ރިޕޯޓް

ހިތްވަރުގަދަ ދެމަފިރިންނާއި އޯޓިސްޓިކް ތިން ކުދިން: އަސަރާއި ކަރުނައިގެ ހަޔާތެއް

ލޮލުގެ ކޮއިފަދަ ދަރިފުޅު ބޮލަށް "ޕާޓޭއަކު" ފެން ފުޅިއެއް އޮއްސާލި އެވެ. އެ މަންޒަރު ފެނުނީ މަންމައަށެވެ. މަންމަ ރޮއެފައި މަންޒަރު ބަލަން ހުރީއެއް ނޫނެވެ. ހިތަށްކުރި އަސަރާއެކު ޕާޓޭއާ ކުރިމަތިލި އެވެ. ފެން ފުޅިއެއް ހިފައިގެން އައިސް ޕާޓޭގެ ގަޔަށް އެ ފެން ފުޅި ޖެހި އެވެ. ޕާޓޭގެ އިންޒާރުތަކާއެކު ވެސް އެ މަންމަ އެ ޕާޓޭއާ ކުރިމަތިލި އެވެ.

އެ މަންމައަކީ ލ. މާވަށަށް އުފަން އައިމިނަތު މުހައްމަދެވެ. މި މަންމައަކީ އެ ވަރުގެ ހިތްވަރު ގަދަ އަންހެނެއް ދެން ނުފެންނާނެވަރުގެ އަންހެނެކެވެ. ބުރަ މަސައްކަތުން، އޯޓިޒަމް ހުންނަ ތިން ދަރިން ބަލައި ބޮޑުކުރަމުން އަންނަ ހީވާގި މަންމައެކެވެ. މުޅި ދުވަސް ދަރިންނަށް ހިބަކޮށްފައިވާ މަންމައެކެވެ.

ދެ ކޮޓަރި ހުންނަ ކުޑަކުޑަ އެޕާޓްމެންޓެއްގައި އައިމިނަތާއި އޭނާގެ އާއިލާ އުޅެމުންދަނީ ވަރަށް ދަތީގަ އެވެ. އެއް އިރެއްގައި ފުދިގެން އުޅުނު އާއިލާއެއް ނަމަވެސް މިއަދުގެ ދިރިއުޅުމުގެ ކަންކަން ހުރި ގޮތުން އަތްމަތި ވަނީ ދަތިވެފަ އެވެ. ކުރީގެ ފުއްދުންތެރި ދިރިއުޅުމުން އަތް ދޫކޮށްލަން ވަނީ ޖެހިފަ އެވެ. މިހާރު އައިމިނަތާއި އޭނާގެ ފިރިމީހާ އަބްދުލް ގާދިރަށް ދިރިއުޅުމުގައި އޮތް ހަމައެކަނި މަސައްކަތަކީ ދަރިން ރަނގަޅު ގޮތުގައި ބަލާ ބޮޑުކުރުމެވެ. އެ ނޫން ވަޒީފާއެއް މި ދެމަފިރިން އަދައެއް ނުކުރެ އެވެ. ކުރާނެ ވަގުތެއް ވެސް ނުވަނީ އެވެ. ހުރިހާ ވަގުތެއް ތިން ދަރިންނަށް ވަނީ ދީފަ އެވެ.

އައިމިނަތުގެ ފަސް ދަރިން ތިބިއިރު ހަގު ތިން ފިރިހެން ދަރިންނަކީ ވެސް އޯޓިޒަމް ހުންނަ ތިން ކުދިންނެވެ. އޭގެ ތެރެއިން ދޮށީދަރިފުޅު އަހުމަދު ނަބީހަކީ އަދާޔާ ހިލާފު އެތައް ހުނަރުތަކަކުން ފުރިފައިވާ ދަރިއެކެވެ. އެ ދަރިފުޅާމެދު މަންމަގެ އުއްމީދު ވެސް ވަރަށް ބޮޑެވެ. މަންމަ ބޭނުންވަނީ ނަބީހު ހާފިޒަކަށް ހަދައި، މުދިމަކަށް ހެދުމެވެ. އަދި މަދަހަ ކިޔުމުގެ ރޮނގުން ކުރިއަށް ގެންދިޔުމެވެ.

