ރިޕޯޓް

ދީލަތި އެހީއަކާއެކު ފަސް ފަރާތެއްގެ ހަޔާތް ބަދަލުކޮށްލައިފި

އަތުން އަނބުރާ ފުރޮޅުލީ ގޮނޑިއެއްގައި މުޅި ހަޔާތް ހޭދަކޮށްލުމަކީ މާ ފަސޭހަ ކަމަށް ނުވާނެ އެވެ. ކިތަންމެ ކުޑަ ތަންކޮޅަކަށް ދިޔުމަށް ވެސް އެހެން މީހެއްގެ އެހީތެރިކަން ހޯދަން ޖެހުމަކީ އެތައް ހިތްދަތި އިހުސާސްތަކެއް ކުރުވާނެ ކަމެކެވެ. ތިމާއަކީ ފުރިހަމަ ނޫން މީހެއްގެ އިހުސާސް ވަރަށް ބޮޑަށް ކުރެވޭނެ ކަމެކެވެ.

އެންމެ 12 އަހަރުގެ އައިޝާ އާއި 30 އަހަރުގެ މިޒްނާ އާއި 28 އަހަރުގެ އަހުމަދާއި 25 އަހަރުގެ އިސްމާއިލް ނާޒިފާއި 22 އަހަރުގެ މިރުޒާން މުނީރު ދިރިއުޅެމުން ދިޔައީ މިފަދަ ހާލެއްގަ އެވެ. ނަމަވެސް އިއްޔެ ވަނީ އެމީހުންގެ މުޅި ހަޔާތް ބަދަލުކޮށްލާފަ އެވެ. އާ ދިރިއުޅުމެއް ލިބި، އެ ދިރިއުޅުމަށް ފުރަތަމަ ފިޔަވަޅު އަޅާފަ އެވެ.

ދީލަތި ފަރާތަކެއްގެ ދީލަތި އެހީތެރިކަމާއެކު މި ފަސް ފަރާތަށް އެންމެ ފަހުގެ ޓެކްނޮލޮޖީ ހިމެނޭ، އަތުން ފަސޭހަކަމާއެކު ދުއްވާލެވޭ ބެޓްރީ ގޮނޑިތަކެއް ލިބިފަ އެވެ. އުފަލުގެ ކޮޅެއް ނެތެވެ.

އައިޝާއަކީ ހިރިޔާ ސްކޫލްގެ ގުރޭޑް ހައެއްގައި ތައުލީމު ހާސިލުކުރަމުންދާ ކުއްޖެކެވެ. މީގެކުރިން އޭނާ އުޅެމުންދިޔައީ އެހެން މީހުންގެ އެހީތެރިކަމާއެކު އެވެ. މި ލޯބިލޯބި އައިޝާ ވަނީ ހިނގުމުގެ ނިއުމަތުން މައުރޫމްވެފަ އެވެ. އިއްޔެ ލިބުނު ގޮނޑިއާއެކު އައިޝާގެ އުފަލުގެ ކޮޅެއް ވެސް ނެތެވެ. އުފަލުން އިނދެ ބުނީ، ގޮނޑި ލިބުމުން ވަރަށް ވަރަށް އުފާވާ ކަމަށެވެ.

މިޒްނާއަކީ ކުރިން ހިނގާ އުޅުނު މީހެކެވެ. ޅަ އުމުރު ދުވެ، ހިނގާ ސަކަރާތް ޖެހުމުގެ ފުރުސަތު މިޒްނާއަށް ވެސް ލިބުނެވެ. ނަމަވެސް ތަގުދީރު ދިމާކުރި ގޮތުން މިޒްނާ އެ އަގުހުރި ނިއުމަތުން މަހުރޫމްވި އެވެ. ގުރޭޑް 10 ގައި ތައުލީމް ހާސިލުކުރަމުން ދަނިކޮށް މައިބަދައަށް ދިމާވި މައްސަލައެއްގައި ހިނގުމުގެ ކުޅަދާނަކަން އޭނާއަށް ގެއްލުނެވެ.

އަތުން ފުރޮޅެއް އަނބުރައިގެން އެހެން މީހުންގެ އެހީތެރިކަމާއެކު ތަންތަނަށް ގޮސް އުޅުނު މިޒްނާއަށް މިހާރު މިވަނީ ބޮޑު އުފަލެއް ލިބިފަ އެވެ.

