ރިޕޯޓް

އިންޑިއާ-ރާއްޖެ: ވަކި ނުކުރެވޭނެ، ހިތާއި ހިތުގެ ގުޅުމެއް!

Feb 22, 2015

އިންޑިއާ އިން ރާއްޖޭގެ ސިޔާސީ އަދި ދާހިލީ އެކި މައްސަލަތަކުގެ ތެރެއަށް ނުވަންނާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫން މި ވަނީ ވިދާޅުވެފަ އެވެ. ރާއްޖޭގެ ސިޔާސީ ކަންކަމުގެ ތެރެއަށް އިންޑިއާ އިން ވަންނާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ކިތަންމެ ވަރަކަށް ވިދާޅުވި ނަމަވެސް، ދޭދޭ ގައުމުތަކާ މެދު ގުޅުން ބޭއްވުމުގެ އެގްރިމަންޓް، "ފައިވް ޕްރިންސިޕްލްސް އޮފް ޕީސްފުލް ކޯއެގްޒިސްޓެންސް" ނުވަތަ، "ޕާންޗްޝީލް" އެގްރިމަންޓު ވެސް އެކަން އޮތީ އެހެން ވާގޮތަކަށް ނޫނެވެ. އިންޑިއާ ވެސް އެ އެގްރިމަންޓްގެ އިންތައް ފަހަނައަޅައެއް ނުދާނެ އެވެ. އެއީ އެއަށް ވުރެ ޑިމޮކްރެޓިކް ގައުމެކެވެ.

ޗައިނާގެ ބިޔަ އިންވެސްޓްމަންޓްތަކެއް ރާއްޖެއަށް އައުމަކީ އިންޑިއާ އާއި ރާއްޖެ މޫނު ކެނޑޭނެ ކަމެއް ނޫން ކަމަށް ޑިޕްލޮމެސީ ދާއިރާގެ ބޭފުޅުން ވިދާޅުވެ އެވެ. އެއްވެސް ގައުމަކާ އިންޑިއާއިން މޫނު ހެދުމަކީ އިންޑިއާ ކަނޑުގެ ސަލާމަތާއި ހަމަޖެހުމަށް އޮތް ރައްކަލަކަށް ނުވާނެ އެވެ. އިންޑިއާއިން ބޭނުންވާ ހަމަޖެހުން ގާއިމް ކުރުމަށް އިންޑިއާ ވާން ޖެހެނީ މި ސަރަހައްދުގެ ހުރިހާ ގައުމެއްގެ ރަހުމަތްތެރި އަކަށެވެ.

އެކަން އިންޑިއާއިން އޮތީ ސާބިތު ވެސް ކޮށްދީފަ އެވެ. ރާއްޖެއަށް މިފަހުން ކުރިމަތިވި އެންމެ ބޮޑު އެއް ހާދިސާ އަކީ، އެމްޑަބްލިއުއެސްސީގެ ޕެނަލް ބޯޑްތަކުގައި ރޯވެ، މުޅި މާލެއިން ހަފުތާއަކަށް ފެންކަނޑައިގެން ދިޔުމެވެ. އެއާ އެކު އެންމެ ފުރަތަމަ އެހީގެ އަތެއް ދިއްކޮށްލައި، ކަރުހިއްކުން ފިލުވާލަދަނީ އިންޑިއާއިންނެވެ. އެ ގައުމުގެ މަނަވަރުތައް ފެން އުފައްދައި ފުރާލައިގެން ރާއްޖެ ބަނދަރު ކުރީ، ލަހެއް ފަހެއް ނުވެ އެވެ.

"އިންޑިއާ އަބަދުވެސް ވާނީ ރާއްޖޭގެ އެންމެ ކައިރި ގައުމަށް. އެންމެ ކައިރިން އެހީތެރިވެވޭނެ ކެޕޭސިޓީ ހުރީ އެ ގައުމުގައި. ރާއްޖެ އިންޑިއާގެ ރަހުމަތްތެރިކަން އެއީ ހިތާ ހިތުގެ ގުޅުމެއް،" ޑިޕްލިމެސީ ދާއިރާގައި ގިނަ ދުވަސް ހޭދަ ކުރެއްވި ބޭފުޅަކު ވިދާޅުވި އެވެ.

ޖީއެމްއާރުގެ މައްސަލައާ އެކު ރައީސް މުހައްމަދު ވަހީދުގެ ދުވަސްވަރު އިންޑިއާއާ ގުޅުން ގޯސްވި ނަމަވެސް، އެ ގައުމުން ރާއްޖެއަށް އަލަށް ހަމަޖެއްސި ރަޖީވް ޝަހާރޭ ފާހަގަ ކުރެވުނީ ސަރުކާރާ ގާތްގުޅުމެއް ބާއްވައިގެން މަސައްކަތް ކުރައްވާ ބޭފުޅެއްގެ ގޮތުގަ އެވެ. ކުރީގެ ސަފީރާ ހިލާފަށް ރަޖީވް ޝަހާރޭ ފެނިގެން ދަނީ ދީލަތި ސަފީރެއްގެ ގޮތުގަ އެވެ. އިންޑިއާގެ ގިނަ އެހީތަކެއް ރާއްޖެއަށް ހޯދައިދިނުމުގައި ޝަހާރޭގެ ބުރަ މަސައްކަތް ފެންނަ ކަމަށް ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.