ނަބީހަކީ ވަރަށް ރީއްޗަށް ޤުރުއާން ކިޔަވާ ކުއްޖެކެވެ. އޭނާގެ އަޑު ވަރަށް ވެސް ރީއްޗެވެ. ނަބީހަށް ޤުރުއާން ކިޔަވައިދިނުމުގެ ބުރަ މަސައްކަތް ކުރަމުން އަންނަ އަހުމަދު އަލި ދީދީ ބުނި ގޮތުގައި ނަބީހަކީ އަދާޔާ ހިލާފު ހުނަރެއް ލިބިފައިވާ ކުއްޖެކެވެ. އެކަހަލަ ކުއްޖެއްގެ ކިބައިން ނުފެންނާނެ ވަރުގެ ކުޅަދާނަ ހުނަރެއް ނަބީހުގެ ކިބައިން ފެންނަކަން އޭނާ ފާހަގަކުރި އެވެ. ހަތިމުން ތަންކޮޅެއް ދެއްކުމަށްފަހު އެއް ފަހަރު ކިޔަލައި، ދެވަނަ ފަހަރަށް ނުބަލާ ކިޔާލުމުގެ ހުނަރު ނަބީހުގެ އެބަ ހުއްޓެވެ. ނަބީހު މިހާރު ވެސް ޤުރުއާނުގެ ބޮޑު ބައެއް ވަނީ ހިތުދަސްކޮށްފަ އެވެ. އުމުރުން އަދި އެންމެ 14 އަހަރެވެ. އަހުމަދު ބުނިގޮތުގައި އެއީ އޭނާގެ މަންމަ ކުރި ހަނގުރާމައިގެ ނަތީޖާ އެވެ. އެވަރުގެ ކެތްތެރި މަންމައެއް ނުދެކޭ ކަމަށް ވެސް އޭނާ ބުންޏެވެ.

ނަބީހަށް ޤުރުއާން ކިޔަވައިދިނުމަށް ވެސް އައިމިނަތު ކަޑަތުކުރީ ގޮންޖެހުން ނެތް މަގެއް ނޫނެވެ. މިހާރު ހެޔޮއެދޭ ފަރާތެއްގެ އެހީއާއެކު ނަބީހަށް ޤުރުއާން ކިޔަވައިދޭ ގޮތްވެފައިވީ ނަމަވެސް ނަބީހު އެންމެ ޅައިރު އޭނާ ގެންދިޔަ ޤުރުއާން ކްލާސްތަކުން ވަނީ ބޭރުކޮށްލާފަ އެވެ. އޭނާއަށް ކިޔަވައިނުދެވޭނެ ކަމަށް ބުނެ އެވެ. ކޮންމެ މީހަކު ވެސް ދަންނާނެ ފަދައިން އޯޓިޒަމް ހުންނަ ކުދިންނަކީ ތަފާތު މިޒާޖެއްގެ ކުދިންތަކެކެވެ. ކޮންމެފަދަ ގަޑިއަކު ކޮންމެ ފަދަ ކަމެއް ވެސް ބޭނުންވެދާނެ އެވެ.

ނަބީހަކީ ބައެއް ފަހަރަށް ވަރަށް ރުޅި ގަދަވާ ކުއްޖެކެވެ. އެ ރުޅި އަންނާނީ ކޮން ކަމަކާ ކޮން ވަގުތަކު ކަމެއް އެކަކަށް ވެސް ނޭނގެ އެވެ. އެއީ އާންމުކޮށް އެފަދަ ކުދިންގެ މިޒާޖެވެ. މި މިޒާޖާއި އުނިކަމާއެކު ވެސް ނަބީހު ވަނީ ގިނަ މުބާރާތްތަކެއް ރަން ވަނަތަކެއް ހާސިލުކޮށްފަ އެވެ. ޤުރުއާން މުބާރާތެއް ވިޔަސް މަދަހަ ނޫނީ ލަވަ މުބާރާތެއްގައި ވެސް ނަބީހުގެ ނަން ލިޔެވިގެން ދަނީ ރަން އަކުރުންނެވެ.

