ރިޕޯޓް

މަންމަ ރޮއްވި ޒުވާނާ ވާނީން އައިސް މަންމަ ހެއްވާލައިފި!

Aug 21, 2016
22

އޭރު އުމުރުން އެންމެ 14 އަހަރެވެ؛ އަހުމަދު ހައިޝަމް (އަސްލު ނަމެއް ނޫން) އޭނާގެ މަންމަ ގާތުގައި ދިރިއުޅެމުން އައީ އުފަލުން ހެމުންނެވެ. ތުއްތު އިރު މަންމަގެ ފައިމަތިން ކުރިޔަށް ފިޔަވަޅު އެޅި ގޮތަށް ހުރިހާ ފިޔަވަޅެއް ކުރިޔަށް އެޅީ އޭނާއަށްޓަކައި މަންމަ ދެކެމުން އައި ހުވަންފެންތަކުގައި ކުލަ ޖައްސައިދޭށެވެ. ގްރޭޑް ނުވައަކަށް ދިޔައީވެސް ރަނގަޅު ނަތީޖާތަކާއެކު މަންމަގެ އެ ހުވަފެންތައް ސީދާކޮށްދިނުމުގެ ގަދަ އަޒުމުގަ އެވެ. ނަމަވެސް އެ ހިސާބުން ހައިޝަމް ބަދަލުވެ، މުޅި ހަޔާތް ފުށުން ޖެހުނީ އެވެ. ދެންވާނީ ކިހިނެއް ހެއްޔެވެ؟

ދެން ވީގޮތް މިއަންނަނީ އެވެ. އައްޑު އަތޮޅަށް އުފަން ހައިޝަމް އާއި އޭނާގެ މަންމަގެ ދުލުންނެވެ.

"ގްރޭޑް ނުވައަކަށް ދިޔަފަހުން ކުއްލިއަކަށް ހައިޝްމްއަށް ބޮޑެތި ބަދަލުތަކެއް އަންނަން ފެށީ! މާލޭގެ ގޭންގުތަކާ ގުޅި ނުރައްކާތެރި ކުށްވެރިއެއްގެ ގޮތުގައި ބޮޑެތި ކުށްތަކަށް އަރައިގަނެ ހަޔާތް ބަރުބާދުވާ ހިސާބަށް ދިޔައީ،" ސީދަލަށް ހުރި ހައިޝަމް ކުއްލިއަކަށް ލެނބިގެން ދިޔަ ގޮތް އޭނާގެ މަންމަ އަވަސް އަށް ކިޔައިދިނެވެ.

އޭނާ ބުނި ގޮތުގައި ހައިޝަމް ގޯޅި އެޅި ދުވަސްކޮޅުވައި އެފަދަ ބަދަލެއް އަންނާން އުޅޭކަން ފާހަގައެއް ނުކުރެވެ އެވެ. ފުރަތަމަ އަލާމާތަކަށް ފެނުނީ ސްކޫލަށާއި ކިޔެވުމަށް ފަރުވާ ކުޑަކޮށް އެހެން ދިމަ ދިމާއަށް ދާން ފެށުމާއި ކަންކަން ފޮރުވައިގެން އުޅެންފެށުމެވެ. އެ ބަދަލުގެ ތެރެއިން އެންމެ ފަހުން އެއްކޮށް ހައިޝަމް ކިޔެވުމާ ދުރަށްދިޔަ އެވެ. އަދި އޭނާގެ އަމަލުތައް ކޮޅުންލައި ދިއުމުން ސްކޫލުން ކަނޑައިލި އެވެ. އެހިސާބުން ހައިޝަމް ވެސް ކަނޑައިލީ މަގުމައްޗަށެވެ. އޭނާ ގޭގައި މަޑުކޮށްލައިފި ނަމަ ގްރޫޕްތައް އޭނާ ހޯދަން ގޭދޮށަށް ޖަމާވާން ފެށީ އެވެ. ދެން ކަނޑައިލަނީ އެމީހުނާ އެކު އެވެ.

