ޒްލަޓާން އިބްރަހިމޮވިޗްގެ ކުޅުމާމެދު ވަރަށް ހިތްހަމަޖެހޭ ކަމަށާއި ނަމަވެސް ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާ ޕައުލް ޕޮގްބާ ދަނީ ކުޅެން ދަސްކުރަމުން ކަމަށް މެންޗެސްޓާ ޔުނައިޓެޑުން ބުނެފި އެވެ.
ކޯޗު ހޯސޭ މޮރީނިއޯ މިހެން ބުނީ އުމުރުން 34 އަހަރުގެ އިބްރަހިމޮވިޗްގެ ދެ ލަނޑުން ސައުތެމްޓަން އަތުން ރޭ 2-0އިން މޮޅުވި މެޗަށްފަހު އެވެ.
"އިބްރަހިމޮވިޗަކީ މަތިން އަންނަ ބޯޅަތަކަށް ވަރަށް މޮޅު ކުޅުންތެރިއެއް. ހަމައެހާމެ މޮޅުވާނެ ފައިން ކުޅެން ވެސް. އަހަރެން ހިތްހަމަޖެހޭ އޭނާގެ ކުޅުމާއި މަސައްކަތާމެދު،" މޮރީނިއޯ ބުންޏެވެ.
މި މެޗުގައި އިބްރަހިމޮވިޗް ފުރަތަމަ ގޯލު ޖެހީ ކެޕްޓަން ވޭން ރޫނީ ނެގި ހުރަހަކުން ބޮލުންނެވެ. ފަހު ލަނޑު ޖެހީ ލިބުނު ޕެނަލްޓީ އަކުންނެވެ.
އިންޓަމިލާނާއި އޭސީ މިލާން އަދި ޔުވެންޓަސް އާއި ބާސެލޯނާގެ އިތުރުން ޕީއެސްޖީގެ ކުރީގެ ފޯވަޑް އިބްރަހިމޮވިޗް މެޗަށް ފަހު ބުނީ އެންމެ މުހިންމު ކަމަކީ ޓީމު މޮޅުވުން ކަމަށާއި އޭނާ ހުރީ ހިތްހަމަޖެހިފައި ކަމަށެވެ.
މި މެޗަކީ 100 މިލިއަން ޕައުންޑް ހަރަދުކޮށްގެން ގެނައި ޕޮގްބާ މެންޗެސްޓާ އަށް ކުޅެދިން ފުރަތަމަ މެޗެވެ. ހަފުތާއަކު މުސާރައަށް 290000 ޕައުންޑް ލިބޭ ކުޅުންތެރިޔާ އަށް ލިބުނު ފުރަތަމަ ބޯޅަ ރަނގަޅަށް ބޭނުން ނުކުރެވުނެވެ.
"ޕޮގްބާ ދަނީ ދަސްކުރަމުން އަހަރުމެންނާއެކު ކުޅެންވީ ގޮތް. އޭނާ އަށް ދަނޑުމަތީގައި ޕްރީރޯލެއް އޮންނާނެ. މިހާރަށްވުރެ ބޮޑަށް ކުރިއަށް ހުރި މެޗުތަކުގައި އޭނާ ފްރީކޮށް ވެސް ފެނިދާނެ. އަހަރެން އަދި މުޅިން ހިތްހަމަނުޖެހޭ އޭނާގެ ކުޅުމާމެދު. އޭނާ އަދި ރަނގަޅު ކުރާނެ ބައެއް ކަންތައްތައް،" މޮރީނިއޯ ބުންޏެވެ.
ޕޮގްބާ މެޗަށް ފަހު ބުނީ އޭނާ ހުރީ ހިތްހަމަޖެހިފައި ކަމަށެވެ. އަދި އެންމެ އަގުބޮޑު ކުޅުންތެރިޔާ އަށްވުމަކުން އޭނާ އަށް އެއްވެސް ޕްރެޝަނެއް ނެތް ކަމަށެވެ.
"ވަރަށް ހިތްހަމަޖެހިފައި މިހުރީ. އަހަރެން އެއްވެސް ވަރަކަށް ކަންބޮޑެއްނުވޭ. މިއަދަކީ އަހަރެންގެ ބޭބެގެ އުފަންދުވަސް. އަހަރެން ވަރަށް އުފާވެފައި މިހުރީ. އަހަރެން މި މެޗުގައި ކުޅެފިން. އަހަރެން މިކުލަބަށް އައީ މޮޅުވާނެ. އެއީ އަހަރެން އަބަދުވެސް ބޭނުންވާ ކަންތައް. މިއީ ބޮޑު ކުލަބެއް. އަހަރުމެން މި ގޮތުގައި ކުރިއަށްދާން ޖެހޭ. އަހަރެންގެ ފުރަތަމަ ބޯޅަ އަހަންނަށް ގެއްލުނު. އެކަމަކު އެބޯޅަ ހޯދައި ބޭނުންކުރެވުނު. އޭގެ ފަހުން އަހަރެން ހިތްހަމަޖެހިގެންދިޔަ. ޔުނައިޓެޑަކީ ބޮޑޫ ކުލަބެއް. އަހަރުމެން ކުރަންޖެހެ ކަންތައް އެނގޭ،" ޕޮގްބާ މެޗަށް ފަހު ބުންޏެވެ.
ކުޅުނު ދެ މެޗުން ވެސް މޮޅުވެ ޔުނައިޓެޑް މިވަގުތު އޮތީ ތާވަލުގެ އެއްވަނާގަ އެވެ.