ދުނިޔެ

ބާރުގަދަ ތޫފާންގެ ސަބަބުން ޖަޕާނުގައި 400 ފްލައިޓް ކެންސަލް

Aug 22, 2016

ޖާޕާނުގެ ސަރަހައްދާ ދިމާލަށް މިސްރާބު ޖަހައިފައިވާ ވަރުގަދަ ތޫފާން މިންޑްލޭގެ ސަބަބުން ވެރިރަށް ޓޯކިޔޯގެ އެއާޕޯޓްގައި 400 އެއް ހާ ފްލައިޓް ކެންސަލް ކޮށްފި އެވެ.

ޖަޕާނުގެ މޫސުމާ ބެހޭ އިދާރާއިން ބުނީ މިއަދުގެ މެންދުރުގެ ވަގުތެއްގައި އެ ތޫފާން ޖާޕާނުގެ ސަރަހައްދަށް އަރާނެ ކަމަށެވެ. އަދި ތޫފާން ދަތުރު ކުރަމުންދަނީ ޓޯކިޔޯގެ އުސް ހިސާބާ ދިމާއިން އުތުރުގައި އޮންނަ ޓޯކޫ ސަރަހައްދާ ދިމާލަށް ކަމަށް ވެސް މޫސުމާ ބެހޭ އިދާރާއިން ބުނެ އެވެ.

ތޫފާންގެ އަސަރު ބޮޑުވަމުން އަންނައިރު ދަތުރު ކުރަމުންދަނީ ގަޑިއަކު 180 ކީލޯމީޓަރު ބާރު މިނުގައެވެ. އަދި އުތުރު ސަރަހައްދުގެ މިޔާކޭ ޖަޒީރާއަށް ތޫފާން އަމާޒުވެފައިވަނީ ގަޑިއަކު 25 ކިލޯމީޓަރު ބާރުމިނުގައި ކަމަށް މޫސޫމާ ބެހޭ އިދާރާއިން ވަނީ ބުނެފަ އެވެ.

ތޫފާންގެ ސަބަބުން މިޔާކޭގެ އެއްވެސް މީހަކަށް ގެއްލުންވިކަމުގެ ރިޕޯޓެއް މިހާތަނަށް އަދި ނުލިބެ އެވެ. ނަމަވެސް އެ ޖަޒީރާގެ 2600 އާއިލާ އާންމުދަނީ ހޯދާ ވަސީލަތަކީ މަސްވެރިކަމާއި ދަނޑުވެރިކަމާއި ފަތުރުވެރިކަން ކަމުގައިވުމުން، ތޫފާންގެ ސަބަބުން އެ ސިނާއަތްތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ކުރިމަތިވެފަ އެވެ.

"ފަރުބަދަ މަތީ ހިސާބުތަކުގައި ދިރިއުޅޭމީހުންނަށް ޓޯކިޔޯއިން އެހީތެރިކަން ފޯރުކޮށްދިނުން މުހިން. އަދި ތިރި ހިސާބުތަކުގައި ދަނީ ފެންބަޮޑުވަމުން. ކޯރުތައް އެވަހަށް ފުރިގެން ބަނޑުންވާނެ. ގަދަ ވަޔާއި ބޮޑެތި ރާޅުތަކުގެ އަސަރު ތިރި ހިސާބުތަކަށް ކުރާނެ." މޫސުމާބެހޭ އިދާރާއިން ބުނެފައިވެއެވެ.

ޖަޕާނުގެ ގައުމީ ބްރޮޑްކާސްޓާ އެންއެޗްކޭ އިން ބުނެފައިވަނީ ތޫފާންގެ ސަބަބުން 387 ފްލައިޓް ކެންސަލް ކޮށްފައިވާ ކަމަށެވެ. އަދި ގިނަ ފްލައިޓްތައް ކެންސަލްކޮށްފައިވަނީ ޓޯކިޔޯގެ ހެނޭޑާ އެއާޕޯޓުން ކަމަށް އެ އެޖެންސީއިން ބުންޏެވެ.

ޖަޕާން އެއާލައިނުން ބުނެފައިވަނީ މިއަދު މިހާތަނަށް އެތެރޭގެ އުދުހުންތަކުގެ 145 މަތިންދާބޯޓް ކެންސަލްކޮށްފައިވާ ކަމަށެވެ. އޭގެ ސަބަބުން 26910 މީހުންނަށް އަސަރުކޮށްފައިވާ ކަމަށް އެ އެއާލައިނުން ވަނީ ބުނެފައިވެއެވެ. އޯލް ނިޕޯން އެއާލައިނުން ބުނެފައިވަނީ އެތެރޭގެ އުދުހުންތަކުގެ 96 ފްލައިޓް ކެންސަލްކޮށްފައިވާ ކަމަށެވެ. އޭގެ ސަބަބުން 21300 ދަތުރުވެރިންނަށް އަސަރުކޮށްފައިވާ ކަމަށެވެ.

ހޮނިހިރު ދުވަހުން ފެށިގެން ޓޯކިޔޯއަށް ބޯކޮށް ވާރޭ ވެހެމުންދާ ކަމަށާއި އޭގެ ސަބަބުން ހައިވޭތަކުގައި ދުއްވާ ވެހިކަލްތަކަށްވެސް އަސަރުކޮށް ތިން އެކްސިޑެންޓް ހިނގާފައިވާ ކަމަށް އެންއެޗްކޭ އިން ވަނީ ރިޕޯޓްކޮށްފައެވެ.