ހަބަރު

ޓެރަރިޒަމްގެ ދައުވާކޮށް، ނަޝީދު ހައްޔަރުކޮށްފި

Feb 22, 2015
1

ކުރީގެ ރައީސް މުހައްމަދު ނަޝީދު، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ރައީސް ނަޝީދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ، އެމަނިކުފާނުގެ އަނބިކަނބަލުން ލައިލާ އަލީގެ ގޭގައި ހުންނަވަނިކޮށް ފުލުހުންގެ ޓީމެއް ގޮހެވެ.

ނަޝީދު ހައްޔަރުކޮށްފައި ވަނީ އޭނާގެ މައްޗަށް ދައުލަތުން ކުރާ ޓެރަރިޒަމްގެ ދައުވާ އަށް ކޯޓަށް ހާޒިރު ނުވެދާނެ ކަމަށް ބަލާފައި ކަމަށް، ނަޝީދު ހައްޔަރު ކުރަން ނެރުނު ކޯޓު އަމުރުގައިވެ އެވެ. މިގޮތަށް އަމުރު ނެރެފައި ވާއިރު ކްރިމިނަލް ކޯޓުގެ އިސް ގާޒީ ހައްޔަރުކުރި މައްސަލާގައި ކުރާ ދައުވާ އަނބުރާ ގެންދިއުމަށް ފަހު އެވެ. ކޯޓު އަމުރުގައި ބުނެފައިވާ ގޮތުން ނަޝީދުގެ މައްޗަށް އަލުން ވަނީ މި މައްސަލާގައި ޓެރަރިޒަމްގެ ދައުވާ ނަޝީދުުގެ މައްޗަށް ކޮށްފަ އެވެ.

އެމްޑީޕީގެ ބައެއް ބޭފުޅުން ޓްވީޓްކޮށްފައިވާ ކޯޓު އަމުރުގައިވާ ގޮތުން ނަޝީދު ހައްޔަރު ކުރަނީ ހުޅުމާލޭ ކޯޓުގައި ނަޝީދުގެ މައްޗަށް ކުރާ ދައުވާއާ ގުޅިގެން މީގެ ކުރިން ނަޝީދު ކަންތައް ކުރައްވާފައިވާ ގޮތަށް ބަލާއިރު ކޯޓަށް ހާޒިރު ނުވެދާނެ ކަމަށް ބަލައިފަ އެވެ. ހުޅުމާލޭ ކޯޓުގައި ޝަރީއަތް ހިންގި އިރު ނަޝީދު ވަނީ ކޯޓަށް ހާޒިރު ނުވެ އިންޑިއާ ހައި ކޮމިޝަނަށް ވަދެ ވަޑައިގެންފަ އެވެ.