ހަބަރު

ކޮމަންވެލްތްގެ މަންދޫބަށް ރާއްޖެއިން ފާހަގަވީ، އަމާންކަމާއި ރީތިކަން

Aug 17, 2016
3

ރާއްޖެއަށް ކުރެއްވި ދަތުރުގައި ފާހަގަވީ ރާއްޖޭގެ އަމާން ކަމާއި، ރީތިކަމާއި ސިއްހީ ދުޅަހެޔޮކަން ކަމަށް ކޮމަންވެލްތްގެ ހާއްސަ މަންދޫބު، ވިލީ މުތުންގާ ވިދާޅުވެއްޖެ އެވެ.

މި ދިޔަ މަހުގެ ފަހުކޮޅު އޭނާ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި އިދިކޮޅު ފަރާތްތަކާއި ސަރުކާރާއި އަދި ބައެއް ޑިޕްލޮމެޓުންނާ ބައްދަލު ކުރެއްވުމަށް ފަހު، އިއްޔެއްގެ ވަގުތެއްގައި އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާގެ ދަތުރުގައި ރާއްޖެއިން ފާހަގަވީ ތިން ކަމެއް ކަމަށެވެ.

އެކަން ކަމުގެ ގޮތުގައި މުތުންގާ ވިދާޅުވީ އޭނާއަށް ފާހަގަ ކުރެއްވުނީ ރާއްޖޭގެ ރީތިރަށްތަކާއި އެ ރަށްތަކުގެ ވަށައިގެންވާ ރީތި މޫދު ކަމަށެވެ. އަދި ރާއްޖޭގެ ސިއްހީ ދުޅަހެޔޮކަމުގެ ގޮތުގައި މެލޭރިއާ ނައްތާލެވިފައިވާކަން ފާހަގަ ކުރެއްވި އިރު އަމާންކަން ސިފަކުރައްވާ ވިދާޅުވެފައި ވަނީ ރައީސްގެ މޮޓޯކޭޑްގައި އޮންނަނީ ދެ ވެހިކަލް ކަމަށެވެ.

ދުނިޔޭގެ އެހެން ބައެއް ގައުމުތަކުގައި ރައީސުންގެ މޮޓޯކޭޑްތަކުގައި ވަރަށް ގިނަ ވެހިކަލްތައް ހިމެނެ އެވެ.

އޭނާގެ މި ޓްވީޓާ ގުޅިގެން، ސަރުކާރާ ދެކޮޅު އެކި ފަރާތްތަކުން ގެންދަނީ ޓްވިޓާގައި އޭނާއަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އޭނާގެ ފާޑުކިޔާ ފަރާތްތަކުން ޓްވީޓާގައި ބުނެފައި ވަނީ، މުތުންގާ އަށް ރާއްޖޭގެ ހަޑި ފަރާތް ނުފެންނަ ކަމަށާއި އެކަމާ ހިތާމަ ކުރާ ކަމަށެވެ. އަދި ޑިމޮކްރަސީ އާއި މިނިވަންކަމަށް އެތައް ބަޔަކު މިންނެތް މަސައްކަތް ކުރަމުން ދަނިކޮށް މުތުންގާގެ އޮބްޒަވޭޝަންގެ ތެރޭގައި އެފަދަ އެއްވެސް ކަމެއް ނުހިމެނުނީތީ ނާއުންމީދު ވެއްޖެ ކަމަށް ވެސް ބުނެފައިވެ އެވެ. އަނެއް ބަޔަކު ބުނީ ކޮމަންވެލްތުން ރާއްޖޭގެ ކަންކަން އިސްލާހު ކުރަން އެހީވާނެ ކަމާ މެދު މިހާރު ވެސް ޝައްކު އުފެދިއްޖެ ކަމަށެވެ.

އެ ފާޑު ކިޔުންތައް މުތުންގާއަށް އަމާޒުވެފައި ވަނިކޮށް އޭނާ މިއަދު ރާއްޖެއާ ބެހޭ ގޮތުން ކުރެއްވި ދެވަނަ ޓްވީޓެއްގައި ވިދާޅުވީ، ރާއްޖޭގައި ހޭދަކުރެއްވީ އެންމެ ހަތަރު ދުވަހު ކަމަށެވެ. އަދި އެ މުއްދަތުގައި ރައީސްގެ މޮޓޯކޭޑް ފެނިވަޑައިގަތީ ރަސްމީ ޕެރޭޑަކަށް އޭނާ ގޮސް ހުންނެވުމުގެ ތެރޭގައި ކަމަށެވެ. މުތުންގާ ވަނީ މިނިވަން ދުވަސް ފާހަގަ ކުރަން ރަސްމީ ބޯޅަދަނޑުގައި ބޭއްވި ކުޅިވަރުތައް ބައްލަވާލައްވައިފަ އެވެ.

މުތުންގާ އަކީ ދާދިފަހުން ކެންޔާގެ، އުއްތަމަ ފަނޑިޔާރުކަމުން އިސްތިއުފާދެއްވި ބޭފުޅެކެވެ. އޭނާ އެންމެ ފުރަތަމަ ރާއްޖެއަށް ކުރި ޒިޔާރަތަށް ފަހު، ކޮމަންވެލްތުން ނެރުނު ބަޔާނެއް މެދުވެރިކުރައްވާ މުތުންގާ ވިދާޅުވެފައި ވަނީ، އޭނާގެ ފުރަތަމަ ދަތުރުގެ މަގުސަދަކީ އެންމެންގެ ޝަކުވާތައް އަޑުއެހުން ކަމަށާއި އެ މަގުސަދު ހާސިލްވި ކަމަށެވެ. ދަތުރުގައި ފާހަގަވި ކަންކަމާ ގުޅޭ ރިޕޯޓެއް އަންނަ މަހު ބާއްވާ ސީމެގްގެ ބައްދަލުވުމަށް އޭނާ ހުށަހަޅުއްވާނެ ކަމަށްވެ އެވެ.

މުތުންގާ މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި އޭނާގެ މަސައްކަތަކަށް ވާނީ، ރާއްޖޭގެ ސިޔާސީ ފަރާތްތައް އެއްގަލަކަށް އަރުވައި، ސިޔާސީ ވެރިންގެ މެދުގައި ވާހަކަ ދެއްކޭނެ ފަދަ މާހައުލެއް ގާއިމްކޮށްދިނުމެވެ. އަދި މިނިވަން އިންސާފުވެރި އަދި އެންމެންނަށް ބައިވެރިވެވޭނެ ފަދަ ރިޔާސީ އިންތިހާބެއް 2018 ގައި ރާއްޖޭގައި ބޭއްވުމަށް އެހީތެރިވެދިނުމަކީ ވެސް އަމާޒެއް ކަމަށް މުތުންގާ ވަނީ ވިދާޅުވެފަ އެވެ.