ވިޔަފާރި

ރިސޯޓް ތަރައްގީ ކުރަން އެމްޓީޑީސީއަށް ދެ ރަށް ދެނީ

  • ދެ އަހަރުތެރޭގައި ރަނގަޅު ފައިދާއެއް ލިބޭނެ
  • ރަށްތައް ތަރައްގީ ކުރަން ފައިނޭންސް ހޯދަނީ
  • އަމިއްލައަށް ރިސޯޓް އޮޕަރޭޓް ކުރުމުގެ ފައިދާ ބޮޑު

ރިސޯޓް ތަރައްގީ ކުރަން މޯލްޑިވްސް ޓޫރިޒަމް ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އަށް ސަރުކާރުން ދެ ރަށް ދޭން ނިންމާފައިވާ ކަމަށް މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޝުޖާއު ވިދާޅުވެއްޖެ އެވެ.

"އަވަސް" އަށް ދެއްވި އިންޓަވިއުއެއްގައި އެމްޑީ ޝުޖާއު ވިދާޅުވީ އެ ކުންފުނިން އަމިއްލަ އަށް ރިސޯޓު ތަރައްގީ ކުރުމަށްޓަކައި ދެ ރަށް ދޭން ސަރުކާރުން ނިންމާފައިވާ ކަމަށާއި، މި ރަށްތަކާ ހަވާލުވުމާއެކު ތަރައްގީ ކުރުމުގެ މަސައްކަތް ވެސް ފެށޭނެ ކަމަށެވެ.

"އަލުން އަޅުގަނޑުމެނަށް ސަރުކާރުން ރައްތަކެއް ހޯދައިގެން ޑިވްލޮޕްކުރުމުގެ ވިސްނުން މިހާރު ހުރީ. އިރާދުކުރެއްވިއްޔާ ދެ ރަށް ލިބުނީމަ މަސައްކަތް ފެށިގެންދާނެ. އެކަމަށްޓަކައި ސަރުކާރަށް ދައްކަންޖެހޭ ފައިސާ ދެއްކުމާއި މި ދެ ރަށް ޑިވްލޮޕްކުރުމަށް ހޯދަން ޖެހޭ ފައިނޭންސް ރެއިޒް ކުރުމުގެ ގޮތުން ކުންފުނީގެ ބިޒްނަސް މޮޑެލްއަށް ވެސް ބަދަލު ގެންނަނީ،" ޝުޖާއު ވިދާޅުވި އެވެ.

އެމްޓީޑީސީއަށް ކުރީގެ ސަރުކާރު ތަކުން ނުވަ ރަށެއް ކުއްޔަށް ދީފައިވެ އެވެ.

ޝުޖާއު ވިދާޅުވީ ސަރުކާރުން އަލަށް ދޭން ނިންމާފައިވާ ދެ ރަށް ހޮވުމުގެ މަސައްކަތް އެ ކުންފުނިން ފަށާފައިވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް ސިލެކްޓް ކޮށްފައި ސަރުކާރާއެކު ކުރިއަށްދާނީ. ދެ ރަށް ޑިވެލޮޕް ކުރުމަށާއި ސަރުކާރަށް ދައްކަން ޖެހޭ ފައިސާ ދެއްކުމަށްޓަކައި ޕާޓްނަރުންނާއެކު ވެސް މަޝްވަރާ ކުރެވެމުން މި ދަނީ،" ޝުޖާއު ވިދާޅުވި އެވެ.

ސަރުކާރުން ދަނީ މި ދައުރު ތެރޭގައި 50 ރިސޯޓ ބާޒާރަށް ނެރުމަށް މަސައްކަތް ކުރަމުންނެވެ. މި އަމާޒަށް ވާސިލްވުމަށް ރިސޯޓް ތަރައްގީ ކުރަން ގެންނަ ސާމާނުން ޑިއުޓީވެސް ވަނީ މައާފުކޮށްދީފަ އެވެ.

ޝުޖާއު ވިދާޅުވީ ސަރުކާރުން އެ ކުންފުންޏަށް ރައްތަށް ދެނީ އިތުރު ރިސޯޓްތައް ތަރައްގީ ކުރުމުގެ ވިސްނުމުގެ ތެރެއިން ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

އެމްޓީޑީސީން އިތުރު ރިސޯޓުތަކެއް އަމިއްލަ އަށް ތަރައްގީ ކުރުމަށް މަސައްކަތް ފަށާފައިވާއިރު އެ ކުންފުނީގެ "ޕާ އެކުއަމް ނިޔާމަ" ރިސޯޓް ހަދާފައިވާ، ދ. އެނބޫދޫފުށި-އޮޅުވެލި، އެ ރިސޯޓް އޮޕަރޭޓް ކުރާ ކުންފުންޏަށް 23.3 މިލިއަން ޑޮލަރަށް ވިއްކާލުމަށް ވަނީ ނިންމާފަ އެވެ. ބޭނުމަކީ ސަރުކާރަށް ދައްކަން ޖެހޭ ފައިސާ ދެއްކުމެވެ.