ގައްދޫ

ގައްދޫ ސްކޫލުގެ އެންމެ މޮޅު ދަރިވަރަކަށް އެވޯޑާއެކު 10000 ރުފިޔާ

Aug 24, 2016
1

ގައްދޫ އަލީކަލޭފާނު ފައުންޑޭޝަނުގެ ފަރާތުން ގދ. އަތޮޅު މަދަރުސާގެ އެންމެ މޮޅު ދަރިވަރުންނަށް މި އަހަރުން ފެށިގެން އަލީކަލޭފާނު އެވޯޑް ނަމުގައި ހާއްސަ އެވޯޑެއްދޭން ނިންމައިފި އެވެ.

ގައްދޫގައި ހުންނަ އަތޮޅު މަދަރުސާއިން ހޮވާ އެންމެ މޮޅު ދަރިވަރަކަށް މި އަހަރުން ފެށިގެން މި އެވޯޑާއެކު އިނާމެއްގެ ގޮތުގައި 10000ރ. ފައިސާގެ އިނާމެއް ވެސް ދިނުމަށް ވަނީ ނިންމާފަ އެވެ.

މީގެ އިތުރުން މުޅި ސްކޫލުން ދެ ވަނަ ދަރިވަރަކަށް 5000ރ. އިނާމަކާއި ގްރޭޑް 9އިން އެންމެ މޮޅު ދަރިވަރަކަށް 2500ރ. ފައިސާގެ އިނާމެއް ވެސް ދިނުމަށްވަނީ ނިންމާފަ އެވެ.

މި އިނާމްތައް ދިނުމަށް ސްކޫލުގެ އިދާރާއާއެކު މިފައުންޑޭޝަނުން ވަނީ މިދިޔަ ހޯމަ ދުވަހުގެ ރޭ ވަނީ ސޮއިކޮށްފަ އެވެ. ދެ ފަރާތުގެ މެދުގައި ކުރެވުނު އެގްރީމަންޓްގައި ގދ. އަތޮޅު މަދަރުސާގެ ފަރާތުން ސޮއިކުރީ ޕްރިންސިޕަލް ފާތިމަތު ނާހިދާ އާއި ސްކޫލް އެޑްމިނިސްޓްރޭޓަރ އަހުމަދު ނަޖީބެވެ. ގައްދޫ އަލީކަލޭފާނު ފައުންޑޭޝަނުގެ ފަރާތުން ސޮއިކުރީ ފައުންޑާ މެމްބަރު އަބުދުﷲ މައުމޫން އާއި ނާއިބް ރައީސް އަބުދުﷲ އިމާދެވެ.

އަލީކަލޭފާނު ފައުންޑޭޝަނުގެ ރައީސް އަބުދުﷲ އަޒުމީން ވިދާޅުވީ މިއެވޯޑް ތައާރަފްކުރީ ދެ މަގްސަދެއްގައި ކަމަށެވެ. އެއީ ގައްދޫގެ ތައުލީމަށް ހިދުމަތްކުރުމަށާއި ސްކޫލުގެ ނަތީޖާ ރަނގަޅު ކުރުމަށް ބާރުއަޅައި ދަރިވަރުންނާއި ބެލެނެވެރިންގެ މެދުގައި ތައުލީމީ ވާދަވެރިކަން އުފެއްދުމަށެވެ. އަދި މިއީ ތަނަވަސްކަންހުރި ފަރާތްތަކުގެ އެހީތެރިން ގދ. އަތޮޅު މަދަރުސާ އަށް ހޯދައިދިނުމަށް ތައާރަފް ކުރެވުނު އެވޯޑެއް ކަމަށާއި ކުރިމަގުގައި މިއެވޯޑް އިތުރަށް ތަރައްގީ ކުރާނެ ކަމަށެެވެ.

ވަނަވަނަ އަށް ހޮވޭ ކުދިންނަށް އިނާމްދިނުމުގެ އިތުރުން ހަތަރު ދާއިރާއަކުން ސްކޫލަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް ދެފަރާތުން ވަނީ ސޮއިކޮށްފަ އެވެ.

އަލީކަލޭފާނު އެވޯޑް ނިސްބަތްވާ ގައްދޫ އަލީކަލޭފާނަކީ 20 ވަނަ ސައްތައިގެ ތެރޭގައި ދިވެހި ގައުމަށާއި ގައްދޫ އަށް އެކިރޮނގުރޮނގުން ވަރަށް އިޚްލާސްތެރި ގިނަގުނަ ހިދުމަތްތަކެއްކޮށްދީފައިވާ ބޭފުޅެކެވެ.