ރައްޔިތުންގެ މަޖިލިސް

ބިދޭސީންގެ އަތުން ރެމިޓެންސް ޓެކްސް ނަގާ ގޮތަށް ފާސްކޮށްފި

ބިދޭސީ މުވައްޒިފުން ބޭރަށް ފޮނުވާ ފައިސާއިން ތިން ޕަސަންޓުގެ ރެމިޓެންސް ޓެކްސްއެއް ނަގަން ހުށަހެޅި އިސްލާހު ރައްޔިތުން މަޖިލީހުން ފާސްކޮށްފި އެވެ.

ވަޒީފާއާބެހޭ ގާނޫނަށް، ސަރުކާރު ފަރާތުން ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހީމް ހުށަހެޅުއްވި އިސްލާހު ފާސްވީ 41 މެންބަރުންގެ ވޯޓުންނެވެ. އަދި އެ އިސްލާހު ބަލައިގަންނަން ނުފެންނަ ކަމަށް ވޯޓު ދެއްވީ 25 މެންބަރުންނެވެ.

މި ބިލް ފާސްވިއިރު މިއަދު މަޖިލީހުގައި ވަނީ އިތުރު ދެ އިސްލާހެއް ވެސް ހުށަހަޅާފަ އެވެ. އެގޮތުން މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު ހުށަހެޅުއްވި އިސްލާހާއި ގެމަނަ ފުށީދާއިރާގެ މެންބަރު ޖަމީލް އުސްމާން ހުށަހެޅި އިސްލާހެވެ. އަސްމާ ހުށަހެޅުއްވީ ގާނޫން އަމަލު ކުރަން ފަށާ ދުވަހުން ތިން މަސް ތެރޭގައި ބިދޭސީންގެ ބޭންކް އެކައުންޓެއް ހުޅުވަން ޖެހޭ ގޮތަށް މާއްދާ އިސްލާހު ކުރުމަށެވެ.

ޖަމީލް ހުށަހެޅުއްވީ ބިދޭސީ ރާއްޖެ ގެނައުމުގެ ކުރިން ރައްޖޭގައި ވަޒީފާ އަދާ ކުރުމުގެ ހުއްދަ ހޯދުމަށާއި އަދި ކަމާބެހޭ މުއައްސަސާގައި ޑިޕޮސިޓް ބަހައްޓުމުގެ އިތުރުން ބިދޭސީން ވަޒީފާ އަދާ ކުރުމާބެހޭ ގަވައިދެއް ތިން މަސް ތެރޭގައި އެކުލަވާލަން ޖެހޭ ގޮތަށް އިސްލާހު ކުރުމަށެވެ. އެ ދެ އިސްލާހު ވެސް މަޖިލީހުން ފާސްވީ ނަމަވެސް އެމްޑީޕީއިންނެއް އެ އިސްލާހުތަކަށް ތާއީދެއް ނުކުރެއެވެ.

މި އިސްލާހު ދިރާސާ ކުރެއްވި އިޖްތިމާއީ ކޮމިޓީއިން ވަނީ ބިދޭސީންގެ ކަންކަމައި އަދި ކޮންމެހެން ހާޒިރު ކުރަންޖެހޭ މުހިންމު އިދާރާތައް ހާޒިރުކޮށް ލަފާހޯދާފަ އެވެ. އެގޮތުން އެޓާނީ ޖެނެރަލް އޮފީހާ، ފިނޭންސް މިނިސްޓްރީއާ، މީރާގެ އިތުރުން އެމްއެމްއޭ އަދި އިކޮނޮމިކް މިނިސްޓްރީ ވެސް ވަނީ ހާޒިރުކޮށްފަ އެވެ. އަދި ކޮމިޓީގެ އަގުލަބިއްޔަތުން ވަނީ މި އިސްލާހު ފާސްކޮށްފަ އެވެ.

ރެމިޓެންސް ޓެކްސް ނަގަން ހުށަހެޅި މި އިސްލާހު ހުށަހަޅަމުން ވަހީދު ވިދާޅުވީ މިއީ މި އަހަރު މަޖިލީހަށް ހުށަހެޅި ބަޖެޓަށް އާމްދަނީ ހޯދުމުގެ ގޮތުން ބިދޭސީ މުވައްޒިފުން މުސާރައިގެ ގޮތުގައި ބޭރަށް ފޮނުވާ ފައިސާއިން ތިން ޕަސަންޓް ރެމިޓެންސް ޓެކްސް ގޮތުގައި ނެގުމާބެހޭ އުސޫލް ކަނޑައެޅުމަށް ހުށަހެޅި އިސްލާހެއް ކަމަށެވެ. އަދި ބިދޭސީ މުވައްޒިފުންނަށް ވަޒީފާ ދޭ ފަރާތްތަކުން މުސާރަ އާއި ސާވިސް ޗާޖް ގޮތުގައި ދެވޭ ފައިސާގެ އަދަދު ދިނުމުގެ އުސޫލުތަކެއް ތައާރަފް ކުރުމާއި އެ ފަރާތްތައް އަދާކުރަން ޖެހޭ ޒިންމާތަކާ ތަކުރާރުކޮށް ހިލާފުވުމުން އަޅަން ޖެހޭ ފިޔަވަޅުތައް ތައާރަފް ކުރުންވެސް މި ބިލުގައި ހިމެނެ އެވެ.