ނަބީހަށް ލިބިފައިވާ ސެޓްފިކެޓްތަކާއި ތަށިތައް އައިމިނަތު ގެންގުޅެނީ އަގުބޮޑު ޖަވާހިރުތަކެއް ފަދައިންނެވެ. އެތަކެއްޗަކީ ގުދާރު ބިންދައިގެން ދިރިއުޅުމުގައި ކުރި މަސައްކަތްތަކުގެ ފޮނި ނަތީޖާ ކަމަށް އޭނާ ބުނެ އެވެ. ނަބީހުގެ ސެޓްފިކެޓްތަކާއި މުބާރާތްތަކުގައި ވާދަކުރަނިކޮށް ނަގާފައިވާ ފޮޓޯތަކާއި ވީޑިއޯތަކަށް އެ މަންމަގެ ނަޒަރު ހުއްޓެނީ އުއްމީދާއެކުގަ އެވެ. އެ މަންޒަރުތައް މުޅި ދުނިޔެއަށް ދައްކަން ބޭނުންވެ އެވެ. ލިބޭ ހިންހަމަ ޖެހުމަކީ ދަރިފުޅުގެ އާދަޔާ ހިލާފު ހުނަރުގެ ވާހަކަ ދެއްކުމެވެ.

ނަބީހުގެ މިޒާޖު ހުންނަ ގޮތުން ބައެއް ފަހަރަށް އައިމިނަތަށް ވެސް އަނިޔާވެ އެވެ. ޖިސްމާނީ ގޮތުން ބޮޑެތި އަނިޔާތަކެއް އޭނާގެ ހަށިގަނޑަށް ވަނީ ލިބިފަ އެވެ. އެއީ އަނިޔާއެއް ކަމަށް އޭނާ ގަބޫލެއް ނުކުރެ އެވެ. އެ އަނިޔާތަކަށް އޭނާ ކެތްކުރަނީ އެއީ އޭނާއަށް ކުރިމަތިލާން ޖެހިފައިވާ އިމްތިހާނެއްގެ ގޮތުގަ އެވެ.

އޯޓިޒަމް ހުންނަ ކުދިންތަކެއް ގޮވައިގެން މާލެ އުޅުން ދަތި އުނދަގޫ ކަމަކަށްވެފައިވާއިރު އައިމިނަތުގެ ދުނިޔެ ވަނީ އެ ތިން ކުދިންގެ ވަށައިން އެނބުރޭ އެއްޗަކަށްވެފަ އެވެ. ރައްޓެއްސަކު ވީ ހިސާބެއް ވެސް އޭނާއަށް ނޭނގެ އެވެ. ރައްޓެއްސަކާ ހިސާބަށް ދެވުނު ދުވަހެއް ވެސް ނޭނގެ އެވެ. އެންމެ ކުޑަ މިނަކަށް ލޯބިވާ އަމިއްލަ ބައްޕަ މަރުވި ދުވަހު ވެސް އެ ބައްޕަގެ މޫނު ދެކިލަން ދިޔުމުގެ ފުރުސަތު ވެސް އޭނާއަށް ނުލިބުނެވެ. ދަރިން އެކަނިކޮށްލާފައި ދެވެން ނެތިގެން ނުދިޔައީ އެވެ. އެއީ އޭނާގެ ހަޔާތުގައި އައި އެންމެ ހިތްދަތި ދުވަހެވެ.

