ވިޔަފާރި

ކޮސްކޮށްލާވަރުގެ ކައްކާއިންނާއެކު ކަލިނަރީ ޗެލެންޖް ފަށައިފި

  • ޗެލެންޖުގައި 400 އަށްވުރެ ގިނަ ކައްކާއިން
  • ރާއްޖޭގެ އެންމެ މަތީ ހުނަރު ފެނިގެންދާނެ
  • ފަނޑިޔާރުންނަކީ ދުނިޔޭގެ މަޝްހޫރު ފަރާތްތައް

ކައްކާފައި ހުރި އެއްޗިހި ފެނުމުން ކުޅު ދިޔާވެ، ހާދަ މީރުވާނެ އޭ ހިތަން އަރައެވެ. ބަލަންތިބި މީހުންގެ އިހުސާސްއަކީ މިއީ އެވެ. އެކަމަކު މި ތަކެތި އުފައްދާ ކައްކާއިންގެ އިސުސާސްތައް މުޅިން ތަފާތެވެ. އެންމެންގެ މޫނު މަތިން ފެންނަނީ ނުތަނަވަސް ކަމެވެ. ހާސްކަމެވެ. ބިރުވެރިކަމެވެ. ނަތީޖާ އަންނާނެ ގޮތުކާމެދު އެ މީހުން ގަންނަނީ އަމަށަކު ބިރެއް ނޫނެވެ. ކީއްވެގެން ހެއްޔެވެ؟

ކައްކާ އެއްޗިހީގެ ރަހަ ބަލައި ފަނޑިޔާރުން ވަގުތުން އެ ދަނީ ފާޑު ކިޔަަމުންނެވެ. އެންމެންގެ ކުރިމަތީގަ އެވެ. މިއީ ދަރުބާރުގޭގައި މިއަދު ފެށި "އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖެވެ"

"ދިވެހި އެކްސްޕޯ" އިން އިންތިޒާމު ކޮށްގެން ފުޑް އެންޑް ހޮސްޕިޓާލިޓީ އޭޝިޔާ މޯލްޑިވްސް (އެފްއެޗްއޭއެމް) ގެ ބައެއްގެ ގޮތުގައި ކުރިއަށްދާ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖަކީ ކައްކާއިންގެ މެދުގައި ރާއްޖޭގައި ބާއްވާ އެންމެ ޝަރަފުވެރި މުބާރާތެވެ. މި މުބާރާތުގައި ރާއްޖޭގެ އެކި ރިސޯޓުތަކުގައި މަސައްކަތްކުރާ 450 މީހުން ބައިވެރިވެ އެވެ.

މުބާރާތުގެ ފަނޑިޔާރުކަން ކުރާނީ ދުނިޔޭގެ އެންމެ ފެންވަރު މަތީ ކައްކާއިންނެވެ. މި އަހަރުގެ މުބާރާތުގައި އެންމެ އިސްކޮށް ހުންނެވި ފަނޑިޔާރަކީ ދުނިޔޭގެ ޝެފުންގެ ޖަމިއްޔާ "ވޯލްޑް ޝެފް" ގެ މެދުއިރުމައްޗާއި އެފްރިކާގެ ކޮންޓިނެޓްގެ ޑިރެކްޓަރު ތޯމަސް އޭގްލާ އެވެ.

އާދަޔާހިލާފު ހުނަރުވެރި މޮޅެތ ކައްކާއިންގެ ހުނަރުވެރިކަން ދައްކާލާ، މި ޝަރަފުވެރި މުބާރާތުގެ ޖަޖުކަން ކުރުމުގައި ތޯމަސްގެ އިތުރުން ސޮނޭވާގައި މަސައްކަތްކުރާ ދިވެހި ކައްކާއެއް ކަމަށްވާ ސޮބާހު ވެސް ބައިވެރިވެ އެވެ.

މި ފަނޑިޔާރުންގެ ޓީމުން ބައިވެރިން އުފައްދާފައި ހުންނަ ކާއެއްޗިއްސަށް ވަގުތުން އިންސާފުކުރެ އެވެ.

"ޖުމްލަ ގޮތެއްގައި ބަލާއިރު ރަނގަޅު. އެކަމަކު މައްސަލައަކީ މީގެ ބަޖިޔާ ތަންކޮޅެއް ބޮޑަށް އަނދާފައި ހުރީމަ،" ބެލުންތެރިންގެ ކުރިމަތީގައި ސްރީލަންކާގެ ކައްކާއެއް ތައްޔާރުކުރި ހެދިކާގެ ބާވަތްތަކަށް އިންސާފު ކުރަމުން އިސް ފަނޑިޔާރު، ތޯމަސް ބުންޏެވެ.

ކޮންމެއަކަސް މިހާރު ދަރުބާރުގޭގައި އެތިބީ ރާއްޖޭގެ އެންމެ މޮޅެތި ކައްކާއިންނެވެ. އެމީހުންގެ ހުނަރުވެރިކަން ބަލަން ތިބޭ މީހުން އަންތަރީސް ކޮށްލާނެ ކަމެކެވެ.