ދުނިޔެ

އިންޑިއާގައި ފެންބޮޑުވެ 17 މީހުން މަރުވެއްޖެ

Aug 22, 2016

އިންޑިއާގެ ބޮޑުބައެއްގައި ފެންބޮޑުވެ 17 މީހުން މަރުވެއްޖެ އެވެ. މި 17 މީހުންނަކީވެސް މަދްޔަ ޕްރަދޭޝް ސްޓޭޓުން މަރުވި ކަމަށް ރިޕޯޓުކޮށްފައިވާ މީހުންނެވެ. ރިޕޯޓުތައް ބުނާ ގޮތުގައި ގިނަ އަދަދެއްގެ ކޯރުތައް ދަނީ ނުރައްކާތެރި މިންވަރަކަށް އުފުލެމުންނެވެ.

ފެން ބޮޑުވުމުގެ ސަބަބުން އިރުމަތީގައި އޮންނަ ބިހާރު ސްޓޭޓުން އެކަނިވެސް 15،000 އެއްހާ މީހުން ރައްކާތެރި ސަރަހައްދުތަކަށްވަނީ ބަދަލުކޮށްފަ އެވެ. އެސަރަހައްދުގެ ގިން ސްޓޭޓްތަކެއްގައިވަނީ ފެން ބޮޑުވެ އަޑިއަށް ގޮސްފަ އެވެ.

ކޮންމެ އަހަރެއްގެވެސް ޖޫން މަހާއި ސެޕްޓެމްބަރު މަހާއި ދެމެދު އިންޑިއާގައި ފެންބޮޑުވުމަކީ އާންމު ކަމެކެވެ. އެހެން ނަމަވެސް އެހެން އަހަރުތަކާއި ހިލާފަށ މިއަހަރު ގިނައިން ވާރޭ ވެހިފައިވާ ކަމަށާއި ބޮޑެތި ގިނަ ކޯރުތަކެއް ފުރެމުންދާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. ބިހާރު ސްޓޭޓުން އެކަނިވެސް ހަ ކޯރެއް ނުރައްކާތެރި މިންވަރަކަށް އުފުލިފައިވާ ކަމަށާއި އެސްޓޭޓުން ބަދަލުކުރި މީހުން 80 އެއްހާ ރިލީފް ކޭމްޕްތަކުގައި އެބަތިބި ކަމަށް ރިޕޯޓުތައް ބުނެ އެވެ. ބައެއް މީހުން އަޑިއަށް ގޮސްފައިވާ ގެތަކުގެ މަތީގައިވެސް ދިރިއުޅެމުން އަންނަ ކަމަށްވެ އެވެ.

އެއަވަށުގެ ރައްޔިތުންނާ ހަވާލާދީ ރިޕޯޓުތައް ބުނާ ގޮތުގައި އެމީހުންނަށް އެކަށީގެންވާ ގޮތަކަށް ކާބޯތަކެއްޗާއި ދޯނި ފަދަ ތަކެތީގެ އިންތިޒާމް ހަމަޖައްސާފައި ނުވާ ކަމަށެވެ. އަދި އެމީހުންނަށް ހެދޭނެ އިތުރު ގޮތެއް ނެތި ހާލުގައި ޖެހިފައިވާ ކަމަށެވެ.

އަވައްޓެރި އުއްތަރް ޕްރަދޭޝްގެ ކޯރުތައްވެސް ނުރައްކާ މިންވަރަކަށް އުފުލިފައިވާ ކަމަށާއި އެއަވަށުގައި ދިރިއުޅޭ މީހުން އުސް ސަރަހައްދުތަކަށް ބަދަލުވަމުންދާ ކަމަށެވެ. މިހާރުވެސް ކޮންމެސް ވަރަކަށް އަވަށު ތެރެއަށް ފެންނަމުންދާތީ ގިނަ ދަނޑުތަކެއް ހަލާކުވެފައިވާ ކަމަށްވެ އެވެ.