މުހައްމަދު ސައީދު

އިތުރު ދާއިރާތަކުން އެހީވެ ރާއްޖެ ތަރައްގީކޮށްދޭނަން: ޗައިނާ

Aug 18, 2016

އިތުރު ދާއިރާތަކުން ރާއްޖެއަށް އެހީތެރިވެ ތަރައްގީކޮށްދޭން ޗައިނާ ތައްޔާރަށް އޮތްކަމަށް ޗައިނާއިން އިން ބުނެފި އެވެ.

ޗައިނާއިން މިހެން ބުނީ ރާއްޖޭގެ މިނިސްޓާ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް މުހައްމަދު ސަޢީދު، ޗައިނާއަށް ކުރައްވާ ދަތުރުފުޅުގައި ޗައިނާގެ އެސިސްޓެންޓް ފޮރިން މިނިސްޓަރު މރ. ކޮންގް ޝުއެންޔޫ އާއި ދެ ބޭފުޅުން މިއަދު ޗައިނާގެ ފޮރިން މިނިސްޓްރީގައި ބައްދަލު ކުރައްވާ ދެ ގައުމުގެ މެދުގައި ބޭއްވި މަޝްވަރާތަކުގަ އެވެ.

އެސިސްޓެންޓް ފޮރިން މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކަށް އަބަދުވެސް ޗައިނާއިން އެހީވާނެ ކަމަށެވެ. ރާއްޖޭގައި ޗައިނާ ސަރުކާރުގެ އެހީގައި ކުރިއަށްގެންދާ މަޝްރޫޢުތައް ކާމިޔާބުކަމާއެކު ނިންމުމަށްޓާކައި ދެއްވެންހުރި ހުރިހާ އެހީތެރިކަމެއް ޗައިނާއިން ދޭނެ ކަމަށެވެ.

ރާއްޖޭގައި އިންވެސްޓްމަންޓްމެންޓްތަކަށް ހުރި ފުރުސަތުތައް ކުރިއަށް ގެންދިއުމަށް އެހީތެރިކަން ދެއްވާނެ ކަމަށް އިޝާރާތް ކުރައްވާ އިންވެސްޓްމަންޓް ފުރުސަތުތައް ޗައިނާގެ ކުންފުނިތަކަށް ހުޅުވައިދެއްވުމަށް މަޝްވަރާ ކުރެއްވި އެވެ. އަދި ރައީސް އަބްދުﷲ ޔާމީންގެ އިޤްތިސޯދީ އެޖެންޑާއަށް ޗައިނާގެ ތާއީދާއި އެއްބާރުލުން ފުރިހަމައަށް އޮތް ކަމަށް ވެސް ވިދާޅުވި އެވެ.

މިނިސްޓަރު ސައީދު ވަނީ ޗައިނާ ސަރުކާރުގެ އެއްބާރުލުމާއެކު ރާއްޖޭގައި ހިންގާ ތަރައްޤީގެ އެކިއެކި މަޝްރޫޢުތަކުގެ މަޢުލޫމާތު ޙިއްސާ ކުރައްވާފަ އެވެ. އެގޮތުން ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖުގެ މަސައްކަތާއި، ޗައިނާ ސަރުކާރުގެ އެހީގައި ރާއްޖޭގައި ހިންގަމުން ގެންދާ ހައުސިން ޕްރޮޖެކްޓްތަކާއި އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓާއި ބެހޭމަޢުލޫމާތު ދެއްވި އެވެ. އަދި ވިދާޅުވީ ޗައިނާއަކީ ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކުގެ ބައިވެރިއެއް ކަމަށެވެ.