ރިޕޯޓް

ޓްރީޓޮޕާއެކު މަތީފެންވަރުގެ ބޭސް ފަރުވާ ދިވެހިންނާ ގާތަށް!

ބޭސްފަރުވާއަށް ބޭރު ގައުމުތަކަށް ދިޔުމަކީ ދިވެހިން ކުރަންޖެހޭ އެންމެ ބޮޑު އެއް ހަރަދެވެ. އެކަމަށް ހައްލެއް ހޯދަން ކޮންމެހެންވެސް ބޭނުންވެއެވެ. އަންނަ އަހަރު އެކަމަށް "ފަރުވާ" ހިފައިގެން ދިވެހިންގެ ކުރިމައްޗަށް އަންނާނީ ހުޅުމާލޭގައި އަޅާ ޓްރީޓޮޕް ހޮސްޕިޓަލް އެވެ. މި ހޮސްޕިޓަލްގެ ބިންގާ މީގެ އަހަރެއްހާ ދުވަސް ކުރިން އަޅުއްވައިދެއްވީ ރައީސް އަބްދުﷲ ޔާމީނެވެ.

"ޓްރީޓޮޕް ހޮސްޕިޓަލް ހުޅުވުމުން ދިވެހިން ބޮޑެތި ހަރަދު ކޮށްގެން ބޭރު ގައުމުތަކަށް ބޭސް ފަރުވާއަށް ދާކަށް ނުޖެހޭނެ. މަތީފެންވަރުފެ ހުރިހާ ސިއްހީ ހިދުމަތެއްވެސް ކައިރި ހުޅުމާލެއިން ލިބޭނެ،" އަވަސް އަށް ދެއްވި އިންޓަވިއުއެއްގައި ޓްރީޓޮޕް ހޮސްޕިޓަލް ހިންގަން ހަވާލުކޮށްފައިވާ، ސިއްހީ ހިދުމަތްތައް ދިނުމުގައި މަޝްހޫރު އޮސްޓްރޭލިޔާގެ ރަމްސޭ ހެލްތް ކެއާ ސާވިސްގެ ސީއީއޯ އެޑްގާ ޓޮރެލް ވިދާޅުވި އެވެ.

އެޑްގާ ވިދާޅުވި ގޮތުގައި ހުޅުމާލޭގައި ހޮސްޕިޓަލެއް ތަރައްގީ ކުރަން ވިސްނި އިރު ރާވާފައި ވާނީ ދުނިޔޭގެ ފެންވަރުގެ ހިދުމަތް ލިބޭ ތަނަކަށް ހެދުމަށް ކަމަށާއި ދިވެހިން އެހެން ގައުމުތަކަށް ނުގޮސް ހުރިހާ ފަރުވާއެއް އަމިއްލަ ގައުމުން ލިބޭ ގޮތް ތަނަވަސްކޮށް ދިނުމެވެ. އޭގެ ސަބަބުން އާއިލާއާ ދުރަށް އެހެން ގައުމުތަކަށް ދާން ޖެހުމުގެ ބުރައާއި ހަރަދު ކުރަން ޖެހޭ ވަރު ވަރަށް ބޮޑުތަން ދަށް ވެގެން ދާނެ އެވެ.

"މިއީ މެލޭޝިއާ ސިންގަޕޫރު އަދި ތައިލެންޑު އަދި އެމެރިކާ ނޫނީ ޔޫރަޕުގެ އެހެން ގައުމުތަކުގައި ވެސް ހުންނާނެ ފެންވަރުގެ ހޮސްޕިޓަލެއް. އެހެންވީމަ މި ތަނުގައި އަޅުގަނޑުމެން ދޭ ހިދުމަތްތައް ވެސް ވާނީ ދުނިޔެ ފެންވަރުގައި ދެވޭ ހިދުމަތްތަކަށް. އަދި ސިއްހީ ހުރިހާ ހިދުމަތްތައް ލިބޭ ގޮތަށް މިތަން ތަރައްގީ ކުރަނީވެސް ދިވެހިން އެންމެ އާދައިގެ ބަލިތަކުން ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަން ވިޔަސް އަމިއްލަ ގައުމުގައި ހުރެ ލިބޭ ގޮތް ހެދުމަށް،" އެޑްގާ ވިދާޅުވި އެވެ. "ބޭރު ގައުމުތަކަށް ބޭހަށް ދާއިރު ހަމައެކަނި ބަލާނީ ހޮސްޕިޓަލަށް އަރާ ހަރަދަކަށް ނޫން. އެތަނަށް ދިއުމުގެ ހަރަދަށް ބަލާނެ، ބޭރު ގައުމުގައި ހުރުމުގެ ހަރަދަށް ބަލަން ޖެހޭ. އެކަމަކު ރާއްޖޭގައި މި ހިދުމަތްތައް ލިބެން ހުރިއްޔާ ފައިސާ ހޯދަމުން ވެސް ބޭސްކުރެވިދާނެ،" އޭނާ އިތުރަށް ވިދާޅުވި އެވެ.