"ހައިޝަމް ބަލާ ގޭދޮށަށް އަންނަ ކުދިންގެ ސިފައަށް ބަލައިލުމުން އެނގޭ އެއީ ރަނގަޅު ކުދިން ނޫން ކަން. އެ ކުދިން ތިބެނީ ކަންފަތް ތޮރުފައި އަތްފައިގައި ފާޑުފާޑުގެ އެއްޗެހި އަޅާފައި. އެކުދިންނާއި އެ ގޮތް އަޅުގަނޑަށް ކަމު ނުދާތީ ހައިޝަމް ގާތުގައި ބުނުމުން ދިނީ ވަރަށް އާދަޔާހިލާފު ޖަވާބެ،" މަންމަ ބުންޏެވެ.

ހައިޝަމްގެ ޖަވާބަކީ މިއެވެ: "މަންމާއެވެ. މަންމަ ތިޔަ އެދޭ ފަދަ ރަނގަޅު ރައްޓެހިންނާއެކު އުޅެގެން މި މާލެއަކު ނޫޅެވޭނެ އެވެ! މި މާލޭގައި އެއްވެސް ބިރަކާ ނުލައި އުޅެން ބޭނުން ނަމަ އަޅުގަނޑު ބަލައި ގޭދޮށަށް އެ އަންނަ ކުދިންނާ ރައްޓެހިވާން ޖެހެ އެވެ!"

ދަރިފުޅަށް މިއީ ކޮންކަހަލަ ބަދަލެއް ހެއްޔެވެ؟ އެކަމާ ހައިޝަމްގެ މަންމަ ވިސްނަން ފެށި އެވެ. ހިތާމަ ކޮށް ރޯން ފެށި އެވެ. މެންދަމުން އަލިވާފަހުން ދަރިފުޅު ގެއަށް އަންނަ ވަގުތަށް އިންތިޒާރު ކުރެވެން ފެށި އެވެ. އެފަދަ އެއް ރެއެވެ. ހައިޝަމް ގެއަށް ވަނުމާއެކު ގާތުގައި ބައިންދައިގެން މަންމަގެ ރުއިމާއި އާދޭސްތައް ބަންޑުން ކޮށްލި އެވެ. ހައިޝަމްއާ އައި ބޮޑެތި ބަދަލުތަކުގެ ވާހަކަށް އޭނާ އަށް ކިޔައިދިނެވެ. މަންމަ ކުރަމުން އައި އުންމީދުތައް ވަޔަށް ބުރައިގެން ހިންގައްޖެ ކަމަށް ބުނެދިނެވެ.

އެރޭ ހައިޝަމް ވެސް އޭނާގެ ވާހަކަ މަންމައާ ހިއްސާ ކުރި އެވެ. އޭނާ ބުނި ގޮތުގައި ނުބައި ހިސާބަކަށް އޭނަ ގެންދިޔައީ ސްކޫލްތެރެއިން އޭނާއާ ދިމާއަށް އައި ބުލީ ކުރުމެވެ. އަދި އޭގެފަހުން ބުލީއާ ކުރިމަތިލައި ގަޓް މީހަކަށް ވާން ބޭނުންވީ އެވެ.

ބުލީއާ ހަނގުރާމަ ކުރުމަށް ހައިޝަމް ފުރަތަމަ ގެނައި ބަދަލަކީ ގެއިން ގެންދާ އިންޓަވަލް، އޭނާއަށް ބުލީކުރާ ކުދިންނަށް ދޭން ފެށީ އެވެ. އަދި އެކުދިންނަކީ ގާތް ރަހުމަތްތެރިންކަން ކަމަށް ބަލައި އެމީހުންގެ މަގަށް ނުކުތީ އެވެ. އެ ހަނގުރާމައަށް އޭނާ ނުކުތީ އޭނާއަށް ކުރަމުން އައި ބުލީ ހުއްޓުވުމަށް ޓީޗަރުންނާއި ސްކޫލް ނުކުޅެދި އޭގައި އޭނާ ފިތެން ފެށުމުންނެވެ.

