ލާމް ލިންކް

ލާމް ލިންކުގައި މާގަސް ހައްދާނެ ބަޔަކު ހޯދަނީ

ލ. ފޮނަދޫ އިން ގަމަށް ހަދާ މަގު، "ލާމް ލިންކް" ގައި މާގަސް އިންދައި ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން އިއުލާނުކޮށްފި އެވެ.

ޕަބްލިކް ވޯކްސް ސާވިސް އިން މިދިޔަ އާދިއްތަ ދުވަހު ކުރި އިއުލާނެއްގައި ބުނީ އެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ ބުރާސްފަތި ދުވަހު މައުލޫމާތު ސާފުކުރުމަށްފަހު، އަންނަ މަހުގެ އެއް ދުވަހު އަންދާސީހިސާބު ހުށަހަޅަން ޖެހޭނެ ކަމަށެވެ.

ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ހަދާ މިމަގު ހުޅުވަން ނިންމާފައިވަނީ އަންނަ ސެޕްޓެމްބަރު ނުވަތަ އޮކްޓޫބަރު މަހުގެ ތެރޭގަ އެވެ. ލާމް ލިންކަކީ 30 މިލިއަން ޑޮލަރުގެ ހަރަދުކޮށްފައިވާ ބޮޑު މަޝްރޫއެކެވެ. މި މަޝްރޫއުގެ މަސައްކަތް ފެށީ 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. މަސައްކަތް ކުރީ ޗައިނާގެ ޖިއާންޒޫ ޕްރޮވިންޝިއަލް ޓްރާންޕޮޓޭޝަން އިންޖިނިއަރިން ކޯޕަރޭޝަނުންނެވެ.

މިހާރު މަގުގައި ތާރު އެޅުމުގެ މަސައްކަތްތައް ނިންމާ މަގުމަތީގެ ނިޝާންތައް ހަރުކޮށް، މަގުގައި ކުރަހަންޖެހޭ މަގުމަތީގެ ނިޝާންތައް ވެސް ވަނީ ކުރަހާފަ އެވެ.