ރާއްޖެ ކުޅިވަރު

ކުޅުދުއްފުށީ ސަޕޯޓަރުންގެ އަޑު ގަލޮޅު ދަނޑަށް!

ކުޅުދުއްފުށީ ފުޓްބޯޅަ ޓީމަށް މިދިޔަ މިނިވަން ޗެމްޕިއަންޝިޕްގައި އެ ރަށު ސަޕޯޓަރުން ދިން ސަޕޯޓު ކަމުގޮސް، އެ ސަޕޯޓަރުންނަށް ހާއްސަ ދައުވަތެއް އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިގް (ޓޮމް) ދެއްވައިފި އެވެ. ޓޮމް ވަނީ މި މަހުގެ 29 ވަނަ ދުވަހު ގައުމީ ޓީމު ކުޅޭ ހާއްސަ މެޗަށް ކުޅުދުއްފުށީ ސަޕޯޓަރުންނަށް ދައުވަތުދީފަ އެވެ.

މި މަހުގެ 29 ވަނަ ދުވަހު ކުޅެން ހަމަޖެހިފައިވާ މެޗަކީ މިހާރުގެ ގައުމީ ޓީމާއި ރާއްޖެއަށް ސާފު ޗެމްޕިއަންޝިޕްގެ ތަށި ހޯދައިދިން ޓީމާއެކު ކުޅެން ހަމަޖެހިފައިވާ އެކުވެރިކަމުގެ މެޗެކެވެ.

އެ މެޗުގައި ސަޕޯޓު ދިނުމަށް ކުޅުދުއްފުށީގެ ސަޕޯޓަރުން ގަލޮޅު ދަނޑަށް އައުމަށް ޓޮމް ދައުވަތު ދެއްވާފައިވާއިރު، އެ މެޗަށް ކުޅުދުއްފުށީގެ ސަޕޯޓަރުން ގެނައުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އެކަމުގައި އިސްކޮށް އުޅޭ ފަރާތަކުން މައުލޫމާތު ދިން ގޮތުގައި މިހާރު ހަމަޖެހިފައިވާ ގޮތުން ނަމަވެސް ކުޅުދުއްފުށީގެ 250 އެއްހާ މީހުން އެ ދުވަހު ގަލޮޅު ދަނޑުގައި ސަޕޯޓު ދިނުމަށް ކުޅުދުއްފުށިން އަންނާނެ އެވެ. އަދިވެސް އެ އަދަދު އިތުރުވެދާނެ ކަމާއި އަމާޒަކީ 500 އެއްހާ ސަޕޯޓަރުން ގެނައުން ކަމަށް އޭނާ ބުންޏެވެ.

މިނިވަން ޗެމްޕިއަންޝިޕްގައި ކުޅުދުއްފުށި ޓީމް ފައިނަލްގައި ކުޅެ ބޮޑު ތަފާތަކުން ދަށްވި ނަމަވެސް އެ ރަށުގެ ސަޕޯޓަރުންގެ އަދާޔާ ހިލާފު ސަޕޯޓަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފަ އެވެ.

ކުޅުދުއްފުށީ ސަޕޯޓަރުންގެ އެންމެ ފާހަގަކޮށްލެވޭ އަދި އެންމެ ފޯރިނަގާ ކަމަށްވެފައި އޮތީ ޔޫރޯގައި އައިސްލޭންޑުގެ ސަޕޯޓަރުން ގެންގުޅުނު ވައިކިން ކްލެޕް އެވެ. ޓީމް ކުޅުދުއްފުށީގެ ސަޕޯޓަރުންގެ ސަޕޯޓް ގުގުމާލާފައިވަނީ މި އަތްތިލަ ބަޑިއާއެކު އެވެ.