އަވަސް ވީކެންޑް

ސާމީ: މިސާލު ދެއްކި އެރީނާގެ ޒުވާން ސިކުނޑި!

  • އާއިލީ ވިޔަފާރި ހިންގުމުގައި ހުރި ޒުވާނެއް
  • ވިޔަފާރި ފުޅާކުރަން ގިނަ މަސައްކަތަކެއް ކުރޭ
  • ބައްޕަގެ މަސައްކަތުން ހިތްވަރު ހޯދި ޒުވާނެއް

މިސާލަކީ ބައްޕަ އެވެ. ގަދަ އަޅާ މަސައްކަތް ކުރުމުގައި އެ ވަރުގެ ދެވަނަ މިސާލެއް ނެތެވެ. އެހެންވެ، ބައްޕަގެ ފިޔަވަޅުމަތީ އޭނާ ވެސް ހިނގަން އަޒުމް ކަނޑައެޅީ އެވެ. އަތް އުރާލައިގެން ހުރުމުގެ ބަދަލުގައި އާއިލީ ޒިންމާ ނެންގެވީ އެވެ. ވިޔަފާރިއާއިގެން ތެދުވަން ފަސް ނުޖެހޭނެކަން އެންމެންނަށް ދެއްކީ އެވެ. ޒުވާނުންނަށް މިސާލަކަށްވީ އެވެ. މިއީ ކ. މާފުށީގައި އެންމެ މަޝްހޫރު އެއް ގެސްޓް ހައުސް ކުންފުނި ކަމަށްވާ "އެރީނާ" ކުންފުނީގެ ޒުވާން ސީއީއޯގެ ވާހަކަ އެވެ.

"ބައްޕައަކީ ވަރަށް ބުރަކޮށް މަސައްކަތް ކުރެއްވި. އެންމެ ކުޑައިރު ހަނދާން ހުންނަން ފެށިއިރުން ފެށިގެން ވެސް ބައްޕަގެ ބުރަ މަސައްކަތް ފެނޭ. އެހެންވެ މިސާލަށް ބެލީ ބައްޕަ. އެގޮތުގައި ކުރިއަށް ދިޔައީ،" 29 އަހަރުގެ، ސީއީއޯ، އަހުމަދު ސާމިހް (ސާމީ) ވިދާޅުވި އެވެ.

ސާމީގެ އާއިލީ ވިޔަފާރީގެ ބިންގާ މާފުށީގައި ފުރަތަމަ އެޅުނީ ވަރަށް އާދައިގެ ގޮތަކަށެވެ. ފުރަތަމަ ސާމީގެ ބައްޕަގެ މަސައްކަތަކީ ބޯޓު ދަތުރުކުރުމެވެ. އޭގެ ފަހުން އަމިއްލަ ބައެއް މީހުންގެ ވަޒީފާގައި ވެސް އުޅުއްވި އެވެ. ނަމަވެސް ދުވަސްކޮޅަކުން ބައްޕަގެ މަސައްކަތުން ކުޑަ ސުވެނިޔަ ފިހާރައެއް އުފެއްދި އެވެ. މި ވިޔަފާރި ފުޅާކޮށް މާފުށީގައި 10 ފިހާރައަށް ބަދަލު ކުރި އެވެ.

އޭގެ ދުވަސްކޮޅެއް ފަހުން ސާމީ ވެސް ވިޔަފާރީގައި އުޅެން ފެއްޓެވި އެވެ. ސާމީގެ އާއިލާ އިން ފުރަތަމަ ހުޅުވީ އެންމެ ހަތަރު ކޮޓަރީގެ ކުޑަ ގެސްޓް ހައުސް އެކެވެ. އެ ދުވަސްވަރު ޓޫރިސްޓުންނަށް ހިދުމަތް ދިނުމުގައި ހުރިހާ ވަޒީފާއެއް އަދާކުރަމުން ގެންދެވި އެވެ. އެއާޕޯޓަށް ޓޫރިސްޓުން ބަލައިދެ އެވެ. ޓޫރިސްޓު މީހާ ގެސްޓް ހައުސްއާ ހަމައަށް ގެނައުމުގައި އުޅުއްވި އެވެ. މާފުށީގައި ތިންވަނަ އަށް ހުޅުވި "އެރީނާ ލޮޖް" ފުރަތަމަ ހުޅުވީ ރަށަށް އަރާ ދިވެހިންނަށް ހާއްސަކޮށްގެންނެވެ. ނަމަވެސް އޭގެ ފަހުން ކުޑަ ބަދަލެއް ގެނެސް ޓޫރިސްޓުންނަށް ފައްކާކުރީ އެވެ.

