ވިޔަފާރި

އެމްޓީޑީސީ އިން ސަރުކާރަށް 40 މިލިއަން ޑޮލަރު ދައްކަން ޖެހިފައި

  • އިތުރު ރިސޯޓެއް ވިއްކާލަން ނިންމައިފި
  • މުސްތަގުބަލަށް ރަނގަޅު ނިންމުމެއް
  • އިތުރު ދެ ރަށެއް ސަރުކާރުން ދެނީ

ކުލީގެ ގޮތުގައި ސަރުކާރަށް ދައްކަން ޖެހޭ ފައިސާގެ އަދަދު ގާތްގަނޑަކަށް 40 މިލިއަން ޑޮލަރަށް އަރާނެ ކަމަށް މޯލްޑިވްސް ޓޫރިޒަމް ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އިން ބުނެފި އެވެ.

"އަވަސް" އަށް ވާހަކަ ދައްކަވަމުން މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޝުޖާއު ވިދާޅުވީ އެ ކުންފުނިން ސަރުކާރަށް ދައްކަން ޖެހޭ ފައިސާގެ އަދަދު ގާތްގަނޑަކަށް 40 މިލިއަން ޑޮލަރަށް އަރާ ކަމަށާއި، ރިސޯޓުތަކުގެ ސަބްލީޒް ރައިޓްސް ވިއްކާލުމުގެ ބޭނުމަކީ އެ ފައިސާ ދެއްކުމަށް މަގު ފަހިކުރުން ކަމަށެވެ.

އެމްޓީޑީސީން ވަނީ އެ ކުންފުންޏަށް ސަރުކާރުން ދީފައިވާ ރައްތަކުގެ ތެރެއިން "ޕާ އެކުއަމް ނިޔާމަ" ރިސޯޓް ހަދާފައިވާ، ދ. އެނބޫދޫފުށި-އޮޅުވެލި، އެ ރިސޯޓް އޮޕަރޭޓް ކުރާ ކުންފުންޏަށް އެމްޓީޑީސީގެ ސަބްލީޒް ރައިޓްސްގެ ބާކީ އޮތް 15 އަހަރު 23.3 މިލިއަން ޑޮލަރަށް ވިއްކާލުމަށް ނިންމާފަ އެވެ.

އެމްޑީ ޝުޖާއު ވިދާޅުވީ މި ރިސޯޓުގެ އިތުރުން، އެހެން ރަށެއް ވެސް ވިއްކާލުމަށް ބޯޑުން ނިންމާފައިވާ ކަމަށާއި، ނަމަވެސް ވިއްކާލަނީ ކޮން ރިސޯޓެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.

"މި ޑިސިޝަން ނެގުމުގެ ސަބަބުން މުސްތަގުބަލުގައި މި ކަމެއް ނޯންނާނެ. ކުރިއަށް ބަލާއިރު ރަނގަޅު ނިންމުމަކަށް ވާނެ،" ޝުޖާއު ވިދާޅުވި އެވެ.

ސަރުކާރުން އެމްޓީޑީސީއަށް ކުއްޔަށް ދީފައިވާ ރަށްތަކުގެ ތެރޭގައި މިހާރު އޮޕަރޭޓް ކުރަމުން ގެންދަނީ އަންނަތަރާ ކިހަވަށް ހުރަވަޅީގެ އިތުރުން އަޔާދާ މޯލްޑިވްސް އެވެ. މީގެ އިތުރުން ތަރައްގީކޮށް އަލުން ހުޅުވަން ތައްޔާރުވަމުން އަންނަ އަހަރު ހދ. ނާގޯށި ހިމެނެ އެވެ.

އެމްޑީ ޝުޖާއު ވިދާޅުވި ގޮތުގައި އެމްޓީޑީސީގެ ވިޔަފާރީގެ މޮޑެލް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާއިރު، އެ މަސައްކަތް ނިމުމާއެކު ޓޫރިޒަމްގައި ވަރުގަދަ ބްރޭންޑެއްގެ ގޮތުގައި ކުންފުނި ފެނިގެންދާނެ ކަމަށެވެ.

"އަޅުގަނޑުމެން އުންމީދުކުރަނީ ވާދަވެރި މާކެޓުގައި ވާދަކުރާނެ އެމްޓީޑީސީގެ ބްރޭންޑެއް އިރާދުކުރެއްވިއްޔާ ރާއްޖޭގެ ފަތުރުވެރިކަމުގައި އޮންނާނެ. އަޅުގަނޑުމެންގެ އަމިއްލަ ރިސޯޓުތައް ޑިވްލޮޕްކުރަމުންދާއިރު، ފަތުރުވެރިކަމުގައި ހަރަކާތްތެރިވާނެ ދިވެހި ބްރޭންޑެއް ވާދަވެރި މާކެޓުގައި އިންޓަނޭޝަނަލް ބްރޭންޑްތަކާ ވާދަ ކުރަން އޮތުން،" ޝުޖާއު ވިދާޅުވި އެވެ.