ރައްޔިތުންގެ މަޖިލިސް

ފިންގަޕްރިންޓް ހުށަނާޅާ މެންބަރުން ޕާޓީން ވަކިވާ އިސްލާހު ފާސްކޮށްފި

ދެހާސް ތޭރާގައި ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ކުރިން އިނގިލީގެ ނިޝާން ހުށަހަޅާފައި ނުވާ މެންބަރުން ޕާޓީތަކުން ވަކިވާ ބިލު ރައްޔިތުން މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ސަރުކާރު ފަރާތުން ފޭދޫ ދާއިރާގެ މެންބަރު އިބްރާހިމް ދީދީ ހުށަހެޅި މި އިސްލާހު ފާސް ކުރަން ފެންނަ ކަމަށް 40 މެންބަރުން ވޯޓު ދެއްވި އިރު އެ އިސްލާހު ފާސްކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ 25 މެންބަރުންނެވެ. އަދި ވަކި ގޮތަކަށް ވޯޓު ދޭން ބޭނުން ނުވާ އެއް މެންބަރަކު އިންނެވި އެވެ.

އިބްރާހިމް ދީދީ ހުށަހަޅާފައިވާ މި އިސްލާހުގައި ބުނެފައި ވަނީ މި ގާނޫނު ތަސްދީގު ކުރާތާ މަސްދުވަސް ތެރޭގައި އެ މީހަކު ނިސްބަތްވާ ޕާޓީއަށް ފިންގާ ޕްރިންޓް ހުށަހަޅަން ޖެހޭނެ ކަމަށާއި އެ މުއްދަތު ތެރޭގައި ފިންގާ ޕްރިންޓް ހުށަހަޅާފައި ނުވާ ފަރާތްތައް ޕާޓީއިން ވަކިވާނެ ކަމަށެވެ. އަދި ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ދޭ ފައިސާ ދޫކުރުމުގައި ރިއާޔަތް ކުރަންވާނީ، އެ މުއްދަތުގެ ތެރޭގައި މައުލޫމާތާއި ތަކެތި ހުށަހެޅި ޕާޓީތަކުގެ ދަފްތަރުތަކަށް ކަމަށް އިސްލާހުގައިވެ އެވެ.

މި އިސްލާހުގެ ބޭނުމަކީ ޕާޓީގެ މެމްބަރަކަށް ވުމަށް އެދޭ ފަރާތްތަކުން ހުށަހަޅަންޖެހޭ މައުލޫމަތުގެ ތެރޭގައި އެފަރާތްތަކުގެ އިނގިލީގެ ނިޝާންވެސް އޮންނަން ޖެހޭނެ ކަމަށާއި ހުރިހާ މެމްބަރުންގެ ސައްހަކަން އެއް އުސޫލަކުން ކަށަވަރު ކުރެވޭނެ އުސޫލެއް ތައާރަފު ކުރުމަށް އިލެކްޝަންސް ކޮމިޝަނުން އެދިފައިވާތީ ކަމަށެވެ. އަދި ޕާޓީތަކުގެ މެންބަރުންނާއި މެދު ހުދު އެ މެންބަރުންގެ ގިނަ ޝަކުވާތަކެއް ހުރުމުން އެކަން ހައްލު ކުރުމަށް ކަމަށްވެސް ދީދީ ވިދާޅުވެފައި ވެއެވެ.

މި އިސްލާހަށް ބަހުސް ކުރައްވަމުން އަދާލަތު ޕާޓީގެ މެންބަރު، މަކުނޫދޫ ދާއިރާގެ އަނާރާ ނައީމް ވަނީ މި އިސްލާހާމެދު ކަންބޮޑުވާ ކަމަށެވެ. އަނާރާ ވިދާޅުވީ މިއީ ވަރަށް ގަބޫލު ކުރަން އުނދަގޫ އިސްލާހެއް ކަމަށާއި މި އިސްލާހާއެކު ޕާޓީއިން މެންބަރުން ވަކިވެގެން ދިޔައަސް މެންބަރުންގެ ފިކުރު ބަދަލެއް ނުވާނެ ކަމަށެވެ.

ގެނަމަފުށީ ދާއިރާގެ މެންބަރު ޖަމީލް އުސްމާން ވިދާޅުވީ ޕާޓީތަކުގައި ތިބޭ މީހުންގެ ސައްހަކަން ބެލެން އޮތް ހަމައެކަނި ގޮތަކީ އިނގިލީގެ ނިޝާން ޖަހައިގެން ކަމަށާއި ބަޖެޓުން އެތައް މިލިއަން ރުފިޔާތަކެއް ހަރަދު ކުރާ އިރު އެއީ ސައްހަ މެންބަރުން ތަކަކަށްތޯ ބަލަން ޖެހޭ ކަމަށެވެ.