ޓްރީޓޮޕް ހޮސްޕިޓަލްގެ ވެސް ސީއީއޯ އެޑްގާ ވިދާޅުވި ގޮތުގައި ޓްރީޓޮޕް ހޮސްޕިޓަލް ހުޅުވާ ފުރަތަމަ ދުވަހުން ފެށިގެންވެސް ދިވެހިންނަށް އެންމެ ބޭނުންވާ ކާޑިއޮލޮޖީގެ ހިދުމަތް ލިބޭނެ ކަމަށެވެ. އޭގެ އިތުރުން އެމްއާރްއައި އާއި ސީޓީ ސްކޭންގެ ހިދުމަތް އެތަނުން ލިބޭ އިރު ކެތު ލެބުގެ ހިދުމަތްތަކާއި ނިއުރޮލޮޖީ ޑިޕާޓްމަންޓެއް ގާއިމްކޮށް ހިދުމަތް ދޭނެ އެވެ. އޭގެ އިތުރުންވެސް އެތަށް ސިއްހީ ހިދުމަތްތަކެއް ވަނީ ފައްކާކޮށްފަ އެވެ.

ޓްރީޓޮޕް ހޮސްޕިޓަލްގެ ހިދުމަތްތައް ދިނުމަށް 20،000 އަކަމީޓަރުގެ ސަރަހައްދެއްގައި ހަ ފްލޯގެ ބޮޑު އިމާރާތެއް ހަދާއިރު އެތަނުގައި ހުންނާނީ 200 އެނދެވެ. އަދި އެ އިމާރާތުގެ ދުރު ހިސާބުތަކުން އެ ހޮސްޕިޓަލަށް ފަރުވާ ހޯދަން އަންނަ މީހުންނަށް އެކޮމޮޑޭޝަން ހަމަޖެއްސުމަށް ވަކި އިމާރާތެއްވެސް ހުންނާނެ އެވެ. ސިޓީ ހޮޓަލެއް ގޮތަށް ތަރައްގީ ކުރާ އެ އިމާރާތުގައި ރެސްޓޯރަންޓް އަދި އެމެޖެންސީ ޕަވަ ސިސްޓަމެއް ވެސް ގާއިމް ކުރެއެވެ.

އެޑްގާ ވިދާޅުވީ ގޮތުގައި ޓްރީޓޮޕް ހޮސްޕިޓަލާއި އެކު މެޑިކަލް ޓޫރިޒަމްވެސް ރާއްޖެއަށް ތައާރަފް ވާނެ އެވެ. އެގޮތުން ރާއްޖޭގެ މެޑިކަލް އިންޝޫރަންސްތަކާއި ބައިނަލްލަގުވާމީ މެޑިކަލް އިންޝޫރަންސްތަކުގެ ހިދުމަތް ދޭ އިރު ބޭރު ގައުމުތަކުން އަންނަ ޓޫރިސްޓުންނަށްވެސް ޓްރީޓޮޕްގެ ހިދުމަތްތައް ލިބޭނެ ކަމަށް އެޑްގާ ވިދާޅުވި އެވެ.

ޓްރީޓޮޕް ހޮސްޕިޓަލްގެ ކޮންސްޓްރަކްޝަން މަސައްކަތް ހަވާލުކޮށްފައި ވަނީ ތުރުކީގެ އަލައިކް ޓާމަކްސް ނަމަކަށް ކިޔާ ކުންފުންޏަކާއެވެ. މި މަޝްރޫއަށް މުޅިއަކު 90 މިލިއަން ޑޮލަރު ހަރަދުވާއިރު 600 އަށް ވުރެއް ގިނަ ވަޒީފާގެ ފުރުސަތު ވެސް ލިބޭނެ ކަމަށް އެކުންފުނިން ބުންޏެވެ.