ހަބަރު

ނަޝީދު ހައްޔަރުކުރީ އިންޑިއާ ހައި ކޮމިޝަނަށް ވަޑައިގަންނަވަން އުުޅެނިކޮށް

Feb 22, 2015
2

ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ހައްޔަރުކުރީ ޝަރީއަތަށް ހާޒިރުވެ ވަޑައިގަތުމަށް ޗިޓް ލިބިވަޑައިގަތުމާ އެކު އިންޑިއާ ހައި ކޮމިޝަނަށް ވަޑައިގަންނަވަން ނިންމަވާފައި ވަނިކޮށް ކަމަށް "އަވަސް" އަށް އެނގިއްޖެ އެވެ.

ނަޝީދު ހައްޔަރު ކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބުނެފައި ވަނީ ހައްޔަރުކުރަން ބޭނުންވަނީ ނަޝީދުގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާއާ ގުޅިގެން ކޯޓަށް ހާޒިރު ނުވެ "ފިލާފާނެ ކަމަށްޓަކައި" ކަމަށެވެ. އަދި މިކަމުގައި ލިބިފައިވާ ހެއްކާއި ގަރީނާ ކަމަށް ބުނެފައި ވަނީ ކުރިން ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓްގައި ޝަރީއަތް ހިންގި އިރު ކަން ހިނގާފައިވާ ގޮތާއި "ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓް" ކަމަށެވެ.

އަވަސް އަށް އެނގިފައިވާ ގޮތުގައި ނަޝީދު މަސައްކަތް ކުރެއްވީ ކޯޓުގައި މައްސަލަ ޝެޑިއުލް ކުރުމުން އިންޑިއާ ހައި ކޮމިޝަނަށް ވަޑައިގަންނަވާށެވެ. ނަމަވެސް އިންޓެލިޖެންސަށް އެކަން އެނގި، ނަޝީދު ހައްޔަރު ކުރުމުގެ އަމުރެއް ކުރިން ހޯދީ ޕްރޮސިކިއުޓާ ޖެނެރަލް އެކަމަށް އަންގަވައިގެންނެވެ.

މީގެ ކުރިން ނަޝީދުގެ ޝަރީއަތް ހިންގި އިރު އެ މަނިކުފާނު 2013 ވަނަ އަހަރުގެ ފެބްރުއަރީ މަހު ވަނީ ހައި ކޮމިޝަނަށް ވަދެ އެތަނުން 11 ދުވަސް ވަންދެން ހިމާޔަތް ހޯއްދަވައިފަ އެވެ. އެ މުއްދަތުގައި ނަޝީދު ކޯޓަށް ހާޒިރު ކުރުމަށް ފުުލުހުންނަށް ކޯޓުން އަމުރު ނެރުނު ނަމަވެސް ހައި ކޮމިޝަނަށް ވަނުމުގެ ބާރު ފުލުހުންނަށް ނެތުމުން އެ އަމުރު ވަނީ ތަންފީޒު ނުކުރެވިފަ އެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގައި ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގައި ނަޝީދުގެ އިތުރުން ދައުވާ އުފުލީ އޭރުގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނާއި މިހާރުގެ ޑިފެންސް މިނިސްޓަރު އަދި އޭރުގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް މޫސާ އަލީ ޖަލީލާއި ކުރީގެ ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް މުހައްމަދު ދީދީ އަދި ކާނަލް މުހައްމަދު ޒިޔާދަށެވެ. ނަމަވެސް އޭރު ކުރި، ގާނޫނާ ހިލާފަށް މީހަކު ހައްޔަރު ކުރުމުގެ ދައުވާ އަނބުރާ ގެނެސް ކްރިމިނަލް ކޯޓުގައި އަލުން ކޮށްފައި ވަނީ ޓެރަރިޒަމްގެ ދައުވާ އެވެ.