ރިޕޯޓް

ސިއްހީ ދާއިރާ، އިންގިލާބީ ބަދަލަކާ ދިމާލަށް

Aug 20, 2016
11
  • މިފަހުން ސިއްހީ ދާއިރާއަށް ނުކުރާވަރުގެ އިންވެސްޓްމަންޓްތައް
  • އައިޖީއެމްއެޗް ފުޅާކުރުމުގެ މަޝްރޫއާ އެކު ބަދަލު ފެންނާނެ
  • ޓްރީޓޮޕް ހޮސްޕިޓަލް އަންނަ އަހަރު ކުރީކޮޅު ހުޅުވަނީ

ޑޮކްޓަރަށް ދައްކަން ދިގު ކިއުއެއްގައި ފަހަތުގައި ހުންނަތާ އެތަށް ގަޑި އިރެއްފަހުން، ބަލިމީހާގެ ހާލު ވެސް ހުރިވަރަށް ވުރެއް ގޯސްވާ ފަހުން ނޫނީ ޑޮކްޓަރަށް ދެއްކޭ ކަމަކަށް ނުވެ އެވެ. މިއީ އެންމެ މީހަކަށް ދިމާވީ ކަމެއް ނޫނެވެ. މިއީ ފެންވަރެއްގެ ސިއްހީ ހިދުމަތް ހޯދަން މާލެ އެތަށް ދިވެހިންނަކަށް އުޅެން ޖެހިފައި އޮތް ހާލެވެ. އަދި ނިމުނީކީ ނޫނެވެ. ނުބައި ބޭހެއް ދީގެން، ނޫނީ އެކަށީގެންވާ ފެންވަރަށް ފަރުވާ ނުލިބިގެން ބަލިހާލަތު އިތުރަށް ގޯސްވާ ފަހަރުވެސް މަދެއް ނޫނެވެ. ރާއްޖޭގެ ސިއްހީ ނިޒާމުގެ ހާލަތުތައް ދުން މިއީ އެތަށް ރައްޔިތެއްގެ ބޮޑު އެއް ޝަކުވާއެވެ.

ބައެއް މީހުން ދެކޭ ގޮތުގައި ރާއްޖެއިން ބޭސްފަރުވާ ކުރުމަކީ ނަގަން ޖެހޭ ބޮޑު "ރިސްކް" އެކެވެ. ހަގީގަތަކީ ރާއްޖޭގެ ސިއްހީ ދާއިރާއަށް މީހުން ވަނީ އުންމީދު ކަނޑާލައިފަ އެވެ. އަދި އެ ދާއިރާއަށް އިތުބާރެއްވެސް ނުކުރެ އެވެ. މިފަދަ ބައެއް ސަބަބުތަކާއި ހެދި ކިރިޔާވެސް އަތްމަތި ތިޔާގި މީހުން ބޭސްފަރުވާއަށް އަބަދުވެސް ދަނީ ރާއްޖެއިން ބޭރަށެވެ. އެކަމަކު އެއީ އެންމެނަށް ކުރެވޭނެ ކަމެއް ނޫނެވެ. އަނެއް ބަޔަކު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިޔުމަށް އެތަށް މަސްދުވަހެއްގެ ބުރަ މަސައްކަތުން ފައިސާއެއް ކުރެ އެވެ. ގިނަ ފަހަރަށް މިކަހަލަ އާއިލާތައް އުޅެން ޖެހެނީ އަގަޔާއި އަތާ ދިމާނުވެގެންނެވެ.

"އަޅުގަނޑަކީ އިންޑީޔާއިން އެއްފަހަރު އޮޕަރޭޝަނެއް ކޮށްފައި ހުރި މީހެއް. އާއިލާއާ އެންމެން ދޫކޮށްފަ ދާން ޖެހުނީ އެހާ ބޮޑު ހަރަދެއް ކުރަން ޖެހޭތީ. އެހާ ޒަމާންވަންދެއް އެއްކޮށްފައި ހުރި ރުފިޔާކޮޅު ހިފައިގެން. އެ ހިފައިގެން ގޮއްސަވެސް ދެކޮޅު ޖެހުނީ ހަމަ ކިރިޔާ. އިންޑިޔާގައި ހުންނަ ތަނެއް ހިފަން ޖެހުނު އޮޕަރޭޝަން ކުރުމުގެ ކުރިން. އަނެއްކާ އެހާ ދަތުރުފަތުރު ކުރަން ޖެހޭ. ދަންނަ ބަހުރުވައެއްގަ ނޫން ވާހަކަ ދައްކަނީ. ބޭރުން ކިތަންމެ ރަނގަޅަށް ފަރުވާ ކުރިޔަށް ވަރަށް ތަކުލީފު އުފުލަން ޖެހޭ،" ދާދި ފަހުން އިންޑިޔާއަށް ބޭހަށް ދިޔަ އިބްރާހިމް މުހައްމަދު އޭނާގެ ވާހަކަތައް ހިއްސާކުރި އެވެ.

