތިލަވަނީ، ތުންތުން މަތިންނެވެ. އަނެއް ބައި ފަހަރު އެއީ ހަމައެކަނި ހީއަށް ދައްކާ ވާހަކަތަކެކެވެ. "އަވަސް"އާ މައުލޫމާތު ހިއްސާ ކުރެއްވި މަޖިލީހުގެ މެންބަރަކު ވިދާޅުވި ގޮތުގައި ޕާޓީ ބަދަލު ކުރުމަށް 14 މިލިއަން ރުފިޔާ ޖޭޕީ-އެމްޑީީޕީ ކޯލިޝަނުން ހުށަހެޅި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެއަށް ވުރެ ކުޑަ އަގެއްގައި މެންބަރަކު ޕާޓީ ބަދަލު ކުރައްވާނެ ކަމަކަށް ނުބެލެވެ އެވެ.

"މިއީ މިވަގުތު ހިފެހެއްޓިފައި ނޫނީ ބެންޗް މާކް އަގަކީ،" ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކެވި މެންބަރަކު ވިދާޅުވި އެވެ.

ސިޔާސީ މަންޒަރު ކުރެހޭ ގޮތުން އިދިކޮޅު ދެ ލީޑަރުން ކަމަށްވާ، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް އަށް މަޖިލީހުގެ ވީހާ ވެސް ގިނަ މެންބަރުން ހޯދުން ނޫން ގޮތެއް މިހާރަކު ނެތެވެ. ރިޔާސީ ކެންޑިޑެންސީ ގެއްލޭ ގޮތަށް ހުށަހަޅާފައި އޮތް ނަޝީދުގެ ޖިނާއީ މައްސަލަ ޕީޖީ އިން އަނބުރާ ގެނައި ނަމަވެސް، އެކަން އެގޮތުގައި ބޭއްވެން އޮތީ ސަރުކާރުގެ މައްޗަށް ޕްރެޝާ ކުރެވޭނެ ބާރެއް އޮވެގެންނެވެ. އެކަމަށް އޮތް އުންމީދަކީ ސަރުކާރަށް ރައްޔިތުން ދިން މެޖޯރިޓީ އިދިކޮޅަށް އަނބުރާލުމެވެ.

ގާނޫނު އަސާސީއަށް އެމްޑީއޭގެ މެންބަރަކު ހުށަހެޅުއްވި، 65 އަހަރު ވުމުން ވެރިކަމަށް ކުރިމަތި ނުލެވޭ އިސްލާހު ކުރިމަތީގައި އޮތުމުން ގާސިމްގެ ކެންޑިޑެންސީއަށް މި ވަނީ ބިރު ހީވެފަ އެވެ. އެކަން ހުއްޓުވެން އޮތް ކުރު މަގަކީ، މެންބަރުން ގަނެގެން ނަމަވެސް ސަރުކާރުގެ މެޖޯރިޓީ ޖޭޕީ-އެމްޑީޕީ ކޯލިޝަނަށް އަނބުރާލުމެވެ. އެކަމަކު އަދި އެއީ ވެސް ފަސޭހައިން ކުރެވޭނެ ކަމެއް ނޫނެވެ. މެންބަރުންތަކެއް އަދި އެހާ ފަސޭހައިން ވީއްލިގެން ދާން ސަރުކާރުން ވެސް ދުލެއް ނުކޮށްލާނެ އެވެ. އެހެން ވީމާ މިފަހަރު މިދަނީ ގަދަ ހިފުމަކަށެވެ. އެއް ބައެއް އަނެއްބަޔެއްގެ މައްޗަށް ގަދަވެ ގަތުމަށް ކުރާ ވަރުގަދަ ހަނގުރާމައަކަށެވެ.