"މިއީ ވީގޮތް، އެގޮތަށް ބަދަލުވުމަށްފަހު ހައިޝަމް ބޮލެއް ނުކޮށާ، ނަމާދެއް ނުކުރޭ! ގޮވައި ހަޅޭއްލަވާ އާދޭސްކޮށްފިއްޔާ ގޭގައި ނަމާދެއް ކޮށްލައިފާނެ، އެއާއެކު އާދަޔާ ހިލާފަށް ރުޅިގަދަ ވާން ފެށީ. އެއްޗެކޭ ބުނާ އިރަށް ޒުވާބުކޮށް ހުތުރު ބަސްތައް ބޭނުން ކުރަން ފަށަނީ،" މަންމަ ކިޔައި ދިނެވެ. "... ހައިޝަމް ކޮންޓްރޯލް ނުވާތީ އެންމެ ފަހުން ނިންމީ ރަށަށް ފޮނުވާލަން އެއީ ވެސް ނުބައި ރައްޓެހިންނާ ދުރަށް ގެންދިއުމަށް. އެކަމަކު މާ ގޯސްވީ. އިތުރަށް ކަންކަން ގޯސްވެ ރަށުގައި ވެސް މައްސަލަތައް ޖެހި އާންމު އުނދަގުލަކަށް ވާން ފެށުމުން އަލުން ޖެހުނީ މާލެ ގެންނަން. ދެން އޭނާ ފޮނުވާނެ ތަނެއް އަޅުގަނޑަކަށް ނޭނގުނު! އެއްވެސް ދިމާއަކުން ސަލާމަތުން އޮތް ތަނެއް ނެތް، މާލެ ގެނައުމާއެކު މަޝްހޫރު އެއް ގޭންގްގެ ތެރެއަށް ހައިޝަމް ވަދެއްޖެ،"

އޭނާ ބުނި ގޮތުގައި ގޭންގް ސްޓާރަކަށް ދަރިފުޅު ބަދަލުވުމާއެކު ފުރަތަމަ ފަހަރަށް ފުލުހުން ހައިޝަމް ބިޑި އަޅުވައި ހައްޔަރު ކުރި އެވެ. އޭގެ ފަހުން މަސްތުވާތަކެތީގެ މައްސަލައެއްގައި ބަންދުކުރި އެވެ. ހައްޔަރު ކުރި އިރު ވެސް ހުރީ މަސްތުޗާ އެއްޗެއްސަށް ޕޮޒިޓްވެފަ އެވެ.
ދެން އައީ އެންމެ ނުރައްކާތެރި ހަބަރެވެ. މަންމަގެ ހިތް ކަތިވި ހަބަރެވެ. ދަރިފުޅު ވަޅިން މާރާމާރީ ހިންގައި އެހެން މީހުން ކަތިލާ ހަބަރެވެ.

"އެހާ ހިސާބުން އަޅުގަނޑުގެ އުންމީދު ގެއްލިއްޖެ! ހިޔެއް ނުކުރަން ދަރިފުޅު އަނބުރާ ލިބޭނެ ކަމަކަށް. އަޅުގަނޑު އަޑު އިވިފައިވާ ގޮތުން މަސްތުވާތަކެއްޗައް ދާ ކުއްޖަކު ރަނގަޅެއް ނުވޭ. އަނެއް ކޮޅުން މާރަމާރީ ހިންގާތީ ހައިޝަމް އެއީ ނެތް ކުއްޖެއް ގޮތުގައި ދެކެވެން ފެށީ. މުޖުތަމައަށް ދަރިފުޅު އަލުން ނެރެދެވޭނެ އެއްވެސް ގޮތެއް ނުވިސްނި ހިތް ފަޅައިގެން ދިޔައީ،" މައެއްގެ ހިތްދަތި އިހުސާސްތައް ބޭރުވެގެން އައެވެ.