ސިއްހީ ހިދުމަތް ދިވެހިންނަށް ވޭނަކަަށް ވެގެން މި އުޅޭ، ސަބަބަކީ ކޮބައިހެއްޔެވެ؟ ރާއްޖޭގައި ފެންވަރު ރަނގަޅު، އިތުބާރު ކުރެވޭ އަދި އަވަސް ހިދުމަތެއް ދޭ ހޮސްޕިޓަލެއް ނެތީ އެވެ. އެ ފަރުވާއާ މެދު އެތައް ބަޔަކު އެތަކެއް ޒަމާންތަކެއް ވަންދެން އިހުމާލްވީ އެވެ. މި ތުރާލައި ވޭނަށް އޮތީ ވަކި ކޮން ހައްލެއް ހެއްޔެވެ؟ ބޭސްފަރުވާއަށް އެދި އަތް ނަގައިގެން އާދޭހުގައި ތިބެންވީ ހެއްޔެވެ؟

"މިސަރުކާރުގެ ފުރަތަމަ ބަޖެޓް މިހާރު މި ހުށަހެޅީ. މިއަހަރު އެންމެ ބޮޑު ހޭދައެއް ބަޖެޓުގެ ތެރެއިން ކޮށްފައި ވާނީ ސިއްހީ ދާއިރާ ރަނގަޅު ކުރުމަށް. އެއީ ރާއްޖޭގައި ސިއްހީ ފަރުވާދޭނެ ރަނގަޅު ނިޒާމެއް ހަމަޖައްސައި ރާއްޖެއިން ފަރުވާ ލިބެން ނެތަސް ބޮޑެތި ބަލިތަކަށް އާސަންދައިގެ ތެރެއިން ޝިފާ ލިބޭ ގޮތަށް ފަރުވާ ލިބޭނެ އިންތިޒާމުތަކެއް ހަމަޖައްސަން. އަދި ސިއްހީ އާ ހިދުމަތްތައް ތައާރަފްކޮށް ސިއްހީ ދާއިރާއަށް އިންގިލާބީ ބަދަލެއް ގެންނާނަން،" މީގެ ދެ އަހަރު ކުރިން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް ވިދާޅުވެފައިވެ އެވެ.

ރައީސް އެހެން ވިދާޅުވިތާ މިއަދަށް ބަރާބަރު ދެ އަހަރުވީ އިރު، އައިޖީއެމްއެޗް 25 ބުރީގެ އިމާރާތް ތަރައްގީ ކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. ވޭތުވެ ދިޔަ ދެ އަހަރު ތެރޭގައި އައިޖީއެމްއެޗްއަށް ވަނީ އެތަށް އާ ސިއްހީ ހިދުމަތްތަކެއް ތައާރަފްކޮށްފައެވެ. އޭގެ ތެރޭގައި ދިވެހިންނަށް އެންމެ ގިނައިން ބޭރަށް ދާ އެއް ސަބަބު، ހިތުގެ ބަލިތަކަށް ފަރުވާ ލިބޭނެ ކެތު ލެބެއްވެސް ވަނީ ގާއިމްކޮށްފަ އެވެ. އަދި ޑިޖިޓަލް އެކްސްރޭ އާއި އެމްއާރްއައީގެ އިތުރުން އެތަށް އާ ހިދުމަތްތައް އައިޖީއެމްއެޗްގައި ވަނީ ތައާރަފްކޮށްފަ އެވެ ނަމަވެސް އަދި ކުރިޔަށް އޮތީ އައިޖީއެމްއެޗް 25 ފްލޯގެ އިމާރާތަކަށް ހަދާ 500 އެނދުގެ ހޮސްޕިޓަލަކަށް އައިޖީއެމްއެޗް ބަދަލުވުމެވެ. ސަރުކާރުން ބުނަނީ އޭރުން އައިޖީއެމްއެޗް ބަދަލުވާނީ، ސަރަހައްދީ ފެންވަރުގެ ހޮސްޕިޓަލަކަށް ކަމަށެވެ. އެ މަސައްކަތް 2018 ވަނަ އަހަރުގެ ކުރިން ކުރުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

