ބޭރު ކުޅިވަރު

އެންރީކޭ: ކްރައިފް އާއި ގާޑިއޯލާ އަށްފަހު ބާސާގެ އެންމެ ކާމިޔާބު ކޯޗް

ދެ ވަނަ ލެގް މެޗްގައި ވެސް ސެވިއްޔާ ބަލިކޮށް ސްޕެނިޝް ސްޕަކަޕް ކާމިޔާބުކޮށް ބާސާގެ ތާރީހްގައި 13 ވަނަ ފަހަރަށް އެ ޓްރޮފީ ކާމިޔާބު ކުރުން ވެގެންދިޔައި އެޓީމުން ދަމަހައްޓަމުން އަންނަ ރެކޯޑަށް އިތުރުވި ބޮޅަކަށެވެ. މި ޓްރޮފީ ހޯދުމުގައި ބާސާއާ ކައިރި ކުރެވޭނެ އެހެން ޓީމެއްވެސް ނެތެވެ. ވާދަވެރި ރެއާލް މެޑްރިޑަށް ވެސް މި ޓްރޮފީ ކާމިޔާބު ކުރެވުނީ ނުވަ ފަހަރު އެވެ.

މިހާތަނަށް އެންރީކޭއާއެކު ބާސާގެ ޓްރޮފީ ހަރުގަނޑުގައި ނެތް ހަމައެކަނި ތައްޓަކީ ސްޕެނިޝް ސްޕަކަޕް ޓްރޮފީ އެވެ. ރޭ ގެ ކާމިޔާބާއެކު އެންރީކޭގެ ކޯޗްކަމުގައި ބާސާއިން މިވަނީ ކުލަބު ލެވަލްގައި ހުރިހާ ތައްޓެއް ހޯދާފަ އެވެ. މިހާތަނަށް އެންރީކޭ ވަނީ ބާސާއަށް އަށް ޓްރޮފީ ހޯދައިދީފަ އެވެ. އެއާއެކު އޭނަ ވެފައިވަނީ ބާސާގެ ލެޖެންޑް ޔޯހާން ކްރައިފްއާއި ޕެޕް ގާޑިއޯލާގެ ފަހަތުން ބާސާގެ ތާރީހްގައި ތިން ވަނަ އަށް އެންމެ ކާމިޔާބު ކޯޗަށެވެ.

"މިއީ ބޮޑު ކްލަބަކާ ދެކޮޅަށް ލިބުނު ބޮޑު ކާމިޔާބެއް. އަހަރެން މީ ވަރަށް ނަސީބު ގަދަ މީހެއް. ނަމަވެސް މިކާމިޔަބުގެ ޝުކުރުގެ ހައްގުވެރިންނަކީ އަހަންނަށް ލިބިފައިވާ މޮޅު ކުޅުންތެރިން. އެއީ ވަރަށް ހާއްސަ އަދި ތަފާތު ބައެއް،" ކާމިޔާބަށްފަހު ބާސާގެ ކޯޗް ލުއިސް އެންރީކޭ ބުންޏެވެ.

ދެ ވަނަ ލެގް މެޗް 3-0 ގެ ނަތީޖާ އަކުން އަމިއްލަ ދަނޑުގައި ކުޅެ ބާސާއިން ކާމިޔާބު ކުރީ އަރުދާ ތުރާން އާއި ލިޔޮނަލް މެސީގެ ގޯލްތަކުންނެވެ.

ތުރާންގެ ދެ ގޯލާއެކު އޭނާގެ ކިބައިން ފެނުނު "ޖާދޫ" އަށް އެންރީކޭ ވަނީ ތައުރީފްކޮށްފަ އެވެ. "އަހަރެން ވަރަށް ބޮޑަށް ހިތް ހަމަޖެހޭ ތުރާންގެ ފަރާތުން ފެނުނު ކުޅުމާ މެދު. އެނގިގެން ހިނގައްޖެ އޭނާއަށް ކުރިއަށް ވެސް ކުޅެވޭނެ ކަން" އެންރީކޭ ބުންޏެވެ.

ދެ ލެގްގައި ވެސް ބާސާ ކޮޅަށް ގޯލެއް ވަދެފައެއް ނުވެއެވެ. ރޭގެ މެޗްގައި ސެވިއްޔާއަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް އިބޯރާ ފޮނުވާލި ޕެނަލްޓީ ބާސާގެ ކީޕަރު ކްލައުޑިއޯ ބްރާވޯ ވަނީ ދިފާއުކޮށްފަ އެވެ.

"އެއީ ވަރަށް ބޮޑު އުފަލެއް އަހަރެމެން ކޮޅަށް ގޯލެއް ނުވަދެ ދެ ލެގް ވެސް ކާމިޔާބު ކުރެވުނުކަން. އެއީ އެހާލަތައްވެސް ކުޅުންތެރިން ފައްކަވެފައި ތިބުމުން" އެންރީކޭ ބުންޏެވެ.

ހޮނިހިރު ދުވަހު ފަށާ ސްޕެނިޝް ލީގްގައި ބާސާ ކުޅޭ ފުރަތަމަ މެޗްގައި ބައްދަލު ކުރާނީ ރެއާލް ބެޓިސްއާ ދެކޮޅަށެވެ.