ރިޕޯޓް

ވަގުތީ ބްރިޖުންވެސް ޗައިނާ އާއި ރާއްޖޭގެ ލޯބި ދައްކާލައިފި

Aug 17, 2016
10

ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި ޗައިނާ އާއި ރާއްޖޭގެ ގުޅުން މި ވަނީ އިންތިހާއަށް ބަދަހިވެގެން ގޮސްފަ އެވެ. އެ އެކުވެރިކަން އެންމެ ބޮޑަށް ބަދަހިވެގެން ދިޔަ އެއް ސަބަބަކީ ދިވެހިންގެ އެންމެ ބޮޑު އެއް ހުވަފެން ކަމަށްވާ، ހުޅުލެ-މާލެ ބްރިޖަކުން ގުޅާލުމުގެ މަސައްކަތަށް ޗައިނާއިން ދޭ ބޮޑު އެހީތެރިކަމެވެ.

ހުޅުލެ-މާލެ ބްރިޖަކީ ޗައިނާ އާއި ރާއްޖޭގެ ގުޅުމުގެ ދިރިހުރި އެންމެ ވަރުގަދަ މިސާލެކެވެ.

ރޭ ލޮނުޒިޔާރަތް ކޮޅުން ފެނިގެން ދިޔަ މަންޒަރުން އެކަން އިތުރަށް ކަށަވަރުވެއްޖެ އެވެ. ލެޑް ލައިޓާއި ކުލަ ބޮކިތަކަށް ދިވެހިން ފޫހިކޮށްލާފައި ތިއްބާ، ޗައިނާ އާއި ރާއްޖޭގެ ދިދާގައިވެސް އެންމެ ގަދަޔަށް ހިމެނޭ ގަދަ ރަތްކުލައިގެ ކުލަ ބޮކިތައް ބޭނުންކޮށްގެން ބްރިޖް އަޅަން ބޭނުން ކުރާ ވަގުތީ ޕްލެޓްފޯމް ދިއްލައިލީ، "ޗައިނާ މޯލްޑިވްސް އެވާ ލާސްޓިން ފްރެންޑްޝިޕް" މި ޖުމްލައިންނެވެ. އެމީހުން ބުނެދެނީ ޗައިނާ އާއި ރާއްޖޭގެ ގުޅުން އަބަދައްމެ ދެމި އޮންނާނެ ކަމެވެ.

ލޮނުޒިޔާރާތްކޮޅުން ހުރަސް ކުރާ އެންމެންގެ ލޯތައް ހުއްޓުނީ އެ މަންޒަރަށެވެ. އެ ތަނަށް މަޑުކޮށްލާ ފޮޓޯގަނޑެއް ނަގާނުލާ މީހެއް ނެތޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. ރޭ އެ ސަރަހައްދަށް މީހުން ތޮއްޖެހުނެވެ. އެތައް ބަޔަކު މިކަން އެންޖޯއިކުރި އެވެ.

އެ ސަރައްދުގައި ހުރި ޒުވާނަކު ބުންނީ؛ "ޗައިނާއާ ރާއްޖޭގެ މި ގުޅުން އިޝްތިހާރުކޮށްފައި ހުރި މިނަށް ހަގީގަތުގައި ވެސް ގުޅިފައި އޮންނަ ނަމަ ކިތަންމެހާ ވެސް ރަނގަޅު. އެގޮތަށް ވާނެ ކަމަށް އުންމީދުވެސް މި ކުރަނީ. އެ އެކުވެރިކަން ކަންނޭނގެ އެހާ ފަސޭހައިން މިކަހަލަ ބޮޑު މަސައްކަތެއް ކުރަންވެސް އެ އެއްބަސްވީ. އެހެންވީމަ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕްއޭ ކިޔަން ރަނގަޅު،"

ކޮންމެއަކަސް މިއީ ފެށުމެކެވެ. ބަލާލަން ހިތްގައިމުވެސް މަންޒަރެކެވެ. ދެން އިންތިޒާރު ކުރެވެނީ ވަގުތީ ބްރިޖަށް ފަހު އަންނާނެ އަސްލު "ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް" އަށެވެ. ހަގީގަތުގައި ވެސް އެތައް ބައެއްގެ ހުވަފެންތައް ތެދަކަށްވެ، އިގްތިސާދަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް ދެކޭ ހުވަފެން ވަރަށް ވެސް ބޮޑެވެ.

ޗައިނާ އާއި ރާއްޖޭގެ އެކުވެރިކަމުގެ ރަމްޒު ވަގުތީ ބްރިޖުގައި ރަތް ކުލައިން ދިއްލާލައިފަވާ އިރު އެ ވަގުތީ ބްރިޖުގެ މަސައްކަތް މިހާރު ނިމުމަކާ ގާތް ވަނީ އެވެ. އަސްލު ބްރިޖު އަޅާނީ ވަގުތީ ބްރިޖުގެ މަތީގައި ތިބެގެނެވެ. އަދި ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖު އަޅައި ނިމެންދެއް ވަގުތީ ބްރިޖްގައި ރާއްޖެ އާއި ޗައިނާގެ އެކުވެރިކަން ރަމްޒްކޮށްދޭ އަކުރުތައް ދިއްލާފައި ހުންނާނެ އެވެ.