ހަޔާތުގައި ހިތްދަތި އެތައް ދުވަސްތަކެއް ދެކެފައިވާ އައިމިނަތަށް ފުން ހިތާމައެއް ލިބުނު ދުވަހަކަށް މި ދުވަސްވެސްވެ އެވެ. އެއީ، ނަބީހު އެންމެ ފުރަތަމަ ސްކޫލަށް ދިޔަ ދުވަހެވެ. ނަބީހު ފޮތްތަކުގައި ރީތިގަނޑު ލައްވައި ދަބަހަށް އެއްޗެހި އަޅައި ތައްޔާރުކޮށްގެން ނަބީހު ސްކޫލަށް ގެންދިޔައީ ކުރިމަގަށް އެތައް ހުވަފެންތަކެއް ދެކެމުންނެވެ. އެ ހުވަފެންތައް ވިއްސިވިހާލިކޮށްލީ ގަޑިއިރެއް ވެސް ނުވަނީހެވެ. ސްކޫލުން އައި ފޯނެކެވެ. ވަގުތުން އޭނާ ސްކޫލަށް ދިޔަ އެވެ. އޭރު ނަބީހު މަތަނުކުރެވިގެން ޓީޗަރުން އުޅެނީ އެވެ. އެ ޓީޗަރުން އެންގީ ނަބީހު އެ ސްކޫލުގައި ނުބެހެއްޓޭނެ ކަމަށެވެ. އޭނާ ގެންދިޔުމަށެވެ. ކިހާ އަސަރެއް ކުރާނެތޯ އެވެ. އޭގެ ފަހުން ނަބީހު ދާން ފެށީ އިމާދުއްދީން ސްކޫލްގެ ސެން ކުލާހަށެވެ.

އިމާދުއްދީން ސްކޫލުގައި ނަބީހަށް ކިޔަވައިދޭ ފާތިމަތު އަޒުނާ ބުނީ، ނަބީހަށް އިނގިރޭސި އަދި ދިވެހި ލިޔަންކިޔަން އެނގޭއިރު ގުރޭޑް ފަހެއް ސްޓޭންޑާޑްގެ ހިސާބު ވެސް އެނގޭ ކަމަށެވެ. އަޒުނާ ވެސް ވަނީ ނަބީހުގެ ހިތްވަރުގަދަ މަންމައަށް ތައުރީފުކޮށްފަ އެވެ. އަމިއްލަ އިސްވެ ތަންތަނުން މައުލޫމާތު ހޯދައިގެން ދަރިންގެ ކަންކަން އިތުރަށް ރަނގަޅުކުރުމަށް މަސައްކަތްކުރާ ކަމަށް ވެސް ބުންޏެވެ. މީގެއިތުރުން އެފަދަ ކުދިން ގެންގުޅޭ އަންހެނުންނާ ބަލާފައި އައިމިނަތަކީ ހަމަ ފާހަގަކޮށްލެވޭ އަދާޔާ ހިލާފު އަންހެނެއްކަން އޭނާ ފާހަގަކުރި އެވެ.

ވާހަކަ ދެއްކުމާއި މީހުން ދައްކާ ވާހަކަ ނަގައިގަތުމުގެ ހުނަރު ލިބިފައިނުވާ ނަބީހާއި ނަބީހުގެ ދެ ކޮއްކޮ ބަލައި ބޮޑުކުރުމުގައި އައިމިނަތުގެ ދެމަފިރިންނަށް މަލީ ގޮތުން ވަނީ ދަތިވެފަ އެވެ. އެއިން ކޮންމެ ކުއްޖަކަށް ވެސް ބޮޑު ހަރަދެއްކުރަންޖެހޭއިރު، ކޮންމެ ކުއްޖަކަށް ވެސް ސަރުކާރުން ދޭ 2،000 ރުފިޔާގެ އިނާޔާތް ލިބެ އެވެ. ނަމަވެސް އެއިން ނުފުދެ އެވެ. އައިމިނަތާއި ގާދިރުގެ އެދުމަކީ އެ އިނާޔަތް ބޮޑުވުމެވެ. ދުވަސްވީ ކޮންމެ މީހަކަށް 5،000 ރުފިޔާ ދޭ ފަދައިން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ދޭ އެލަވެންސް ވެސް ބޮޑުވުމަށް އެ ދެމަފިރިން އެދޭއިރު މިހާރު ކިތަންމެ ތަނަވަސް އަދި ފުދިގެން އުޅޭ ދުވަސްވީ މީހަކަށް ވެސް 5،000 ރުފިޔާ ލިބެ އެވެ. އޭގެ ބަދަލުގައި މިފަދަ ދަރިން ގެންގުޅޭ، ގޭގައި ތިބެން މަޖުބޫރުވެފައިވާ މައިންނަށް ވެސް އެލަވެންސެއް ސަރުކާރުން ހަމަޖައްސައިދިނުމަކީ އައިމިނަތުގެ ވަރަށް ބޮޑު އެދުމެކެވެ.