"އައިޖީއެމްއެޗްގެ ކަންކަން ރަނގަޅު ކުރުމަށް ވެސް އަޅުގަނޑުމެން ދާނީ މަސައްކަތް ކުރަމުން. ހުރިހާ ކަމެއް އެއްފަހަރާ ރަނގަޅެއް ނުވާނެ. އެކަމަކު ގިނަ ކަންކަން ރަނގަޅު ވެއްޖެ. ޝަކުވާ މަދުވެއްޖެ،" ލިމިލާމޭ ހެލްތް ސެންޓަރު، ހޮސްޕިޓަލަކަށް ބަދަލު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމިން ވިދާޅުވި އެވެ.

"ރައީސް އަބްދުﷲ ޔާމީން ބޭނުންފުޅުވޭ ރާއްޖޭގެ ސިއްހީ ދާއިރާގެ ހިދުމަތް މިހާރަށްވުރެ އެތައް ގުނައެއް ރަނގަޅު ވާން. މި ރީޖަންގެ ގައުމުތަކުން ލިބެން ހުންނަ ސިއްހީ ހިދުމަތްތަކާ އެއް ހަމައެއް ނޫނީ އެއަށްވުރެ ރަނގަޅު ހިދުމަތެއް ދޭ ގައުމަކަށް ވާން،" މިހާރުގެ ހެލްތު މިނިސްޓަރު ވިދާޅުވި އެވެ.

ކޮންމެއަކަސް އެ ބަދަލުތަކާއި އެކު ގިނަބައެއްގެ އުންމީދުތައް އާވަމުންދެއެވެ. ނަމަވެސް ދިވެހިން އެންމެ ކެތްމަދުވެ އިންތިޒާރުގައި ތިބޭ ކަމަކީ ޓޫރިޒަމްގައި ވިޔަފާރީގައި މަޝްހޫރު ޗަމްޕާ އާއިލާގެ ބޮޑު ހިއްސާއެއް ވެގެން ހުޅުމާލޭގައި ތަރައްގީ ކުރަމުން އަންނަ ޓްރީޓޮޕް ހޮސްޕިޓަލް (ޓީޓީއެޗް)ގެ މަސައްކަތް ނިމޭނެ ދުވަހަށެވެ. ވަރަށް އަވަހަށް އެ މަސައްކަތް ނިމޭނެ އެވެ. އަންނަ އަހަރު އޭޕްރިލް ހިސާބުގައި ހުޅުވާލާ އިރު އެ ދުވަސް ވެގެންދާނީ ރާއްޖޭގެ ސިއްހީ ދާއިރާއަށް އިންގިލާބެއް ގެނުވި ދުވަހަކަށެވެ.

"އަވަސް" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ޓްރީޓޮޕް ހޮސްޕިޓަލް ހިންގަން ހަވާލުކޮށްފައިވާ، ސިއްހީ ހިދުމަތްތައް ދިނުމުގައި މަޝްހޫރު އޮސްޓްރޭލިޔާގެ ރަމްސޭ ހެލްތް ކެއާ ސާވިސްގެ ސީއީއޯ އެޑްގާ ޓޮރެލް ވިދާޅުވީ ޓްރީޓޮޕް ހޮސްޕިޓަލް ހުޅުވުމުން ރާއްޖޭގެ ސިއްހީ ދާއިރާއަށް އިންގިލާބީ ބަދަލެއް އަންނާނެ ކަމަށެވެ. މީހުން ރާއްޖެއިން ބޭރަށް ބޭހަށް ދާން ނުޖެހުމުގެ އިތުރުން ހުރިހާ ފަރުވާއެއް އެއްތަނުން ލިބި ސިއްހީ ދާއިރާއަށް އިތުބާރު ކުރެވި ގަދަރު އުފިލިގެންދާނެ ކަމަށް އޭނާ ދެކެ އެވެ.