"ވަރަށް ބުރަ މަސައްކަތްތަކެއް ސަފީރު އެ ކުރައްވަނީ. ރާއްޖެއަށް ގިނަ އެހީތަކެއް ހޯއްދަވައި ދެއްވާ ގުޅުން ރަނގަޅު ކުރެއްވުމަށް ސަފީރުގެ އިސްނެންގެވުން ވަރަށް ބޮޑު،" އޮފިޝަލް ވިދާޅުވި އެވެ.

އިންޑިއާ ރާއްޖޭގެ އަބަދުގެ ރަހުމަތްތެރިއަކަށް ނުވާންވީ ސަބަބެއް ނެތެވެ. އިންޑިއާ އިން ދިވެހިންނަށް ކިޔެވުމުގެ ގިނަ ފުރުސަތުތައް ފަހިކޮށްދެ އެވެ. އެހެން ގައުމުތަކުން ނުވާނެ ވަރުގެ އަސްކަރީ އެހީތައް އެ ގައުމުން އަންނަނީ ދެމުންނެވެ. ރާއްޖޭގެ ސިއްހީ ދާއިރާއަށް އެ ގައުމުން ދިން އެހީތަކުގެ ލިސްޓް އަދި މާދިގެވެ. ސަރުކާރުގެ މައި ހޮސްޕިޓަލަކީ އިންޑިއާގެ ހަދިޔާ އެކެވެ. އެ ހޮސްޕިޓަލް މަރާމާތުކޮށް އާބާތުރަ ފިލުވަނީ އަދިވެސް އިންޑިއާއިންނެވެ. އެހެން ވީމާ އިންޑިއާ-ރާއްޖެ ގުޅުމަކީ ދެމިގެންވާ ރަހުމަތްތެރިކަމެއްކަން ސާބިތުވެ އެވެ.

ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގަތުމަށް ފަހު ބޭރު ގައުމަކަށް ފުރަތަމަ ދަތުރުފުޅެއް ކުރެއްވީ އިންޑިއާ އަށެވެ. އެ ގައުމުގެ އޭރުގެ އިސްވެރިންނާ ބައްދަލު ކުރައްވައި ދެ ގައުމުގެ ޒަމާންވީ ރަހުމްތެރިކަމުގެ އަގު ވަޒަން ކުރެއްވި އެވެ. އަދި އިންޑިއާއަށް ރައީސް ދެއްވައި އަހަންމިއްޔަތުކަން އެ ދަތުރު އެކަނި ވެސް ހާމަކޮށްދެއްވި އެވެ. އިންޑިއާގެ މިހާރުގެ ރައީސް ނަރެންދުރަ މޯދީގެ ހުވާ ކުރުމުގެ ހަފްލާއަށް ރައީސް ވަޑައިގެންނެވީ ކުރު ނޯޓިސްއެއްގަ އެވެ. އެ ދަތުރުފުޅުގައި ވެސް މޯދީއާ ބައްދަލު ކުރައްވައި އިތުރަށް ގުޅުން ބަދަހި ކުރެއްވުމަށް ވައުދުވެ ވަޑައިގަތެވެ. އެހެން ވީމާ، ރާއްޖެއިން މި އުޅެނީ ޗައިނާއާ މާ ބޮޑަށް ރަހުމްތެރިވެ އިންޑިއާއާ ރުޅި މޫނު ހަދައިގެން ކަމަށް ބުނެވޭކަށް ނެތެވެ.

"ރާއްޖޭން ގެންގުޅެނީ ސަރަހައްދީ މައްސަލަތަކުގައި އިންޑިއާއާ ވަރަށް ގާތްގުޅެއް ބޭއްވުމުގެ ސިޔާސަތެއް. އިންޑިއާ އަކީ އެންމެ ކައިރިން އެންމެ ގާތުން އެހީވާ އެކުވެރިޔާގެ ގޮތުގައި އަޅުގަނޑުމެން ބަލަނީ،" ސަރުކާރުގެ އޮފިޝަލަކު ވިދާޅުވި އެވެ.

އަންނަ މަހު އިންޑިއާޔާއި ރާއްޖޭގެ ގުޅުމުގެ އާ ސަފްހާއެއް އަނެއްކާ ވެސް ހުޅުވޭނެ އެވެ. އެ ގައުމުގެ ބޮޑުވަޒީރު މޯދީ އަންނަ މަހު ސްރީ ލަންކާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅަށް ފަހު ވަޑައިގަންނަވާނީ ރާއްޖެ އަށެވެ. މިއީ އިންޑިއާ-ރާއްޖޭގެ ގުޅުމުގެ ލާމަސީލު ނަމޫނާތަކެއް ފެންނާނެ ދަތުރަކަށް ވާނެ ކަމުގެ އުންމީދު ސަރުކާރުން ގެންގުޅެ އެވެ. މޯދީގެ ގުޅުމާ އެކު ރާއްޖެ- އިންޑިއާގެ ހިތާއި ހިތުގެ ގުޅުން މިއަށް ވުރެވެސް ކައިރިވާނެ އެވެ.