ހަބަރު

ކަންކަން ވަމުންދާ ގޮތުން މިސްރާބު މިހުރީ އެހެން ދިމާލަކަށް: މަހްލޫފް

Feb 22, 2015
1

މި ސަރުކާރުން ކަންކަން ކުރަމުންދާ ގޮތުން މިހާރު އެހެން ދިމާލަކަށް މިސްރާބު ޖަހާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް މިރޭ ވިދާޅުވެއްޖެ އެވެ.

މަހްލޫފް އެހެން ޕާޓީއަކާ ގުޅެން އުޅޭ ކަމަށް އަޑުފެތުރިފައި ވަނިކޮށް ރާއްޖެ ޓީވީގައި މިރޭ ވާހަކަ ދައްކަވަމުން މަހްލޫފް ވިދާޅުވީ އޭނާއަކީ މިހާރު ވެސް ޕީޕީއެމްގެ މެމްބަރެއް ކަމަށެވެ. ނަމަވެސް ބޮޑު އުއްމީދަކާ އެކު ގެނައި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކަންކަން ކުރަމުންދާ ގޮތުން އޭނާގެ "މިސްރާބު މިހިރީ އެހެން ދިމާލަށް" ކަމަށް މަހްލޫފް ވިދާޅުވި އެވެ. އަދި އޭނާ ޕާޓީ ބަދަލުކުރަން އުޅެނީ ފައިސާއަށް ކަމަށް ދެކެވޭ ވާހަކަތައް ވެސް އޭނާ ދޮގު ކުރެއްވި އެވެ.

"ގައިމު ވެރިކަން ކުރަން އޮންނަ ސަރުކާރުން ދެވޭ ވަރަކަށް ލާރިއެއް ވެސް ނުދެވޭނެ. ސަރުކާރު ހިންގާ ފަރާތުގެ އަތުގައި ރަށްތައް ވެސް އޮތީ. އެހެންވީމާ ވެރިކަން ކުރާ ޕާޓީއެއްގައި ހުރެފައި ސަރުކާރާ ހިޔާލު ތަފާތުވެގެން ދިއުމާއި އިދިކޮޅު ފަރާތެއްގައި ހުރެފައި ސަރުކާރަށް އައުމާ މެދު ހުރި ތަފާތު ރަނގަޅަށް ވިސްނާ ބޭފުޅަކަށް އެނގޭނެ،" މަހްލޫފް ވިދާޅުވި އެވެ.

މަހްލޫފް ވިދާޅުވީ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ހައްޔަރުކުރި ހިސާބުން ސަރުކާރުން އޭނާއާ މެދު ވެސް އެފަދަ އަމަލެއް ހިންގަފާނެ ކަމަށް ގަބޫލު ކުރެވިފައިވާ ކަމަށެވެ. ނާޒިމަކީ ރައީސް ޔާމީން ވެރިކަމަށް ގެންނަން ބޮޑު މަސައްކަތެއް ކުރި ބޭފުޅެއް ކަމަށްވާއިރު އޭނާއާ މެދު އެފަދަ ގޮތަކަށް އަމަލު ކުރުމަކީ ކޮންމެ މީހަކާ މެދު ވެސް އެގޮތަށް އަމަލުކޮށްފާނެ ކަން ޔަގީންވެގެން ދިޔަ ކަމެއް ކަމަށް ވިދާޅުވި އެވެ.

މަހްލޫފް ވިދާޅުވި ގޮތުގައި ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރި މައްސަލައިގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ދައުވާކުރާކަށް ނުޖެހެ އެވެ. އޭނާ ވިދާޅުވީ އަބްދުﷲ ގާޒީ ބަންދު ކުރުމުން ކުރި މުޒާހަރާތަކުގެ ތެރޭގައި ނަޝީދުގެ ވެރިކަން ވެއްޓިފައިވާތީ އެކަމަށް ލިބެންޖެހޭ އަދަބަށް ވުރެ ބޮޑު އަދަބެއް މިހާރު ނަޝީދަށް ލިބިފައިވާ ކަމަށް ވެސް މަހްލޫފް ވިދާޅުވި އެވެ.

"މި ގައުމު ސުހްލަވެރިކަމާ އަމާންކަމާ އެކު އޮތުމަށްޓަކައި ގައުމެއްގެ ހައިސިއްޔަތުން ވިސްނަންޖެހޭ ނިންމަންޖެހޭ ކުރަންޖެހޭ ކަންތައްތަކެއް ހުންނާނެ. އެގޮތުން ވިސްނާއިރު މި ގައުމުގެ ސުލްހަ މަސަލަސްކަމަށްޓަކައި އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ނަޝީދުގެ މައްޗަށް ދައުވާއަކުން ހައްޔަރުކޮށްފައި ބެހެއްޓުމުގެ ނަތީޖާއަކަށް ވާނީ އިތުރަށް މިގައުމުގައި ހަމަނުޖެހުންތަކެއް ހިނގުން،" މަހްލޫފް ވިދާޅުވި އެވެ.

މަހްލޫފް ވިދާޅުވި ގޮތުގައި ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ގެނައީ ވަރަށް ބޮޑު އުއްމީދަކާ އެކު ވަރަށް އަމާންކަމާ އެކު ހުރިހާ ކަމެއް ވެރިކަން ކުރާނެ ކަމަށް އުއްމީދުކޮށްގެން ކަމަށެވެ. ނަމަވެސް ދައުލަތުގެ ތިން ބާރު ރައީސް ޔާމީންގެ ކޮންޓްރޯލްގެ ދަށުގައި އޮތްއިރު ވެސް ރައީސް ޔާމީން މަސައްކަތް ކުރައްވަނީ ގައުމު ހަލަބޮލި ކުރަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ވަރަށް ރީތިކޮށް ވެރިކަމާއި ރައްޔިތުންގެ މަޖިލީހާއި ޖުޑިޝަރީގެ ބާރާއި މިނިވަން މުއައްސަސާތަކުގެ ބާރާއި މި ހުރިހާ އެއްޗެއް ލިބިވަޑައިގެންފައި އޮތްއިރު ވެސް ހަގީގަތުގައި ނާޖާއިޒް ގޮތުގައި ކަންތައްތަކެއް ކުރަން މަސައްކަތް ކުރައްވާ ތަން ފެންނަނީ." މަހްލޫފް ވިދާޅުވި އެވެ.

މަހްލޫފް ވިދާޅުވީ ކުރީގެ ރައީސް މައުމޫން ވެސް މި ސަރުކާރުގެ ބައެއް ކަންކަމާ މެދު ހިތްނުޖެހޭ ކަމަށާއި ސަރުކާރު ހިންގުމުގައި ވެސް އަދި ޕާޓީގެ ކަންކަމުގައި ވެސް މައުމޫން ދުރުކޮށްލާފައިވާ ކަމަށް މަހްލޫފް ވިދާޅުވި އެވެ. އަދި ޕާޓީގެ ކަންކަމުގައި އޭނާ ވެސް ބައިވެރި ނުކުރާ ކަމަށާއި ޕާޓީގެ ކަންކަމުން ދުރަށް ދިޔައީ އެހެންވެގެން ކަމަށް މަހްލޫފް ވިދާޅުވި އެވެ.

"އެހެންވީމަ ރައީސް މައުމޫން އެ ހިސާބުގައި ހުންނެވީމަ އަޅުގަނޑު ހުންނާނެ ހިސާބު ވިސްނާލައްވާ." މަހްލޫފް ވިދާޅުވި އެވެ.