ހައިޝަމް ގޯޅި އަޅައި ގޯހަށް ބަދަލުވުމުން ހުރިހާ ކަމެއް ހުއްޓާލާފައި މަންމައަށް ޖެހުނީ ކޯޓްތަކަށް ވަންނާށެވެ. ކޯޓަށް ހާޒިރު ކުރާ ވަގުތުތަކުގައި ކޯޓް ކުރިމަތީ ހުންނާށެވެ. ދަރިފުޅު ސަލާމަތްވޭތޯ ހިނގާށެވެ. ރޯށެވެ.

ޖަލު ތޭރިތަކުގެ ބިއްދޮށުން ހައިޝަމް ގޭ ބަންދަށް ގެނެވުނު އަހަރެއްހާ ދުވަސް ވަނީ ކަލަންޑަރުން ކެނޑިފަ އެވެ. ސުނާމީގައި ދޮވެލި ދ. ވަނީގައި ޖުވެނައިލް ޖަސްޓިސް އާއި ފުލުހުން ހިނގާ އިސްލާހީ ޕްރޮގްރާމް، "އުންމީދީ ފަހި މާދަމާއަކަށް" ވާނީއަށް ގެންދަން ނިންމުނީ އެހިސާބުންނެވެ. އެއީ ކަނިވެ ނިވޭންދިޔަ ހައިޝަމްގެ އެންމެ ފަހުގެ އުންމީދީ ހުޅުކޮޅަށް ވެދާނެ ކަމަށް އުންމީދުކޮށްގެނެވެ. އެ ނިންމުން ނިންމި އިރުވެސް ހައިޝަމް ބަދަލުވެދާނެ ކަމުގެ ޔަގީން ކަމެއް ނެތެވެ. އެކަމަކު އެނޫން ގޮތެއްވެސް ނެތެވެ. ދެން ވާނީ ކިހިނެއްތޯ ބަލައިލަން ވާނީއަށް ހައިޝަމް "އަރުވާލީ" އޭނާގެ ނުރުހުމުގަ އެވެ.

ވާނީގައި ހައިޝަމްއަށް ވީ ކިހިނެއް ހެއްޔެވެ؟

ހައިޝަމް އޭނާގެ މަންމަގެ ގާތުގައި އިނދެ، އަވަސް އާ ވާހަކަ ހިއްސާ ކުރަމުން ބުނި ގޮތުގައި ވާނީ އަށް ދިޔައީ ރުޅިއައިސްފައިހުރެގެނެވެ. އެ ރަށަށް ދެވުމާއެކު އިންސްޓްރަކްޓަރުންނާއި ޒުވާބު ފަށައިފީމެވެ. ނަމަވެސް ދުވަސް ފާއިތުވާ ވަރަކަށް އެގޮތް ކެނޑި ހަމަޖެހޭ ގޮތްވާން ފެށީ ފަތިހާ ކޮޅަށް ޖަހުވައި ހުރިހާ ނަމާދެއް ކުރުވައި އަވަހާ ނިންދަވައި ދިރިއުޅުމާއި ހަޔާތެއްގެ ބޭނުންތެރިކަން އެ މާހައުލުން ފެންނަން ފެށުމުންނެވެ.

"އަސްލު ކިހިނެތްވާ ކަމެއް ކަމާއި އެ ޕްރޮގްރާމަކީ ކޮބައިކަން އެނގި ބަދަލުތައް އަންނަން ފެށުމުން ވަރަށް ހިތް ހަމަ ޖެހެން ފެށި. އިންސްޓްރަކްޓަރުންނަކީ ދެވަނަ މައިންބަފައިން ގޮތުގައި ބަލައިގަނެވުނު. އެހެން ގޮސް ހައިޝަމް އަނެއްކާވެސް މަންމަގެ ހައިޝަމްއަކަށް ބަދަލުވީ، މިހާރު މިއީ މަންމަގެ އަސްލު ހައިޝަމް،" ހައިޝަމް ފެންކަޅިވި އެވެ.