"ވަރަށް އުފާވޭ، އިތުރު މީހެއްގެ އެހީއާ ނުލާ ތަންތަނަށް ދެވޭނެ ދެން،" މިޒްނާ ހިނިތުންވަމުން ބުންޏެވެ.

އަހުމަދު، ނާޒިފް އަދި މިރުޒާންގެ އުފަލުގެ ކޮޅެއް ވެސް ނެތެވެ. ގޮނޑި ހަވާލުކުރި ވަގުތު ނާޒިފާއި މިރުޒާންގެ ކަރުނަ ނުހިލެ އެވެ. އެ ދެ ޒުވާނުންނަށް ލިބުނު އުފާ ކަރުނައިގެ ޒަރީއްޔާއިން މޫނު މައްޗަށް އޮހެރިގެން ދިޔަ އެވެ. އަހުމަދަށް ލިބުނު އުފަލުގެ ބޮޑުކަމުން ބުނާނެ އެއްޗެއް ވެސް ނޭނގުނެވެ. ބުނެލީ ވަރަށް އުފާވާ ކަމަށެވެ. ނާޒިފް ބުނީ، މިއީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށާއި މި އުފާ ލިބުމާއެކު އެންމެ ފުރަތަމަ ވެސް ރޮވުނީ ކަމަށެވެ.

"އިހުސާސްކުރެވުނީ އަޅުގަނޑުގެ ދެ ފައި ލިބުނު ފަދަ، ވަރަށް އުފާވެސްވި ވަރަށް ދެރަވެސްވި، އުފަލުން ގޮސް ރޮވުނު،" އުފަލުން އިނދެ މިރުޒާން ބުނީ މިހެނެެވެ.

މި ފަސް ފަރާތުގެ ހަޔާތަށް މިހާ ބޮޑު ބަދަލެއް ގެނައުމުގައި ޑިސްއެބިލިޓީ އެންބެސެޑާ އަހުމަދު ހިޝާން ވަނީ ވަރަށް ބޮޑު ރޯލެއް އަދާކޮށްފަ އެވެ. އިއްޔެ ހަވީރު ސިޓްރޮންގައި އޮތް ކުޑަ ރަސްމިއްޔާތެއްގައި މި ފަސް ފަރާތާ ވެސް ގޮނޑި ހަވާލުކޮށްފައިވާއިރު އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ހިޝާން ވިދާޅުވީ، މިކަހަލަ ކަންތައްތައް ކުރުމުގައި ވަަރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާ ކަމަށާއި ނަމަވެސް އެ ގޮންޖެހުންތައް ގިރާކޮށް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ރަނގަޅު ގޮތަށް ހޯދައިދިނުމަށް މަސައްކަތްކުރަމުންދާނެ ކަމަށެވެ.

މި ގޮނޑިތައް ދިނުމަށް މި ފަސް ފަރާތް ހޮވާފައިވަނީ މިކަހަލަ ގޮނޑިތަކެއް އެންމެ ބޭނުންޖެހިފައިވާ މީހުން ބަލައި، މުޖުތަމައުގައި ހަރަކާތްތެރިވެ އުޅޭ މިންވަަރަށް ބަލާފައި ކަމަށް ހިޝާން ވިދާޅުވި އެވެ. އަދި، އިތުރަށް މުޖުތަމައުއަށް ނިކުމެ، މަސައްކަތްތަކެއްކޮށް އެކަމުގެ ޝައުގުހުރި ފަރާތްތަކަށް އިސްކަން ދިން ކަމަށް ވެސް ވިދާޅުވި އެވެ.

ހިޝާން ވިދާޅުވި ގޮތުގައި މިހާރު މިފަދަ ކަންކަމަށް ދިވެހިން ވަނީ ވަަރަށް ހޭލުންތެރިވެފަ އެވެ. އަދި މިފަދަ ކަންކަމުގައި އެހީތެރިވާ މީހުން އިތުރުވެފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. އެމީހަކަށް ވެވުނު ވަރަކުން އަދިވެސް އެހީތެރިކަން އިތުރުކުރުމަށް އޭނާ ހުރިހާ ދިވެހިންނަށް ގޮވާލެއްވި އެވެ.