"ގެސްޓް ހައުސް ފުރަތަމަ ހިންގީ މަންމަގެ ގޭގެ ބައެއްގައި. ގެސްޓް ހައުސް ވިޔަފާރި ހެދުމުގެ ހިޔާލަކީ ކަޒިން އަކާއި އަޅުގަނޑު ކުރިއަށް ގެންދިޔަ ޑިސްކަޝަންއެއްގެ ތެރެ އިން އައި ހިޔާލެއް މިއީ. މި ކަމުގައި ކަޒިންގެ ވަރަށް ބޮޑު އެހީތެރިކަން ލިބުނު،" ސާމީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެެރީނާ ލޮޗް ހުޅުވިއިރު، ގެސްޓް ހައުސް ވިޔަފާރީގެ ހިޔާލެއް ނެތެވެ. ހަމައެކަނި އެނގެނީ ބުކިން "ޑޮޓްކޮމް" ގައި ކޮޓަރި ވިއްކަން އެކަންޏެވެ.

"އޭރު މާފުށި ވެސް ނޭނގެ. އޭރުން ގެސްޓުން އައީމަ ދަތިތަކާ ކުރިމަތިވި. ރަށްވެސް އެވަރަށް ތައްޔާރެއް ނޫން މިކަމަކާ. އޭރު އިޝްތިހާރު ކުރީ ފޭސްބުކާއި ސޯޝަލް މީޑިޔާގައި،" ސާމީ ވިދާޅުވި އެވެ.

ނަމަވެސް، އޭގެ ދުވަސް ތަކެއް ފަހުން އެރީނާގެ ދަށުން ހަތަރު ގެސްޓް ހައުސްއެއް ވަނީ ތަރައްގީ ކޮށްފަ އެވެ. މި ގެސްޓް ހައުސްތަކުގެ ކޮޓަރީގެ އަދަދު 60 އަށް ވުރެ ގިނަ އެވެ. މިހާރު ސާމީގެ އާއިލީ މި ވިޔަފާރީއަކީ މާފުށީގައި އެންމެ ފުޅާކޮށް މި ވިޔަފާރި ކުރާ ކުންފުންޏެވެ. މުސްތަގުބަލުގައި މާފުށީގައި 100 އެނދުގެ ތަކެއް ވެސް އެ ކުންފުނިން ހުޅުވާނެ އެވެ.

ސާމީއަކީ ފަސް މެންބަރުންގެ އާއިލާގެ އެންމެ ދޮށީ މެންބަރެވެ. ކޮންމެ ކަމެއް ވެސް ނިންމުމުގައި އާއިލާގެ ހިޔާލު ހޯއްދަ އެވެ. ހާއްސަކޮށް ސާމީގެ އަނބިކަނބަލުންނަކީ މިކަމުގައި އެންމެ ލަފާއަހާ އެހީތެރިވާ އެއް ފަރާތެވެ.

އެކައުންޓިން އާއި ފައިނޭންސްގެ ދާއިރާ އިން މެލޭޝިޔާގައި މަތީ ތައުލީމް ހާސިލް ކުރައްވައިގެން ހުންނެވި ސާމީގެ އާއިލީ ވިޔަފާރިއެއް ނަމަވެސް "އެކަޑަމިކަލީ" ގޮތުން ކުރި އަށް ވަޑައިގަތުމުގެ ވިސްނުން ކުރިން ގެންގުޅުއްވި އެވެ.

"ކިޔެވިއިރު ހިތަށް އަރާ އާއިލީ ވިޔަފާރީގެ ތެރެ އަށް އެހާ ބޮޑަކަށް ނުވަންނާނަމޭ. އެކަމަކު ފަހުން މި ވިޔަފާރި އަށް ބަލާފައި ކުރިއަށް ދާން ނިންމީ،" ސާމީ ވިދާޅުވި އެވެ.