"ކުރިން މީހުން ދެކެނީ އަޅުގަނޑަކީ ޕާޓޭއެއް ގޮތު! މިހާރު މީހުނަށް އަޅުގަނޑު ފެނުމުން އުފަލުން އައިސް އެބަ ސަލާން ކުރޭ. އަޅުގަނޑު ބޭނުމެއް ނުވޭ ކުރިން އުޅުން ގޮތަށް ދެން ދުވަހަކު ވެސް އުޅޭކަށް. މިހާރު މާ ހިތްހަމަ ޖެހޭ. ކުރިން މަންމަމެންނަށް ކަންތައް ކުރެވުނު ގޮތް ހަންދާންވެފައި އަޅުގަނޑު ވަރަށް ދެރަވޭ. ވަރަށް ރޮވޭ، އޭރު އުޅެވުނީ ރަނގަޅަކަށް ނޫން ކަން އަދިކިރިޔާ މި އިހުސާސް ކުރެވުނީ،"

ކުޑަކުޑަ ވާނީގައި ދުވަސް ހޭދަ ކުރުމަށްފަހު ހައިޝަމް އައިސް އާއިލާގެ އުނގަށް ވަނީ ބޮޑު ބަދަލަކާއެކެވެ. މުޅީން ބަދަލުވެގެނެވެ. ދަރިފުޅައްޓަކައި މަންމަގެ ލޮލުން ފޭބި ހިތާމައިގެ ކަރުނަ މިހާރު ވަނީ އުފަލުގެ ކަރުނައަށް ބަދަލުވެފައެވެ.

"ހައިޝަމް ވާނީއަށް ފޮނުވި އިރު އިސްތަށިގަނޑު ބުރަކަށްޓާ ހަމަޔަށްދޭ! ދަތެއް ނޫނގުޅާނެ. ބަހުރުވަ ހުންނަ ގޮތުންވެސް ބިރު ގަނޭ، އެކަމަކު މިހާރު ހައިޝަމް އަޅުގަނޑާ ވާހަކަ ދައްކަނީ އެންމެ ކުރިން ވެސް ހައިޝަމް ވާހަކަ ދައްކަމުން އައި ގޮތަށް ރީއްޗަށް، ދެ އަތް ފުޅާކޮށް ގުދަށް އޮވެގެން ހިނގި ކުއްޖާ މިހާރު ހުންނަނީ ތެދަށް... ވާނީއަށް ގެންދިޔަ އިރު އެއީ ކަށިގަނޑެއް މިހާރު ބަލައިބަލަ މަސް އަރާ ރީތިވެލާފަ. ވާނީ ގައި ހައިޝަމް ހާދަ ބަދަލު ވެއްޖެއޭ. އަހަރެންގެ ހައިޝަމް އަނބުރާ ލިބިއްޖެ، އެކަމާ ހާދަ އުފަލެކޭ އަޅުގަނޑު މިހާރު މިވަނީ." ހައިޝަމްގެ މަންމަ އުފަލުން ރޯން ފެށި އެވެ.

ވާނީގައި އިސްލާހުވި ޒުވާނާ މިރޭ އެއިނީ ކުޑަކުއްޖެއް ފަދައިންއޭނާގެ މަންމަގެ އުންގަށް ވަދެ އެވެ. އާއިލާގެ ހިމާޔަތުގެ ތެރޭގަ އެވެ. އެންމެންގެ މޫނުމަތިންވެސް ފެންނަނީ އުފާވެރިކަމެވެ. ލޮލުން އޮހޮރެނީ އުފަލުގެ ކަރުނައެވެ. އުންމީދީ މަންޒަރެކެވެ. އާއިލާ އާއި ހައިޝަމް އުންމީދު ކުރަނީ "އުންމީދީ ފަހި މާދަމާ" އަކަށެވެ. ދެން ވާނީ ކިހިނެއް ހެއްޔެވެ؟