މި އިސްލާހު ފާސްވުމައި ގުޅިގެން ބިދޭސީން ބޭރަށް ފޮނުވާ ފައިސާގެ ތިން ޕަސަންޓު ރެމިޓަންސް ޓެކްސް ގޮތުގައި ސަރުކާރަށް ދައްކަން ޖެހޭ ކަމަށާއި އެ ޓެކްސްއަށް ރެޖިސްޓްރީކޮށްފައިވާ ފަރާތްތައް ކޮންމެ މަހަކު ރެމިޓެންސް ޓެކްސް ގޮތުގައި މީރާ އަށް ދައްކަން ޖެހޭ މިންވަރު ހިސާބު ކުރުމަށް ފަހު އެ ޓެކްސް ބަޔާން ކުރާ ބަޔާނެއް މީރާއަށް ހުށަހަޅަން ޖެހެ އެވެ.

މި އިސްލާހަށް ބަހުސް ކުރެއްވަމުން ގެމަނަފުށީ ދާއިރާގެ މެންބަރު ޖަމީލް އުސްމާން ވިދާޅުވީ މާލޭ މަގުމަތީގައި ނިޒާމެއް ނެތި ކާރާއި ސައިކަލު ދޮވުމުގައި އުޅޭ ކަމަށާއި އެމީހުންގެ ކަންކަން ބެލެހެއްޓޭނެ އެއްވެސް ނިޒާމެއް ވެސް ނެތް ކަމަށެވެ. އަދި އެ މައްސަލަތަކަކީ މިހާރުން މިހާރަށް ހައްލު ކުރަން ޖެހޭ މައްސަލައެއް ކަމަށެވެ.

"މި ބިލުން މި ހުޅުވިގެން ދަނީ ބިދޭސީން ރާއްޖެ ގެންނަ އެޖަންސީތައް ވެސް ހަރުދަނާ ކުރުމަށް ރަނގަޅު ފިޔަވަޅުތަކެއް. އެގޮތުން މިއީ ގޮތް ނޭނގޭ ގޮތަށް ރާއްޖެ އައިސް އުޅެމުންދާ ބިދޭސީތައް ހޯދައި އެކަން ހުއްޓުވުމަށް ކުރެވޭ މަސައްކަތެއް،" ޖަމީލް ވިދާޅުވި އެވެ.

ނަމަވެސް އެމްޑީޕީ ފަރާތުން ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަލީ ނިޒާރު ވިދާޅުވީ މި ގާނޫން އައުމުގެ ސަބަބުން ކޮންމެ ބިދޭސީއެއް އެކައުންޓެއް ހުޅުވަން ޖެހޭ ކަމަށާއި އެހެންކަމުން ލައްކައެއްހާ އެކައުންޓު ހުޅުވަން ޖެހޭނެ ކަމަށެވެ. އޭގެ ސަބަބުން މިހާރުވެސް ބެންކުތަކަށް ދިވެހިންނަށް ވެސް އެކަށީގެންވާ ވަރަށް ހިދުމަތް ނުދެވޭ އިރު އޭގެ އިތުރު ބުރައެއް އުފުލަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެހެންކަމުން މިފަދަ ގާނޫނެއް ގެނައުމަށް އަދި ރާއްޖެ ތައްޔާރުވެފައި ނުވާ ކަމަށާއި މިކަމުގެ ސަބަބުން އުންދަގޫތަކެއް އައިސްދާނެ ކަމަށް ނިޒާރު ވިދާޅުވި އެވެ.

ރެމިޓެންސް ޓެކްސް ނުދައްކައި އެކަމުން ބަރީއަވާން މަސައްކަތް ކުރާ ފަރާތްތަކަށް ބިދޭސީ މުވައްޒިފަކު ބޭރަށް ފޮނުވި ފައިސާއާ އެއް އަދަދަކަށް ޖޫރިމަނާ ވާނެ ކަމަށް އެ އިސްލާހުގައި ބުނެފައިވެ އެވެ. އަދި އެކަން ކުރީ ވިޔަފާރިއަކުން ނަމަ ޖޫރިމަނާގެ އިތުރުން ވިޔަފާރި ކުރުމުގެ ހުއްދަވެސް ވަކި ވަގުތީ ގޮތުން ނެގުމުގެ ބާރު ދައުލަތުގެ އިދާރާއަކަށް ލިބިފައިވެއެވެ.

މީގެ އިތުރުން ބިދޭސީ މުވައްޒިފުންނަށް މުސާރަ ދިނުމަގެ އުސޫލުތަކާއި އެއާ ހިލާފުވާ ފަރާތްތަކަށް އަމަލު ކުރާނެ ގޮތްތަކެއް ވެސް މި ބިލުގައި ކަނޑައަޅައިފަވެ އެވެ. އެގޮތުން ބިލު ތަސްދީގު ކުރުމަށް ފަހު ބިދޭސީ މުވައްޒިފަކަށް މުސާރަ ދޭން ޖެހޭނީ ރަޖިސްޓްރީކޮށްފައިވާ ބެންކެއްގައި އެ މުވައްޒިފެއްގެ ނަމުގައި ހުޅުވިފައިވާ އެކައުންޓެއް މެދުވެރިކޮށެވެ. އެނޫނީ އެ ބެންކެއްގެ ޗެކަކުން އެމުވައްޒިފެއްގެ އެކައުންޓަށް ޖަމާކޮށްގެނެވެ. އަދި އެކަމަށް ވަޒީފާ ދޭ ފަރާތްތަކުން ހިލާފުވެއްޖެ ނަމަ 10،000 އާއި 50،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ޖޫރިމަނާ ކުރެވޭނެ ކަމަށް އެއިސްލާހުގައި ބުނެފައިވެއެވެ.