ތިން ކުދިންނަށް ވެސް ބޮޑު ހަރަދެއްކުރަން ޖެހޭއިރު، ކޮންމެ ދުވަހަކު ވެސް ފިހާރައަށް ކޮންމެ ފަދަ އެއްޗެއް ގަތުމަށް ވެސް އެ ކުދިން އެދިދާނެ އެވެ. ނުގަނެދީފިނަމަ އެ ނިމުނީ އެވެ. އެކަމަށް ވެސް އެ ދެމަފިރިންގެ އަތުން ބޮޑު ހޭދައެއްދެ އެވެ. މި އާއިލާ ދިރިއުޅެމުންދާ ކުޑަކުޑަ ގޭގެ ކުލި ވެސް ގިނަ ފަހަރަށް އޮންނަނީ ނުދެއްކި އެވެ. ފެން ބިލާއި ކަރަންޓު ބިލު ވެސް ނުދެއްކޭ ފަހަރު އާދެ އެވެ. ގޭގެ ކުލި ނުދެއްކި ލަސްވި ނަމަވެސް މާބޮޑު ތަކުލީފެއް އެ އާއިލާއަށް ނެތެވެ. އެ ގޭގެ ވެރިމީހާ ތައުފީގާއި އޭނާގެ އަންހެނުންގެ ހެޔޮކަމުގެ ވާހަކަ ދައްކާ ދައްކާ އައިމިނަތުގެ އަނގަ ވާޅެއް ނުވެ އެވެ.

ކަރަންޓާއި ފެން ބިލް ނުދެއްކިގެން އެގެއިން ކަރަންޓާއި ފެން ވެސް ކަނޑާލަން ޖެހޭ ހާލަތަށް ދިޔަ އެވެ. ކަރަންޓާއި ފެން ކަނޑާލި ދުވަހު އައިމިނަތު އުޅުނު ހާލު އޭނާއަށް ވެސް ބުނެދޭން ނޭނގެ އެވެ. އެފަހަރު އެ ގޭގެ ކަރަންޓާއި ފެން ބިލް ދައްކައިދިނީ ޑިސްއޭބިލިޓީ އެންބެސެޑާ އަހުމަދު ހިޝާން އެވެ. އެއީ މަގުމަތީ ސަލާން ޖަހައިގެން އޭނާ ހޯދި ރުފިޔާއިންނެވެ. އެކަމާ އައިމިނަތު ހިޝާންއަށް ޝުކުރުވެފައިވަނީ ހިތުގެ އެންމެ ފުންމިނުންނެވެ. އެ ހާލުގައި ވެސް މާލޭގައި އުޅެން އައިމިނަތަށް މަޖުބޫރެވެ. ދަރިންނަށް އެއްވެސް ފަރުވާއެއް ރަށުން ދެވޭކަށް ނެތެވެ. އެއްވެސް ފުރުސަތެއް ހޯދައިދެވެންނެތެވެ.