"ޓްރީޓޮޕް ހޮސްޕިޓަލް ހުޅުވުމުން ދިވެހިން ބޮޑެތި ހަރަދު ކޮށްގެން ބޭރު ގައުމުތަކަށް ބޭސް ފަރުވާއަށް ދާކަށް ނުޖެހޭނެ. މަތީފެންވަރުފެ ހުރިހާ ސިއްހީ ހިދުމަތެއްވެސް ކައިރި ހުޅުމާލެއިން ލިބޭނެ. މިއީ މެލޭޝިއާ ސިންގަޕޫރު އަދި ތައިލެންޑު އަދި އެމެރިކާ ނޫނީ ޔޫރަޕުގެ އެހެން ގައުމުތަކުގައި ވެސް ހުންނާނެ ފެންވަރުގެ ހޮސްޕިޓަލެއް. އެހެންވީމަ މި ތަނުގައި އަޅުގަނޑުމެން ދޭ ހިދުމަތްތައް ވެސް ވާނީ ދުނިޔެ ފެންވަރުގައި ދެވޭ ހިދުމަތްތަކަށް. އަދި ސިއްހީ ހުރިހާ ހިދުމަތްތައް ލިބޭ ގޮތަށް މިތަން ތަރައްގީ ކުރަނީވެސް ދިވެހިން އެންމެ އާދައިގެ ބަލިތަކުން ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަން ވިޔަސް އަމިއްލަ ގައުމުގައި ހުރެ ލިބޭ ގޮތް ހެދުމަށް،" އެޑްގާ ވިދާޅުވި އެވެ.

އެހެންކަމުން ބޭރަށް ދިޔުމުގެ ބުރަވެސް ނިމުމަކަށް އަންނާނެ އެވެ. އަންނަ އަހަރު އޭޕްރިލް ހިސާބުގައި އެ ހުވަފެން ތެދަކަށް ވެގެންދާނެ އެވެ. ސިއްހީ ދާއިރާއަށް ފާޑުކިޔާ ފަރާތްތަކުގެ އަނގަ ބަންދުވެ، ބަލައިގަންނަން ފަށާނެ އެވެ.

"ޓްރީޓޮޕް ހޮސްޕިޓަލް ހުޅުވުމަށް ފަހު ރާއްޖޭގެ މިހާރުގެ ސިއްހީ ދާއިރާ މުޅިން ބަދަލުވާނެ. މުޅި ރާއްޖޭގެ މާހައުލު އެކީ ކަހަލަގޮތަކަށް ބަދަލުވާނެ. މީހުން ދެން ބޭރަށް ބޭހަށް ދިޔުން ނޫން އެހެން ގޮތެއް ނެތިގެން އުޅޭކަށް ނުޖެހޭނެ. އެއީ އަޅުގަނޑުމެންގެ ހުވަފެން. މިހާޜު ކޮންމެ ގޮތަކަށް ސިއްހީ ދާއިރާ އޮތަސް ބައިނަލްލަގުވާމީ ފެންވަރަށް ހިދުމަތްތައް ބަދަލު ކުރުން. އޭރުން ދިވެހިންނަށް އެމީހުންގެ އާއިލާގެ ސިއްހަތު މި ރާއްޖޭގައި ހުރެގެން ބެލެހެއްޓޭނެކަން ޔަގީންވެ އިތުބާރު ބޮޑުވެގެންދާނެ،" އެ ހޮސްޕިޓަލްގެ ސީއީއޯ ވިދާޅުވި އެވެ.

ކޮންމެއަކަސް އައިޖީއެޗްއަޗްއަށް އަންނަން އުޅޭ ބަދަލާއި ޓްރީޓޮޕް ހޮސްޕިޓަލާއި އެކު ދިވެހިން ފެންވަރު ރަނގަޅު ސިއްހީ ހިދުމަތް ދިވެހިން ގާތަށް އަންނަނީ އެވެ. އެދުވަސް މާދުރެއްވެސް ނޫނެވެ. ސިއްހީ ހިދުމަތް ރަނގަޅު ކުރުމަށް ސަރުކާރުން މި އަންނަނީ ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރަމުންނެވެ. އޭގެ ނަތީޖާ ސިއްހީ ދާއިރާއިން ކުރިއަށް އޮތްތަނުގައި ފެންނާނެ އެވެ.