ރައްޔިތުންގެ މަޖިލިސް

މުޒާހަރާކުރެވޭ ތަންތަން ކަނޑައަޅާ އިސްލާހު ފާސްކޮށްފި

ހުއްދައެއް ނުހޯދައި މުޒާހަރާތަކާއި ސިޔާސީ އެއްވުންތައް ބޭއްވޭ ގޮތަށް ތަންތަން ކަނޑައަޅާ އިސްލާހު ރައްޔިތުން މަޖިލީހުން މިއަދު ފާސްކޮށްފި އެވެ. ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނަށް ސަރުކާރު ފަރާތުން މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު ހުށަހެޅުއްވި މި އިސްލާހު ފާސްކުރަން ފެންނަ ކަމަށް 37 މެންބަރުން ވޯޓު ދެއްވި އިރު އެ އިސްލާހު ފާސް ކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ 26 މެންބަރުންނެވެ. އަދި ވަކި ގޮތަކަށް ވޯޓު ދޭން ބޭނުން ނުވާ 2 މެންބަރަކު ތިއްބެވި އެވެ.

ގައުމީ ސަލާމަތުގެ ކޮމިޓީއިން އެ އިސްލާހު ދިރާސާ ކުރެއްވި އިރު އެކޮމިޓީގެ އަގުލަބިއްޔަތުން ވަނީ އިތުރު ބަދަލެއް ނުގެނެސް ބިލު އޮތްގޮތަށް ފާސް ކުރުމަށެވެ.

ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނަށް ރިފާއު ހުށަހެޅި އިސްލާހުގައި ބުނެފައިވަނީ މޯލްޑިވްސް ޕޮލިސް ސާވިސްއިން ލިޔުމުން ދޭ ހުއްދަ އާ ނުލާ މާލޭގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް ނުވަތަ ފުޅަނދުބުރެއް ބޭއްވޭނީ ހޯމް މިނިސްޓްރީން ކަނޑައަޅާ އާންމުކޮށް އިއުލާނުކޮށްފައިވާ ތަންތަނުގައި ކަމަށެވެ.

އިސްލާހުގައިވާ ގޮތުން މުޒާހަރާކުރެވޭނެ ތަންތަނުގެ ލިސްޓް މި އިސްލާހަށް އަމަލުކުރަން ފަށާތާ ގިނަވެގެން 30 ދުވަހުގެ ތެރޭގައި ހޯމް މިނިސްޓްރީން އާންމުކޮށް އިއުލާންކޮށް ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރަން ޖެހޭނެ އެވެ. އަދި އެ ލިސްޓަށް އެއްވެސް އުނި އިތުރެއް ގެނެވޭނީ އެ އުނި އިތުރަކަށް އަމަލުކުރަން ފެށުމުގެ 30 ދުވަހުގެ ކުރިން ހޯމް މިނިސްޓްރީން އެކަން އާންމުކޮށް އިއުލާންކޮށް ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރުމަށްފަހު ގައި ކަމަށް ވެސް އިސްލާހުގައިވެ އެވެ.