ކެއުމާއި ނިދުމަށް ވެސް ގިނަ ފަހަރަށް އައިމިނަތަށް ވަގުތު ނުވެ އެވެ. އައިމިނަތަށް އެކަންޏެއް ވެސް ނޫނެވެ. މި ބުރައިގައި ގާދިރު ވެސް ފުރިހަމައަށް ހިއްސާވެ އެވެ. އެއީ ވެސް ނަމޫނާ ބައްޕައެކެވެ. ދަރިން ހިތްފުރައިދިނުމުގައި އެއީ ލާމަސީލު މިސާލެކެވެ. އޭނާގެ ތިން ދަރިންނަކީ ވެސް ދުއްވާލަން ދިޔުމާއި ޕާކްތައް ގޮސް ހަދަން ވަރަށް ބޭނުންވާ ކުދިންތަކެކެވެ. އެހެންކަމުން ގާދިރު އަބަދުވެސް އުޅެންޖެހެނީ ކޮންމެ ވެސް އެއް ދަރިއެއް ގޮވައިގެން ގެއިން ބޭރުގަ އެވެ. ޕާކްތަކުގައި އެތައް ވަގުތެއް ހޭދަކޮށްލަ އެވެ. "ބައްޕާ ހިނގާ ދާން،" މިހެން ބުނަން ދެން ކިތަންމެ އިރެއްވި ނަމަވެސް އެ ބައްޕަ ގުޑާވެސް ނުލާނެ އެވެ. އެ ދަރިފުޅަކު ބޭނުންވާ ތަނެއްގައި އެ ބައްޕަ އިނދެ އެވެ. ކޮންމެ ހުކުރަކުން ފައިބައިގެން ވެސް އެއްޗެއް ބަނޑަށް ލެވެނީ ފަހަރަކު ދަރިއެއް ގޮވައިގެން ދުއްވާލަން ދިޔުމަށްފަހު އެވެ.

ކިތަންމެ ހާލުގައި އުޅެން ޖެހުނު ނަމަވެސް ގާދިރުގެ ނަޒަރުގައި އެ ކުދިންނަކީ ބަލިކުދިންނެއް ނޫނެވެ. އޭނާ މޭގައި އަތްޖަހާފައި ފަހުރުވެރިކަމާއެކު ބުނަނީ މިހެނެވެ. "މިފަދަ އެހެން ހުރިހާ ކުދިންނަށްވުރެ މި ކުދިން ރަނގަޅުވާނެ ތަރުބިއްޔަތުވާނެ،"

އައިމިނަތަށް 39 އަހަރުވީ ނަމަވެސް ގާދިރަކީ މިހާރު 65 އަހަރުވެފައިވާ މީހެކެވެ. ބައިޕާސް ސާޖަރީ ހެދިތާ އަދިވީ ހަތަރު މަހެވެ. ކޮންމެ ދުވަހަކު އެތައް ފަހަރަކު ސިޑިން ހަތަރުވަނަ ބުރީގައި ހުންނަ އޭނާގެ ގެއަށް އަރަންޖެހެ އެވެ. ގެއަށް އެރޭއިރު އޭނާ ހުންނަނީ ނޭވާކުރުވެ ދާހިތްލާ ފޯވެފަ އެވެ. ނަމަވެސް އުޅެން ޖެހޭ ހާލަތެވެ. އެގޮތުގައި ވެސް ދަރިންނަށް ފުއްދައިދޭން ޖެހޭ ހަމަ އެއްވެސް ކަމެއް އެ ބައްޕަ ފުއްދައިނުދީ ދޫނުކޮށްލަ އެވެ.

ދަރިންނަށް ބޭނުންވާ ހުރިހާ ކަމެއް މި ދެމަފިރިން ފުއްދައިދީ އެ ދަރިން ބެލެހެއްޓުމަށް އެތައް ބުރަ މަސައްކަތްތަކެއް ކުރަމުންދާއިރު މުޖުތަމައުން މިފަދަ ކުދިންނާމެދު އަދިވެސް ދެކޭ ގޮތާމެދު އެ ދެ މަފިރިން ވަަރަށް ކަންބޮޑުވެ އެވެ. ބައެއް ފަހަރަށް މީހުންގެ މަލާމާތް ވެސް ރައްދުވެ އެވެ. އެއްޗެހި ވެސް ކިޔަ އެވެ. މުޖުތަމައުގެ އިތުރުން މިފަދަ ކުދިންގެ ކަންކަން ބެލުމަށް ހަވާލުވެ ހުރި ފަރާތްތަކުން ވެސް ގިނަ ފަހަރަށް އަމިއްލަ އެދުމަށް އެ ކުދިންގެ ބޭނުން ހިފާތީ އެކަމާ އެ ދެމަފިރިން އިންތިހާއަށް ކަންބޮޑުވެ އެވެ.