ސާމީ ގަބޫލު ކުރައްވާ ގޮތުގައި ކިޔެވުމަކީ އަމިއްލަ އަށް ތިމާ ތަރައްގީވުމެވެ. އެހެންނޫންނަމަ ތައުލީމްގެ ބޭނުމެއް ނެތެވެ. ކިޔެވި އެއްޗެއްގެ ބޭނުން ހެޔޮ ގޮތުގައި ނުހިފާނަމަ ނުކިޔެވުން ފަދަ އެވެ. އެހެންވެ ސާމީ ކިޔަވައި ވިދާޅުވެގެން ރާއްޖެ ވަޑައިގެން އާއިލީ ވިޔަފާރި ތަރައްގީ ކުރަން މަސައްކަތް ކުރެއްވި އެވެ. މި ބަދަލާއެކު އެރީނާގެ ވިޔަފާރި "ދުނި ޖަހާފައި" އަރައިގެން ދިޔަ އެވެ. މިކަމުގައި އޭނާގެ އެންމެ ބޮޑު ޝުކުރެއް އޮތީ ކުންފުނީގައި މަސައްކަތް ކުރާ މުވައްޒަފުންނަށެވެ. މިކަމުގައި އާއިލާއާއެކު އެންމެ އެހީތެރިންނަކީ ކުންފުނީގެ މެނޭޖުމަންޓާއި މުވައްޒަފުން ކަމަށް ސާމީ ގަބޫލުކުރައްވަ އެވެ.

"އެންމެ ބޮޑު ބަދަލަކީ ކިޔަވައިގެން އައިސް ސިސްޓަމެޓިކް ޗޭންޖަސް ތަކެއް ގެނެވުން. ކޮމްޕެނީ [އެރީނާ] އަށް ބައިވަރު ބަދަލުތައް ގެނެވިފައި އެ ހުރީ. ކޮމްޕެނީގައި އޯނަރު ނެތަސް މެނޭޖުމަންޓުން ކުންފުނި ރަން ކުރާނެ. މިހާރު މެނޭޖުމަންޓާއި އޯނަރުނަކީ ވަކިބައެއް. އެހެންވެ މިއީ މި ގެނެވުނު ބަދަލަކީ،" ސާމީ ވިދާޅުވި އެވެ.

ގެސްޓް ހައުސް ވިޔަފާރީގައި އެރީނާގެ ދަށުގައި 50 އަކަށް މީހުން ވަޒީފާ އަދާކުރެ އެވެ. މި ކުންފުނީގައި މަސައްކަތް ކުރާ ގިނަ މީހުންނަކީ ދިވެހިންނެވެ. ސާމީގެ އެންމެ ބޮޑު މަގުސަދަކީ ވެސް ޒުވާނުން ވަޒީފާތަކަށް ހޯދުމެވެ. ނަމަވެސް މިއީ ވިޔަފާރީގެ އޮތް އެންމެ ބޮޑު ގޮންޖެހުމެވެ.

"އެންމެ ބޮޑު ޗެލެންޖަކީ [ގޮންޖެހުމަކީ] ރަނގަޅު ކޮމިޑެޓް ސްޓާފުން ހޯދުން. ވަަރަށް ބައިވަރު ވަޒީފާތައް އެބަހުރި މާފުށީގައި ވެސް. ނަމަވެސް ބޭނުންވާ ކޮމިޓްމަންޓް ދޭނެ މީހުން ހޯދަން ދަތިވަނީ. ހާއްސަކޮށް އެކައުންޓިން ފައިނޭންސް ދާއިރާ އިން ދިވެހިން ހޯދަން ދަތިވަނީ. ނަމަވެސް ރެކްރިއޭޝަން ދާއިރާ އިން ކުދިން ލިބޭ،" ސާމީ ވިދާޅުވި އެވެ.

ސާމީގެ ދެކެން ބޭނުންވާ ދުވަހަކީ ވަޒީފާތަކުގައި މިހާރަށް ވުރެ ވެސް ގިނަ އިން ދިވެހިން މަސައްކަތް ކުރުމެވެ. ޒުވާނުންނަށް މިސާލު ދެއްކެވި އެރީނާގެ ޒުވާން ސީއީއޯ ހުވަފެނަކީ ޒުވާނުން ހުރިހާ ކަމެއްގެ މުގުލުގައި ހިފައިގެން ތިބޭ ދުވަހެއް ފެނުމެވެ.