އައިމިނަތު ވަނީ މިފަދަ ކުދިން ގެންގުޅޭ އެހެން މައިބައިފައިންނަށް ވެސް ނަސޭހަތެއް ދީފަ އެވެ. އޭނާ ބުނީ، ދަރިން އޯޓިޒަމްއޭ ކިޔާފައި ގޭގައި ބައިތިއްބައިގެން ނުވާނެ ކަމަށެވެ. އެ ކުދިންނަށް ވެސް ފުރުސަތުތައް ހޯދައިދޭން ޖެހޭނެ ކަމަށެވެ. އަމިއްލަ ދިފާއުގައި އެއްޗެއް ބުނަން ނޭނގޭ މި ކުދިންގެ ދިފާއުގައި ވެސް ނިކުންނަން ޖެހޭނީ މަންމަ އާއި ބައްޕަ ކަމަށާއި ބަސް ބުނަން ވެސް އަމަލު ވެސް ކުރަން ޖެހޭނީ މަންމަ އާއި ބައްޕަ ކަމަށެވެ. ދަރިން މުޖުތަމައުއަށް ނެރެ ގޮންޖެހުންތަކާއި ކުރިމަތިލުމަށް އެފަދަ މައިންނަށާއި ބަފައިންނަށް އޭނާ ގޮވާލި އެވެ. އެ ކުއްޖެއްގެ ހުނަރު ދެނެގަނެ އެ ހުނަރަކުން އެ ކުއްޖަކު ކުރިއަށް ގެންދިޔުމަށް އެދުނެވެ. މި ހިތްވަރުގަދަ މަންމަ އެދުނީ ހިތްވަރު ދެރަނުކޮށް ކުރިއަށް ދިޔުމަށެވެ.

އައިމިނަތު ވަނީ އޭނާގެ މި ހަނގުރާމާ ގައި އެހީތެރިވާ އެންމެންނަށް ޝުކުރުއަދާކޮށްފަ އެވެ. އެ އާއިލާއަށް އެކި ގޮތްގޮތުން އެހީތެރިވި އަދި އެހީތެރިވަމުންދާ ހުރިހާ ފަރާތްތަކަށް ހިތުގެ އެންމެ ފުންމިނުން އައިމިނަތު ވަނީ ޝުކުރުއަދާކޮށްފަ އެވެ. އަދި ނަބީހަށް އެކި ގޮތްގޮތުން އެހީތެރިވެ އެހީތެރިވަމުންދާ ފަރާތްތަކަށް ވެސް ވަނީ ޝުކުރުއަދާކޮށްފަ އެވެ. ނަބީހު މި ހިސާބަށް ގެނެވިފައިވަނީ އެތައް ބައެއްގެ މިންނެތް އެހީތެރިކަމާއެކު އެވެ.

ވާހަކަ ދައްކަން ނޭނގުނަސް ނަބީހުގެ ހިތުގައި އޭނާގެ މަންމައާއި ބައްޕައާ މެދު އޮތް ލޯބި ކިތަންމެ ރަނގަޅަކަށް ވެސް އޭނާގެ އަމަލުތަކުން ފެނިގެންދެ އެވެ. ނަބީހު ލަވަ މުބާރާތެއްގައި ކިޔައިދިން އަސަރުގަދަ ލަވައެއްގައިވެސް މަންމަގެ ހިދުމަތްތަކަށް ހިތުގެ އަޑިން ވަނީ ޝުކުރުއަދާކޮށްފަ އެވެ. މި ލަވަ ބަލާލުމުން ހިތަށް އެތައް އަސަރެއް ކުރެ އެވެ. އެ މަންމަގެ ހިދުމަތްތައް ފެނި ލޮލުން ކަރުނަ ހިލެ އެވެ.

"މަންމަ ތިޔައީ ދިރިމަކީ، މަންމަ އޭ ތިއޭ ހިތު ވިންދަކީ
މަންމަ ތިޔައީ އުފަލަކީ، ހިނިތުންވެ އުޅެވޭ ސިއްރަކީ،"